މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޚިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.
މީރާ އިން ޚިދުމަތްދޭ ގަޑިތަކަށް ބަދަލު ގެންނަން ނިންމާފައިވަނީ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުން ފެށިގެންނެވެ. އެގޮތުން ޓެކްސްޕޭޔަރ ސަރވިސް ސެންޓަރާއި ހުޅުމާލެ ކަލެކްޝަން ސެންޓަރުން ޚިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނައުމަށް ނިންމާފައިވެއެވެ.
މީރާ އިން ބުނީ ޚިދުމަތް ދިނުމަށް ނަންބަރު ދޫކުރާނީ ހެނދުނު 08:15ން މެންދުރުފަހު 12:00ށް ކަމަށެވެ. މިހާރު އަމަލު ކުރަމުންދާ ގޮތަށް މީރާގެ ސަރވިސް ސެންޓަރުތަކުން ޓޯކަން ނަންބަރު ދޫކުރުމުގެ ބަދަލުގައި ޓޯކަން ނަންބަރު ދޫކުރާނީ މީރާގެ މޯބައިލް އެޕްލިކޭޝަން އަދި ކިއު-ބީ އެޕްލިކޭޝަން މެދުވެރިކޮށް ކަމަށް އެ އޮތޯރިޓީ އިން ބުންޏެވެ.
އަދި އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިން ޓޯކަން ނެގެން ނެތްނަމަ 3020460 އާ ގުޅައިގެން އެޕޮައިންޓްމަންޓް ހެދޭނެ ކަމަށް ވެސް މީރާއިން ބުންޏެވެ.
ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި މީރާގެ ޚިދުމަތްތައް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވުމުން ވީހާވެސް ގިނަ ފަރާތްތަކުން އެމަގު އިޚްތިޔާރުކުރަން މިރާއިން އިލްތިމާސްކުރެއެވެ. އަދި އެއްވެސް ފޯމެއް ހުށަހަޅާނަމަ އެފޯމުގައިވާ އީމެއިލް އެޑްރެހަށް މެއިލް ކުރުމަށާއި، މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން މީރާގެ 1415 ނަމްބަރާ ގުޅައި ސާފުކުރެއްވުމަށް މީރާއިން ވަނީ އެދިފައެވެ.
ރާއްޖޭގައި އަނެއްކާވެސް ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާ ދަނޑިވަޅުގައި ސަރުކާރު އޮފީސްތަކުން އޮންލައިންކޮށް ޚިދުމަތްދޭ ގޮތަށް ވަނީ ނިންމާފައެވެ.