ކ. މާލެ
|
4 ފެބްރުއަރީ 2021 | ބުރާސްފަތި 10:35
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވާވަދެއްވަނީ
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވާވަދެއްވަނީ
ރާއްޖެ އެމްވީ
ބޯހިޔާވަހިކަން
ރިޔާސީ ބަޔާން 2021: މަދުވެގެން 5000 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް މާލެ ސަރަޙައްދުގައި މިއަހަރު ފެށޭނެ
 
ހުޅުމާލޭގައި ހަދާ އެފޯޑަބަލް ރޭންޖްގެ 2000 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިހަފުތާގައި ވަނީ ސޮއިކޮށްފައި
 
1000 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް މިހާރު ފަށާފައި
 
2000 ހައުސިންގ ޔުނިޓާއެކު، މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 5000 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް ފެށޭނެ

ދިވެހި ރައްޔިތުންގެ ދިމާވެފައިވާ އަދި ޚާއްޞަކޮށް މާލެ ސަރަހަޙައްދުގެ ބޯހިޔާވަހިކަމަށް ހައްލެއް ގެނައުމަށް މަދުވެގެން 5000 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް މާލެ ސަރަހައްދުގައި މިއަހަރު ނިމުުގެ ކުރިން ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމާއި، ރިޔާސީ ބަޔާން އިއްވުމަށް ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވާދެއްވަމުން ރައީސް ޞާލިޙު ވިދާޅުވީ، މާލެއާއި އެހެން ބައެއް ރަށްރަށަށް ދިމާވެފައިވާ، ބޯހިޔާވަހިކަމުގެ ދަތިކަމަށް އަވަސް ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދީގެން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ރައީސް ވިދާޅުވީ، މާލޭގެ ބޯހިޔާވަހިކަމަށް ޙައްލެއް ހޯދުމަށް ރޭވި މަޝްރޫޢުތައް، ދިމާވި ބައެއް ސަބަބުތަކާ ހެދި މަޑުޖެހުމަށްފަހު، އެމަޝްރޫޢުތަކުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށާއި އޭގެ ތެރެއިން، 1000 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި ހުޅުމާލޭގައި ހަދާ އެފޯޑަބަލް ރޭންޖްގެ 2000 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިހަފުތާގައި ސޮއިކޮށްފައިވާ ކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ. އަދި މިޔުނިޓްތަކުގެ އަމަލީ މަސައްކަތް މެއި މަހުގެ ތެރޭގައި ފެށޭނެ ކަމަށާއި މި ހައުސިންގ ޔުނިޓުތަކަކީ ކުރިން ތަރައްޤީކޮށްފައިވާ މި ގިންތީ ގެ ހައުސިން ޔުނިޓުތަކާ އަޅައި ބަލާއިރު، ސައިޒުގެ ގޮތުން ތަނަވަސް އަދި، ނިސްބަތުން އަގުވެސް ހެޔޮ ޔުނިޓުތަކަކަށްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރު، 2000 ހައުސިންގ ޔުނިޓާއެކު، މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 5000 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް، މާލެ ސަރަޙައްދުގައި ފެށޭނެ ކަމަށާއި އޭގެ އިތުރުން މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް، އިތުރު މަޝްރޫޢެއް ފެށުމަށް ޕްލޭންކުރަމިން އަންނަ ކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ، ފެނާއި ނަރުދަމާ ނިޒާމަކީ، ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޙައްޤަކަށް ވިޔަސް، އެމަނިކުފާނު ވެރިކަމާ ހަވާލުވިއިރު، ރާއްޖޭގެ 70 އިންސައްތަ އަށް ވުރެ ގިނަ ރަށުގައި ފެނާއި ނަރުދަމާ ނިޒާމެއް ނެތް ކަމަށެވެ. އެހެންކަމުން، މިދިޔަ ދެ އަހަރުގެ ތެރޭގައި ވަރަށް ގިނަ ރަށްރަށުގައި ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ފަށާފައިވާނެ ކަމަށާއި މިހާތަނަށް ނުފެށި ހުރި ރަށްރަށުގެ ތެރެއިން 20 ރަށެއް ފިޔަވައި، އެހެން ހުރިހާ ރަށެއްގެ މަސައްކަތް، މި މަސް ނިމުމުގެ ކުރިން އިރާދަކުރެއްވިއްޔާ އެކި ފަރާތްތަކާ ޙަވާލުކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އެ 20 ރަށުގެ މަސައްކަތް ވެސް މިއަހަރު ނިމުމުގެ ކުރިން ބަޔަކާ ޙަވާލުކުރެވޭނެ ކަމަށާއި އޭރުން، މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި، މާތް اللهގެ ވާގިފުޅާއެކު ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފެށޭނެ ކަމަށް ވެސް ރައީސް ޞާލިޙްގެ މި އަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
100%
0%
0%
0%
0%
ކޮމެންޓް