ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ވިންގް ގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޑޭ ބާއްވައިފިއެވެ.
މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެ ހަރަކާތަކީ ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހު ކުރިއަށްގެންދާ ޕީ.ޑީ ސެޝަންގެ އިތުރުން ޖެނުއަރީ މަހުގެ އެންމެފަހު ބުރާސްފަތި ދުވަހު ވިންގް ލެވަލްގައި ކުރިއަށް ގެންދިޔަ ޕީ.ޑީ ސެޝަނެކެވެ.
އެ ސެޝަންގައި އެފް.ސީ.ޕީ.ގެ ސްޓާފުންގެ އިތުރުން ކްރައިމް ކޮމާންޑްގެ ތަހުގީގުކުރާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުން ބައިވެރިވެފައިވާއިރު މިއީ އެފް.ސީ.ޕީ ވިންގުގެ ފަރާތުން ކުރިއަށްގެންދިޔަ 5 ވަނަ ޕީ.ޑީ ސެޝަންކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
ޔުނިސެފް މޯލްޑިވްސްއާއި އެފް.ސީ.ޕީ ގުޅިގެން ކުރިއަށް ގެންދިޔަ އެ ސެޝަން ނަގާފައި ވަނީ ޔުނިސެފްގެ ކޮންސަލްޓެންޓް ޑޮކްޓަރ މާރިޔާ އަލީއެވެ. ޑޮކްޓަރ މާރިޔާއަކީ އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރެއްވުމުގެ އިތުރުން ސައިކޮލޮޖީ އަދި ސޯޝަލް ވޯރކްގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލްކުރައްވައި، އެ ދާއިރާއިން ޚާއްޞަވެފައިވާ ޑޮކްޓަރެކެވެ.
އެގޮތުން ޑރ. މާރިޔާ އޮންލައިންކޮށް ކުރިއަށް ގެންގޮސްދެއްވި މެންޓަލް ހެލްތް ސެޝަންގައި، ބޮޑެތި އަދި ޗައިލްޑް އެބިއުސްއާއި ޑޮމެސްޓިކް ވަޔަލަންސް ފަދަ ހައްސާސީ މައްސަލަތައް ތަހުގީގުކުރުމުގައި މަސައްކަތްކުރާ އޮފިސަރުންނާއި ފުލުހުންކުރާ މަސައްކަތުގައި ދިމާވާ ސްޓްރެސްތަކަށް ސެލްފް ކެއަރ މުހިންމުވާ ސަބަބުތަކާއި ޓްރޯމާ އަކީ ކޮބައިކަމާއި ޓްރޯމާގެ ސަބަބުން ކުރިމަތިވާ އުނދަގޫތަކާ އަދި އެކަންތައްތަކުން ނަފްސު ދުރުހެލިކޮށް ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށްޓަކައި ކޮންމެ ދުވަހަކު ވެސް ހަށިގަނޑުގެ ވަގުތު ހަށިގަނޑަށް ދީގެން ދުވަސް ފެށުމުގެ މުހިންމުކަން ވަނީ ބުނެދެއްވާފައެވެ. އަދި ހަށިގަނޑުގެ ގުނަވަންތަކުން ހަށިގަނޑަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކާ މެދު ވިސްނައި އެ ކަންތައްތަކަށް ޝުކުރުވެރިވުމަކީ ﷲ ސުބުހާނަހޫ ވަތަޢާލާ އަހަރެމެންނަށް ދެއްވި ހަށިގަނޑުގެ ނިޢުމަތްތަކަށް ޝުކުރުވެރިވުމަށް ކުރެވޭނެ މުހިންމު ކަމެއްކަމުގައި ޑރ. މާރިޔާ ބުނެދެއްވާފައިވެއެވެ.
އަދި މަސައްކަތުގެ މާހައުލުން ނުވަތަ މީހެއްގެ ދިރިއުޅުމުގެ ހަޔާތުގައި ދިމާވެފައިވާ ޓްރޯމާ ނުވަތަ ނުތަނަވަސްކަމާއި ރުޅިއާއި ހިތާމަތައް ފަދަ ކަންތައްތަކުން ނަފްސު ހަލާކުވުމުގެ ކުރިން، ހަށިގަނޑުގެ އެކި ގުނަވަންތަކަކަށް އަސަރުކުރުވާ އިހުސާސްތަކަކީ ކޮބައިކަމާއި، އެފަދަ ކަންތައްތަކުން ހަށިގަނޑު ދުރުކުރުމަށްޓަކައި ކުރާނެ ކި ގޮންގް ކަސްރަތުގެ މުހިންމުކަން ވަރަށް ތަފްސީލްކޮށް ބައިވެރިންނަށް ވަނީ ބުނެދެއްވާފައެވެ. އަދި މި ކަސްރަތު ކޮށްދެއްވާ އިނގިރޭސިވިލާތުގެ އިންސްޓްރަކްޓަރެއްކަމަށްވާ ސަމަންތާ ލީ (ސޭމް) ގެ އެހީގައި ވަނީ އޮންލައިންކޮށް، ބައިވެރިންނަށް އެއްގަޑިއިރުގެ ކި ގޮންގް ސެޝަނެއް ވެސް ކުރިއަށް ގެންގޮސްދެއްވާފައެވެ. މީގެ އިތުރުން ބައިވެރިންގެ ހަށިގަނޑު ރިލެކްސް ކުރާނެ ގޮތުގެ ޕްރެކްޓިކަލްތައް ވެސް ކުރިއަށް ގެންގޮސްދެއްވާފައިވެއެވެ. މެންދުރު ފަހު 13:00 އިން 17:00 އަށް ކުރިއަށްގެންގޮސްފައިވާ އެ ސެޝަން ނިންމާލާފައިވަނީ ބައިވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ޚާއްޞަކުރެވުނު ވަގުތުކޮޅެއް ވެސް ހިމަނައިގެންނެވެ.
އެ ސެޝަނަށްފަހު ޑޮކްޓަރ މާރިޔާއަށް ޝުކުރު ދެންނެވުމާއެކު، އެފް.ސީ.ޕީ ވިންގުގެ މަސައްކަތްތައް ކުރިއަރުވައި މުވައްޒަފުންގެ ދުޅަހެޔޮކަމަށްޓަކައި މެނޭޖްމަންޓް ލެވަލްގައި ކަންތައްތަކެއް ކުރިއަށް ގެންދަންޖެހޭކަމާ، އެއީ ކިހާ މުހިންމު ކަމެއްކަން އެނގިގެންދިޔަ ކަމުގައި ވިންގް ހެޑް ވަނީ ފާހަގަ ކުރައްވާފައެވެ.