މިއަހަރުގެ މޭ/ޖޫންގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭ.އެސް/އޭލެވެލް އިމްތިހާނު ނުބާއްވަން ނިންމައިފިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އިމްތިހާނު ނުބާއްވަން ނިންމީ 3 ފެބުރުއަރީ 2021 ވަނަ ދުވަހުގެ ކޮވިޑް-19 ގެ ހާލަތަށް ރިއާޔަތްކޮށް އިނގިރޭސި ވިލާތުގެ ޕިއަރސަންއިން ކަމަށެވެ.
އެ މިނިސްޓްރީން ބުނީ މިއަހަރުގެ މޭ/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭ.އެސް/އޭ ލެވެލް އިމްތިހާނު ތާވަލުކުރެވިފައިވާ ގޮތަށް ކުރިޔަށް ނުގެންދާނެ ކަމަށެވެ. އަދި މިއަހަރުގެ މޭ/ޖޫން ގައި އޭ.އެސް/ އޭލެވެލް އިމްތިހާނުތަކުގައި ބައިވެރިވާ ދަރިވަރުންގެ ފެންވަރު ވަޒަންކުރުމާއި ސެޓްފިކެޓް ދިނުމުގެ ކަންކަން ކުރިޔަށް ގެންދާނެ ގޮތެއް، މި ހިނގާ ފެބުރުއަރީ މަހުގެ 22 ގައި އިނގިރޭސިވިލާތުގެ "އޮފްކޮލް"އިން އިއުލާން ކުރާނެ ކަމަށެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މިއަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭ.އެސް/ އޭލެވެލް އިމްތިހާނު ތާވަލުކުރެވިފައިވާ ގޮތަށް ކުރިޔަށް ދާނެކަމަށާއި، މި ނިންމުމާ ގުޅިގެން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްއިން ކުރިޔަށް ގެންދާ އޭ.އެސް/ އޭލެވެލްގެ އެޕްލިކޭޝަން މަރުހަލާ އަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އެހެންކަމުން މިހާރު ތާވަލުކުރެވިފައިވާ ގޮތަށް މިކަންކަންކުރިއަށް ގެންދިއުމަށް މިނިސްޓްރީން އެދިފައިވެއެވެ.
މީގެ އިތުރުން އޭ.އެސް/ އޭ ލެވެލް އިމްތިޙާނުތަކަށް ދަރިވަރުން ތައްޔާރުވަމުން ދިޔަ ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް، ސްކޫލްތަކަށާއި އަމިއްލަ ގޮތުން އިމްތިހާނަށް ތައްޔާރުވާ ދަރިވަރުން ކުރިޔަށް ގެންދިޔުމަށްވެސް މިނިސްޓްރީން އެދިފައިވެއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ރާއްޖެއިން މި އިމްތިހާންގައި ބައިވެރިވާ ފަރާތްތަކުގެ އެސެސްމެންޓް ކުރިއަށް ގެންދެވޭނެ އިތުރުގޮތެއް އޮތްތޯ ބެލުމަށް މިހާރު އެޑެކްސެލްއާއިއެކު މަޝްވަރާ ކުރެވެމުންދާ ކަމަށެވެ. އަދި މި މަޝްވަރާގައި ދަރިވަރުންނާއި، ސްކޫލްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދާނެކަމަށްވެސް މިނިސްޓްރީން ބުނެއެވެ.