ފާއިތުވި އަހަރު ކޮވިޑް-19 ބަލިމަނޑުކަމާއެކު ހޭދަކުރަން ޖެހިފައިވާއިރު، ބަލިމަނޑުކަމުގެ ސަަބަބުން އާންމު ރައްޔިތުންނަށާއި ވިޔަފާރިތަކަށް ދިމާވި ގޮންޖެހުންތަކުން އަރައިގަތުމަށް އެހީވުމަށް ސަރުކާރުން ގިނަ އެހީތަކެއް ފޯރުކޮށްދީފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ރައީސް ޞާލިޙު ދެއްވި ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވަނީ ކޮވިޑް-19ގެ ސަބަބުން ނިސްބަތުން އިޤުތިޞާދީ އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ގައުމަކީ ރާއްޖެކަމަށާއި އިޤުތިޞާދު ހީނަރުވެގެން ވިޔަފާރިވެރިންނާއި އާންމު ރައްޔިތުން ކަންބޮޑުވެ، ހާސްވާނެ މިންވަރު ވަޒަންކުރެވުނުކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުންނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އެހާލަތަށް ދޫކޮށްލިނަމަ ގައުމަށް ކުރިމަތިވާނެ ގެއްލުން އަންދާޒާ ކުރެވުނުކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކަށްވީ ވިޔަފާރިތައް ހަލާކުވިޔަނުދީ ހިފަހައްޓައިދީ، ވަޒީފާއަށް އަސަރުކުރި މީހުންނަށް ހާލުގައި ނުޖެހި ދިރިއުޅުމުގެ ކަންކަން ހަމަޖެއްސޭނެ ގޮތެއް ހޯދައިދީ، އާއިލާތަކަށް އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށެވެ.
އެގޮތުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ކުރި ކަންތައްތަކުގެ ތެރޭގައި ގޭބީސީތަކުގެ ކަރަންޓާއި ފެން ބިލުތަކުން 117 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ކަނޑާލަދިނުމާއި، ހައުސިންގ ލޯންތަކަށް ލުއިދީ، މަތީ ތައުލީމަށް ދޫކޮށްފައި ހުރި ލޯނުތައް ދައްކަންޖެހޭ މުއްދަތު ފަސްކޮށްދީފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އިޤުތިޞާދަށް އައި ހީނަރުކަމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ މީހުންގެ އިތުރުން، ދިވެހިންގެ ވަޒީފާތައް ރައްކާތެރިކުރުމަށް ޝަރުތުކޮށް، ބޮޑެތި ވިޔަފާރިތައް ހިމެނޭ ގޮތަށް، އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ދޫކޮށްފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ފަތުރުވެރިކަމަށް ދޫކޮށްފައި ހުރި ބިންތަކާއި ރަށްތަކުގެ ބިމުކުލި ދެއްކުން ހަ މަސްދުވަހަށް ފަސްކޮށްދީ، ދަތުރުފަތުރުކުމަށް ދިމާވި ދަތިތަކާއި އެކު ރާއްޖެ ނާދެވި، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ 15 ގައުމެއްގައި ތިބި ދިވެހިންގެ ތެރެއިން 2421 ދިވެހިން އަނބުރާ ރާއްޖެ ގެނެސްދީފައިވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވަނީ ކޮވިޑް-19ގެ ސަބަބުން ވަޒީފާ ގެއްލުނު މީހުންނަށް އާމްދަނީގެ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދީފައިވާއިރު، 2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް، 17،147 މީހަކަށް، 221 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާނެ ކަމަށް ވިދާޅުވެފައެވެ.
މިއަހަރުގެ ތެރޭގައިވެސް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯން ދޫކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި އެކަމަށް މިއަހަރުގެ ބަޖެޓްގައި 400 މިލިއަން ރުފިޔާ ކަނޑައަޅާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާޢަތަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު، މިއީ ގިނަ ބަޔަކު ހިއްސާވާ، ގިނަ ބައެއްގެ އާމްދަނީއާ ގުޅިފައިވާ ދާއިރާއަކަށް ވުމުން. ސިނާޢަތަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް، ފާއިތުވި އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް، އިމާރާތްކުރުމުގެ ސިނާއަތުގެ 240 ފަރާތަކަށް 95 މިލިއަން ރުފިޔާ ގެ ލޯނު ދޫކޮށްފައިވާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޞާލިޙް ވަނީ މަޖިލީހުން ފާސްކުރި ދައުލަތުގެ ބަޖެޓްގެ ޖުމްލަ ހަރަދަކީ 37.9 ބިލިއަން ރުފިޔާކަން ފާހަގަކުރައްވައި، ކޮވިޑް-19 އަށް ކުރެވުނު ހަރަދާއިއެކު އަހަރު ނިމުނުއިރު ޖުމްލަ 28.5 ބިލިއަން ރުފިޔާ ހަރަދުކުރެވިފައިވަ ކަމަށް ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ ކޮވިޑްގެ ތެރޭގައި އިޤުތިޞާދީ ހަރަކާތްތައް ހުއްޓުމާ ގުޅިގެން، ސަރުކާރުގެ މާލީ ސިޔާސަތު ތަންފީޒުކުރުމުގައި، ހަރަދު ކުޑަކުރުމަށް ވަރަށް ބޮޑަށް އިސްކަންދީފައިވާނެކަމަށެވެ.
ހަރަދުތައް ކުޑަކޮށްގެން ރައްޔިތުންނަށް ޚިދުމަތް ދިން ނަަމަވެސް ސިވިލް ސަރވިސްގެ އެންމެ މުވައްޒަފެއްގެ މުސާރަ ވެސް އުނިކޮށްފައި ނުވާނެ ކަމަށާއި އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި ނުވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ސަރުކާރުން ފޯރުކޮށްދިން އެހީތެރިކަމުގެ ސަބަބުން، އެތައް ރައްޔިތެއްގެ ވަޒީފާ ސަލާމަތްކުރެވި ވިޔަފާރިތައް ބަނގުރޫޓުނުވެ ހިންދެމިލާނެ ފުރުޞަތު ލިބި، އާއިލާތަކާއި ގޭބީސީތަކަށް ރައްކާތެރިކަން ލިބުނު ކަމަށް ވިދާޅުވެފައެވެ.