ފާއިތުވެދިޔަ 24 ގަޑިއިރުތެރޭގައި ރާއްޖެއިން 134 މީހުން ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.
އެޗްޕީއޭއިން އެންމެ ފަހުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން ބުދަ ދުވަހުގެ ހަވީރު 06:00ން ފެށިގެން ބުރާސްފަތި ދުވަހުގެ ހަވީރު 06:00 އާއި ހަމައަށް ރާއްޖެއިން 3،886 މީހަކު ކޮވިޑަށް ޓެސްޓު ކޮށްފައިވާއިރު، އޭގެ ތެރެއިން 134 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޕޮޒިޓިވްވި މީހުންގެ ތެރެއިން 110 މީހުން ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުންނެވެ. އަތޮޅުތެރެއިން 9 މީހަކު ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 13 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި ނުހުޅުވާ ރެސޯޓަކުން އެކަކު ޕޮޒިޓިވްވެފައިވާއިރު، ސިނާއީ މަސައްކަތް ކުރާ ރަށަކުންވެސް އެކަކު ވަނީ ޕޮޒިޓިވްވެފައެވެ.
މީގެ އިތުރުން އެޗްޕީއޭއިން ވަނީ ބުރާސްފަތި ދުވަހު 1،626 މީހުން ވެކްސިން ޖަހާފައިވާކަންވެސް ހާމަކޮށްފައެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މާލޭ ސަރަހައްދުން 1،477 މީހުން ވެކްސިން ޖަހާފައިވާއިރު، 149 މީހަކު އަތޮޅުތެރެއިން ވަނީ ވެކްސިން ޖަހާފައެވެ. އެއާއިއެކު ރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދު 3،204ށް އަރާފައިވާއިރު މާލެ ސަރަހައްދުން 2،786 މީހަކު ވަނީ ވެކްސިން ޖަހާފައެވެ. އަދި އަތޮޅުތެރެއިން 418 މީހުން ވަނީ ވެކްސިން މިހާތަނަށް ޖަހައިފައެވެ.
ބުރާސްފަތި ދުވަހު އިތުރު 134 މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއިއެކު ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 16،410ށް އަރައިފައެވެ. އެކްޓިވް ކޭސްގެ އަދަދު 1،930ށް އަރާފައިވާއިރު ރާއްޖެއިން މިބަލީގައި މިހާތަނަށް 54 މީހުން ނިޔާވެފައިވެފައެވެ. އަދި 14،419 މީހަކުވަނީ ބަލިން ފަސޭހަވެފައެވެ.