ކ. މާލެ
|
4 ފެބްރުއަރީ 2021 | ބުރާސްފަތި 09:31
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް
ރައީސް އޮފީސް
ރިޔާސީ ބަޔާން 2021
އިޤުތިޞާދީ ހަރަކާތްތައް އިތުރުކޮށް އިޤުތިޞާދު ސިންދަފާތުކުރުމުގެ މަސައްކަތް ފަށައިފިން - ރައީސް
 
ފަތުރުވެރިކަމުގެ ދާއިރާއިން އެކަނި، އިތުރު 9،000 ވަޒީފާ މިއަހަރުގެ ތެރޭގައި އުފެދޭނެ
 
މިއަހަރުގެ ތެރޭގައި ޖުމްލަ 18 ރިސޯޓެއް މުޅިން އަލަށް ހުޅުވި 5،062 އެނދު މާރކެޓަށް ނެރެވޭނެ
 
އިޤުތިޞާދު އަލުން އާރާސްތުކުރުމަށް، އެއް އަހަރާއި ދެ އަހަރާ ދެމެދުގެ މުއްދަތެއް ނަގާނެ

ރާއްޖޭގެ އިޤުތިޞާދު ވީ އެންމެ އަވަހަށް ކުރީގެ ހާލަތަށް އެނބުރި ގެނަސް، އިޤުތިޞާދު ސިންދަފާތުކޮށް، އިޤުތިޞާދީ ހަރަކާތްތައް އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިއަހަރިގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޞާލިޙު ވިދާޅުވީ ކޮވިޑާއި ދެކޮޅަށް މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ދުވެލި ހުރި ގޮތަށް ބަލާއިރު، އިޤުތިޞާދު އަލުން އާރާސްތުކުރުމަށް، އެއް އަހަރާއި ދެ އަހަރާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށް ބެލެވޭ ކަމަށެވެ.

ވީހާވެސް އަވަހަށް އިޤުތިޞާދު އަލުން އާރާސްތުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ފަތުރުވެރިކަން އަލުން ކޮޅަށްޖެހުމަށް މަސައްކަތްކުރާއިރު، މި ސިނާޢަތުގެ ފައިދާ ރާއްޖޭގެ އެންމެ އުތުރާ ދެކުނަށް ލިބޭނެކަން ކަށަވަރުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ އަމާޒަށް ވާސިލުވުމަށްޓަކައި، ރަށު ފަތުރުވެރިކަން ފުޅާކުރުމުގެ ގޮތުން ، ޓޫރިސްޓް ހޮޓަލާއި ގެސްޓް ހައުސް ހެދުމަށް، ރާއްޖޭގެ އެކި ރަށްރަށުން، މިދިޔަ އަހަރުގެ ފަހުކޮޅު ބިންތައް ބީލަމަށް ހުޅުވާލާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރިސޯޓްތަކުގެ ވަކިވަކި ވިލާތަކާއި ކޮޓަރިތައް، ދިގު މުއްދަތަށް އެހެން ފަރާތްތަކަށް ކުއްޔަށް ދެވޭ ގޮތަށް، ގާނޫނަށް ބަދަލު ގެނަސްފައިވާކަން ފާހަގަކުރައްވައި، މިއީ ރާއްޖޭ ގެ ފަތުރުވެރިކަން ސިންދަފާތުކުރުމަށް ކުރެވޭ ވަރަށް މުހިންމު ކަމެއްކަމަށް ރައީސް ޞާލިޙް ވަނީ ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވެފައެވެ. އަދި މިހާރު ތަރައްގީކުރަމުން އަންނަ ރިސޯޓްތަކާއެކު، މިއަހަރުގެ ތެރޭގައި ޖުމްލަ 18 ރިސޯޓެއް މުޅިން އަލަށް ހުޅުވި 5،062 އެނދު މާރކެޓަށް ނެރެވި، ފަތުރުވެރިކަމުގެ ދާއިރާއިން އެކަނި އިތުރު 9،000 ވަޒީފާ މިއަހަރުގެ ތެރޭގައި އުފެދޭނެ ކަމަށް އަންދާޒާކުރެވޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އިޤުތިޞާދީ ސިނާޢަތްތައް ފުޅާކުރާއިރު، އެ ސިނާޢަތްތަކަށް ބޭނުންވާ މީހުން ބިނާ ކުރުމުގެ ގޮތުން، އަހަރަކު މަދުވެގެން 1200 ޒުވާނުން ތަމްރީން ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި މި ޕްރޮގްރާމްގެ ދަށުން މިވަގުތު، ފަތުރުވެރިކަމުގެ ދާއިރާއާއި، އެ ދާއިރާއާ ގުޅުން ހުރި ކޮންސްޓްރަކްޝަން ދާއިރާއާއި، އައިސީޓީ ދާއިރާއިން ޒުވާނުން ތަމްރީން ކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ ކޮވިޑް-19ގެ ސަބަބުން ބޭރު ފައިސާގެ އާމްދަނީ ދަށްވެ، އިމްޕޯރޓަށް ބޭނުންވާ ޑޮލަރު ހޯދުމުގައި، އާއްމުންނަށާއި ވިޔަފާރިތަކަށް ވަރަށް ބޮޑު ދަތިތަކާއި ކުރިމަތިލާން ޖެހުނުކަން ފާހަގަކުރައްވާފައެވެ. އަދި އެކަން ހައްލުކުރުމަށް ބޭންކުތައް މެދުވެރިކޮށް، ފޮރިން އެކްސްޗޭންޖް ބާޒާރަށް ޑޮލަރު ފޯރުކޮށްދޭ މިންވަރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން، މިދިޔަ އަހަރުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން އިތުރުކޮށްދީފައިވާނެ ކަމަށާއި ރާއްޖެއަށް ބޭނުންވާ ވަރަށް ޑޮލަރު ލިބުނު ނަމަވެސް، ވިޔަފާރިތަކަށާއި އާންމުންގެ ބޭނުންތަކަށް ޑޮލަރު ލިބުމުގައި ވަރަށް ބޮޑެތި ދަތިތަކެއް އެބަހުރިކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި، ރާއްޖެއަށް ވަންނަ ބޭރު ފައިސާ، ރާއްޖޭގެ އިޤުތިޞާދުގެ ތެރޭގައި ދައުރުކުރުމަށްޓަކައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ، ސަރުކާރުން ކުރަންޖެހިފައި އޮތް ކަމެއްކަމަށާއި ރައްޔިތުން ބޭނުންވާ ވަރަށް ދަތިނުވެ ޑޮލަރު ލިބޭނެ ގޮތް ހެދުމަށްޓަކައި، ސިޔާސަތުތައް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް