ޗައިނާއިން ރާއްޖެއަށް ސިނޮފަރމް ވެކްސިންގެ އެއްލައްކަ ޑޯޒް ދިނުމަށް ނިންމައިފިއެވެ.
ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒަންގ ލިޒޮންގ ބުރާސްފަތި ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި މި ބައްދަލު ކުރެއްވުމުގައި ޗައިނާއިން ރާއްޖެއަށް ވެކްސިން ދިނުމަށް ނިންމި ވާހަކަ ހިއްސާ ކުރައްވާފައިވާކަމަށާއި ވެކްސިން ރާއްޖެއަށް އަވަަހަށް ލިބޭނެ ގޮތްތައް ހޯދުމަށް މަޝްވަރާތައްވެސް ކުރައްވާފައިވާ ކަމަށެވެ.
ޗައިނާ ސަރުކާރުންވެސް ރާއްޖެއަށް ވެކްސިން ދޭން ނިންމާފައިވާއިރު ޗައިނާގެ ސިނޮފާރމް ކުންފުނިން ކޮވިޑް-19 އަށް އުފައްދާފައިވާ ވެކްސިންގެ 5000 ޑޯޒް ހެޔޮއެދޭ ފަރާތަކުން ރާއްޖެއަށް ހަދިޔާ ކޮށްފައިވާކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުންވެސް ވަނީ ދާދި ފަހުން ބުނެފައެވެ. އަދި ވެކްސިނަށް ހުއްދަ ދިނުމުގެ ކުރިން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބަލަން ޖެހޭ ކަންތައްތައް ބަލާނެ ކަމަށް އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވަނީ ވިދާޅުވެފައެވެ.
ޗައިނާގެ ސިނޮފަރމްއިން ކޮވިޑް-19އަށް ދެ ވެކްސިނެއް އުފައްދާފައިވާއިރު، ރާއްޖެއަށް ލިބިފައި ވަނީ ސިނޮފަރމްގެ ކޮން އިންސްޓިޓިއުޓަކުން އުފައްދާފައިވާ ވެކްސިނެއްކަމެއް އެޗްއީއޯސީން ހާމައެއް ނުކުރެއެވެ.
ސިނޮފާރމްގެ ވޫހާން އިންސްޓިޓިއުޓް އޮފް ބަޔޮލޮޖިކަލް ރީސާރޗް އަދި ބެއިޖިން އިންސްޓިޓިއުޓް އޮފް ބަޔޮލޮޖިކަލް ރިސާރޗުން ވަނީ ކޮވިޑް-19އަށް ވެކްސިން އުފައްދާފައެވެ. އެގޮތުން ވޫހާން އިންސްޓިޓިއުޓްގެ ވެކްސިން އެމެޖެންސީކޮށް ބޭނުން ކުރުމުގެ ހުއްދަ ޗައިނާ އަދި ޔޫއޭއީން ދީފައިވާއިރު، މިވެކްސިންގެ ކްލިނިކަލް ޓްރަޔަލްގެ ފޭސް ތިނެއްގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.
ބެއިޖިން އިންސްޓިޓިއުޓުން ކޮވިޑް-19އަށް އުފައްދާފައިވާ ވެކްސިނަކީ 79 އިންސައްތަ ކާމިޔާބު ވެކްސިނެއްކަމަށް ދައްކާފައިވާ އިރު، މިވެކްސިނަކީ ދެ ޑޯޒުން ތިން ހަފްތާގެ ދުރުމިނުގައި ދޭން ޖެހޭ ވެކްސިނެކެވެ. މި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ޗައިނާ، ޔޫއޭއީ އަދި ބަހްރައިންގައި ދީފައިވާއިރު މިވެކްސިން ބޭނުން ކުރުމުގެ އެމެޖެންސީ ހުއްދަ ހަންގޭރީ، ޖޯޑަން، ޕާކިސްތާނު އަދި މިސްރުގައި ވަނީ ދީފައެވެ.