ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ބެލުމަށް ރައިސުލްޖުމްހޫރިއްޔާ އެކުލަވާލާފައިވާ ރިޔާސީ ކޮމިޝަން (މަރު ކޮމިޝަން) ގެ ރައީސަކަށް އެ ކޮމިޝަނުގެ މެމްބަރު ފަރީޝާ އަބްދުﷲ އައްޔަނު ކުރައްވައިފިއެވެ.
ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ސޮއި ކުރައްވައި ނެރުއްވި ޤަރާރެއްގައި ވަނީ އެކަން ހާމަ ކުރައްވާފައެވެ.
މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަން އުފައްދަވާފައިވަނީ މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ތެރެއިން، އެކިއެކި ސަބަބުތަކާހުރެ އެކަށީގެންވާ މިންވަރަށް ތަޙުޤީޤު ނުކުރެވި ހުރި މައްސަލަތަކުގައި މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، ޙަޤީޤަތް ހޯދައި، ޢާންމުކުރުމަކީ އިންސާފު ޤާއިމުކުރުމަށްޓަކައި ދައުލަތުން އުފުލަންޖެހޭ ޒިންމާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކިވަޑައިގަންނަވާތީއެވެ.
މި ކޮމިޝަން ރައީސް ސޯލިޙު އުފެއްދެވީ އެމަނިކުފާނު ވެރިކަމުގެ ހުވާ ކުރެއްވި ދުވަހުއެވެ. އޭރު ކޮމިޝަނަށް 5 މެމްބަރުން އައްޔަނު ކުރެއްވިއިރު، ކޮމިޝަނުގެ ރައީސަކަށް އޭރު ހުންނެވީ މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ. އެހެންނަމަވެސް، މިހާރު ކޮމިޝަނުގައި ތިއްބަވަނީ ފަރީޝާގެ އިތުރުން، އަހުމަދު ނާޝިދުއާއި، މިސްބާޙް އައްބާސްއެވެ.
މި ކޮމިޝަނަކީ، ކޮމިޝަނުން ތަޙުޤީޤުކުރެވޭ މައްސަލަތަކާ ގުޅިގެން ތަޙުޤީޤީ އިދާރާއަކުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކެއް އެޅުމާއި، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރާ އިދާރާއަކަށް ލިބިދޭ އެންމެހައި ބާރުތަކެއް ލިބިގެންވާ ކޮމިޝަނެކެވެ.
ކޮމިޝަނުން ކޮށްފައިވާ ބައެއް މަސައްކަތްތަކަށް ބަލާލާއިރު އެ ކޮމިޝަނުން މަރުގެ ބޮޑު ދެ މައްސަލައެއް ބަލާފައިވެއެވެ. އެއީ މަޖިލީހުގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އާއި ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލަ އެވެ.
މީގެ ކުރިން ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ދެއްވި އިންޓަރވިއުއެއްގައި ވެރިކަމުގެ ފުރަތަމަ 2 އަހަރު ތެރޭގައި ކުރައްވަން ނިންމެވި އެހެން ނަމަވެސް ބޭނުންފުޅުވި ސްޕީޑުގައި ކުރިއަށް ނުގެންދެވި ހުރި ކަންކަމަށް އަލިއަޅުވާލައްވާ ރައީސް ވިދާޅުވީ، ޚިޔާނާތުގެ މައްސަލަ ބަލާ ކޮމިޝަނާއި، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުގެ މަސައްކަތްތައް އެންމެ ބޭނުންފުޅުވި ގޮތެއްގައި ކުރިއަށް ނުދާ ކަމަށެވެ.
ޚާއްސަ ގޮތެއްގައި މަރު ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގައި ހިމެނޭ އާއިލާތަކަށް އަވަހަށް އިންސާފު ލިބެންޖެހޭކަން ރައީސް ފާހަގަ ކުރެއްވިއެވެ. އެހެން ނަމަވެސް ކޮމިޝަންތައް ބަދަލު ކުރައްވައިގެން ވަކި ރަނގަޅު ނަތީޖާއެއް ނުކުންނާނެކަމަށް ދެކިވަޑައިނުގަންނަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ މަރު ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ތެރެއިން 9 މައްސަލައެއް މުޅިން ނިންމައި ފައިނަލް ރިޕޯޓް އެކުލަވާާލުމުގެ މަސައްކަތް ކުރަމުންދާކަންވެސް ފާހަގަ ކުރައްވާފައެވެ. އަދި އެ މަސައްކަތްތަކާއެކު ރައްޔިތުންނަށް އޮތް އިތުބާރު ހޯދުމުގެ މަސައްކަތް ކުރައްވާނެ ކަމަށާއި، ރައްޔިތުންނަށް އިތުބާރު ހޯދައިދެއްވުމަށް ގެންނަވަން ޖެހޭ ބަދަލުތައް އެމަނިކުފާނު ގެންނަވާނެކަމަށް ރައީސް އޭރުވެސް ވިދާޅުވިއެވެ.