ފާއިތުވި އަހަރުގެ ތިން ވަނަ ކުއާޓަރ ނިމުނުއިރު، ރާއްޖޭގެ ދައުލަތުގެ ޕަބްލިކް އެންޑް ޕަބްލިކްލީ ގެރެންޓީޑް ދަރަނީގެ ޖުމަލް އަދަދު ހުރީ 79،833 މިލިއަން ރުފިޔާގައިކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައިފިއެވެ.
ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާގޮތުން ދައުލަތުގެ އެކްސްޓަރނަލް ދަރަނީގެ ގޮތުގައި ހުރީ 38،125 މިލިއަން ރުފިޔާއެވެ. އަދި ޑޮމެސްޓިކް ދަރަނީގެ ގޮތުގައި ހުރީ 41،708 މިލިއަން ރުފިޔާއެވެ.
ފާއިތުވި އަހަރުގެ ދެވަނަ ކުއާޓަރ ނިމުނު އިރު ޕަބްލިކް އެންޑް ޕަބްލިކްލީ ގެރެންޓީޑް ދަރަނި 74,330 މިލިއަން ރުފިޔާގައި ހުރި އިރު، އެކްސްޓާނަލް ދަރަނި ހުރީ 37,705 މިލިއަން ރުފިޔާގައެވެ. އަދި ޑޮމެސްޓިކް ދަރަނި ހުރީ 36,626 މިލިއަން ރުފިޔާގައެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ތިން ވަނަ ކުއާޓަރ ނިމުނު އިރު، ބަޖެޓްރީ ސެންޓްރަލް ގަވަމެންޓް ދަރަނި ހުރީ 63,624 މިލިއަން ރުފިޔާގައެވެ. އެއީ އެކްސްޓާނަލް ދަރަނީގެ 22,863 މިލިއަން ރުފިޔާއާއި ޑޮމެސްޓިކް ދަރަނީގެ 40,761 މިލިއަން ރުފިޔާއެވެ.
ދެ ވަނަ ކުއާޓަރ ނިމުނުއިރު، ބަޖެޓްރީ ސެންޓްރަލް ގަވަމެންޓް ދަރަނި ހުރީ 57,709 މިލިއަން ރުފިޔާގައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ޕަބްލިކް އެންޑް ޕަބްލިކްލީ ގެރެންޓީޑް ދަރަނީގެ ނިސްބަތުން ބަޖެޓްރީ ސެންޓްރަލް ގަވަމެންޓް ދަރަނި ހުރީ 80 އިންސައްތައިގައެވެ. އަދި ޖީޑީޕީގެ ނިސްބަތުން ބަޖެޓްރީ ސެންޓްރަލް ގަވަމެންޓް ދަރަނި ހުރީ 110 އިންސައްތައިގައެވެ.
ގެރެންޓީޑް ދަރަނީގެ އަދަދުތަކަށް ބަލާއިރު، 2020 ވަނަ އަހަރުގެ ތިން ވަނަ ކުއާޓަރ ނިމުނުއިރު، ގެރެންޓީޑް ދަރަނި ހުރީ 16,209 މިލިއަން ރުފިޔާގައެވެ. އެއީ އެކްސްޓާނަލް ދަރަނީގެ 15,262 މިލިއަން ރުފިޔާއާއި ޑޮމެސްޓިކް ދަރަނީގެ 947 މިލިއަން ރުފިޔާއެވެ.
ޕަބްލިކް އެންޑް ޕަބްލިކްލީ ގެރެންޓީޑް ދަރަނީގެ ނިސްބަތުން 20 އިންސައްތައިގައި ގެރެންޓީޑް ދަރަނި ހުރިއިރު، ޖީޑީޕީގެ ނިސްބަތުން ގެރެންޓީޑް ދަރަނި ހުރީ 28 އިންސައްތައިގައެވެ.
ފާއިތުވި އަހަރުގެ ދެ ވަނަ ކުއާޓަރ ނިމުނު އިރު، ދައުލަތުގެ ޕަބްލިކް އެންޑް ޕަބްލިކްލީ ގެރެންޓީޑް ދަރަނި ޖީޑީޕީގެ ނިސްބަތުން 128 އިންސައްތައިގައި ހުރިއިރު، ތިން ވަނަ ކުއާޓަރ ނިމުނުއިރު މި އަދަދު ވަނީ 138 އިންސައްތައަށް އިތުރުވެފައެވެ.
ދައުލަތުގެ ދަރަނި ޖީޑީޕީގެ ނިސްބަތުން އިތުރުވެފައިވަނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ޖީޑީޕީ ދަށަށް ދިއުމުންނެވެ. ޖީޑީޕީ ދަށަށް ދިއުމުގެ ސަބަބުން ފިސްކަލް ރެސްޕޮންސިބިލިޓީ އެކްޓްގައި ޑެޓް ޓަރގެޓްގެ ގޮތުގައި ފާހަގަކޮށްފައިވާ ކަންތައްތައް ހާސިލްކުރުމަށް ވަނީ ދަތިވެފައެވެ.