ކޮވިޑް-19ގެ ނުރައްކަލުގެ ތެރޭގައި ފްރަންޓްލައިންގައި މަސައްކަތްކުރި ސިފައިންނަށްދޭ އެލަވެންސް ހަމަޖެހި، ބެހުމުގެ މަސައްކަތަށް ތައްޔާރުވެފައިވާކަމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ހާމަކުރައްވައިފިއެވެ.
ސިފައިންގެ ހަފްތާ މަޖައްލާ "އައްޑަނަ"އަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ލިޔުއްވާ "މިނިސްޓަރގެ ގަލަންކޮޅުން" ކޮލަމްގައި ވަނީ ސަރުކާރުން ކޮވިޑް-19 އާ ދެކޮޅަށް "ފްރަންޓްލައިނަރސް”ގެ ގޮތުގައި މަސައްކަތްކުރާ ސިފައިންނަށް އެލަވަންސް ފައިސާ ހަމަޖައްސަވައި ދެއްވާފައިވާކަމަށެވެ. މި ކޮލަމްގައި މިނިސްޓަރ މާރިޔާވަނީ، ދިވެހި އަސްކަރިއްޔާގެ ސިފައިންނަކީ ދިވެހިރާއްޖެއަށް ދިމާވާ ޤުދުރަތީ ކާރިސާތަކާއި އަލިފާނުގެ ހާދިސާތަކާއި ކަނޑުމަތީގެ ހާދިސާތަކާއި އެނޫންވެސް ނުރައްކާތެރި ބޮޑެތި ހާދިސާތަކުގައި، ރައްޔިތުންގެ ފުރާނަޔާއި މުދާ ސަލާމަތްކުރުމުގައި، ސަރުކާރުގެކަމާބެހޭ ފަރާތްތަކާ ގުޅިގެން އިސްވެ ޙަރަކާތްތެރިވުމަށް، ސިފައިންގެ ޤާނޫނުން މަތިކޮށްފައިވާ ބައެއްކަން ފާހަގަކުރެއްވިއެވެ. ޤައުމާއި ރައްޔިތުން، އެހީގެ އަތަކަށް އެދޭ ކޮންމެ ފަހަރަކު އެއްވެސް ޖެހިލުމެއްނެތި މަސައްކަތްކުރާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"ފަރސްޓް ރެސްޕޮންޑަރސް“ގެ ގޮތުގައި، "ފްރަންޓްލައިން“ގައި ހުޝިޔާރުކަމާއެކު، ސިފައިން ކުރާ މަސައްކަތް ބަލައިގަންނަނީ ނުހަނު އުފަލާއި ޝުކުރާއި އެކީގައިކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ. މިގޮތުން، ކޮވިޑް-19 އާ ދެކޮޅަށް ސަރުކާރުން ހިންގަވާ އޮޕަރޭޝަންތަކުގެ އެންމެ ކުރީ ސަފުގައިވެސް، ދިވެހި ސިފައިންދަނީ، ކަމާބެހޭ އެހެން އިދާރާތަކާއެކު، އެއްވެސް ފަސްޖެހުމެއް އަދި ވަރުބަލި ކަމެއް ނެތި، ރެއާއި ދުވާލު، ޙަރަކާތްތެރި ވަމުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން މިހާރު ވަނީ، ކޯވިޑް-19 އާ ދެކޮޅަށް "ފްރަންޓްލައިނަރސް”ގެ ގޮތުގައި މަސައްކަތް ކުރާސިފައިންނަށް އެލަވަންސް ފައިސާ ހަމަޖައްސަވައި ދެއްވާފައިކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ. މިފައިސާއާބެހޭ ކަންކަމާމެދު ގޮތެއް ނިންމުމަށް، އޮންނަ އުޞޫލުގެތެރެއިން، ސިފައިންގެ ލަފާދޭ މަޖިލީހަށް ހުށަހެޅުމުން، އެމަޖިލީހުންވަނީ، އެކަމަށް ޚާއްޞަ ކޮމިޓީއެއް އެކުލަވާލައްވާފައިކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.
ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ، ވައިސްޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، ކޮމަޑާންޓް ސަރވިސް ކޯރ ބްރިގޭޑިއަރ ޖެނެރަލް ޙާމިދު ޝަފީޤް، ކޮމާންޑަރ ނޮދަން އޭރިއާ ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޝަރީފް، ކޮމާންޑަރ ސަދަން އޭރިއާ ކާނަލް އިބްރާހީމް ރަޝީދު، އެޖުޓަންޓް ޖެނެރަލް ކާނަލް މުޙައްމަދު އިބްރާހީމް، ކޮމާންޑަރ މާލޭ އޭރިއާ ކާނަލް އަޙްމަދު ޣިޔާސް، ކޮމާންޑަރ ސެންޓްރަލް އޭރިއާ ކާނަލް އިބްރާހީމް ޙިލްމީ އަދި ކޮމަޑާންޑް ކޯސްޓްގާޑު ކާނަލް މުޙައްމަދު ސަލީމެވެ. މި ކޮމިޓީގައި މިނިސްޓަރ މާރިޔާވާނީ، ސިފައިންގެ ޚިޔާލާއި މަޝްވަރާ ހިމެނޭހެން، މުޅި އަސްކަރިއްޔާއަށް އެންމެ ފައިދާހުރި ގޮތަށް އަދި ހުރިހާ ސިފައިންގެ މަޞްލަޙަތަށް ވިސްނަވައިގެން، އިންސާފުވެރިކަމާއެކު، ދެފުށް ފެންނަ ގޮތެއްގައި، އެލަވަންސް ފައިސާއާއިގުޅޭ އެންމެހާ ކަންކަން ކުރިއަށްގެންދެވުމަށް ގޮވާލާފައެވެ.