ޢަދާލަތު ޕާޓީގެ 3 ވަނަ ދައުރުގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
އަދާލަތު ޕާޓީން ބުނީ އެ ޕާޓީގެ 3 ވަނަ ދައުރުގެ އަންހެނުންގެ މަޖިލީހުގެ މެންބަރުކަމާއި، ފަނޑިޔާރުންގެ މަޖިލީހުގެ މެންބަރުކަމުގެ އިތުރުން ޒުވާނުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވައިލާފައިވާ ކަމަށެވެ. އެގޮތުން އަންހެނުންގެ މަޖިލީހަށް 21 މެމްބަރުންނާއި ފަނޑިޔާރުންގެ މަޖިލީހަށް 5 މެންބަރުން އަދި ޒުވާނުންގެ މަޖިލީހަށް 21 މެންބަރުން ހޮވުމަށް ވަނީ ނިންމާފައެވެ.
އަންހެނުންގެ މަޖިލީހުގެ މެމްބަރުން ހޮވާނީ މިކަމަށް ކުރިމަތިލާ މީހުންގެ މެދުގައި ޤައުމީ މަޖިލީހުގައި ނަގާ ސިއްރު ވޯޓަކުންނެވެ. އަންހެނުންގެ މަޖިލީހުގެ މެންބަރަކަށް ވުމަށް ކުރިމަތިލާ ފަރާތަކީ ޕާޓީގެ މެންބަރެއް ކަމުގައި ވުމާއި، އަންހެނަކަށް ވުން ޝަރުޠުތަކުގެ ތެރޭގައި ހިމެނެއެވެ.
ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނޭ 5 މެމްބަރުން ހޮވާނީ މިކަމަށް ކުރިމަތިލާ މީހުންގެ މެދުގައި ޤައުމީ މަޖިލީހުގައި ނަގާ ސިއްރު ވޯޓަކުންނެެވެ. އަދި ފަނޑިޔާރުންގެ މަޖިލީހުގެ މެންބަރަކަށް ވުމަށް ކުރިމަތިލާ ފަރާތްތަކަކީ ޝަރުޢީ ގޮތުން ނުވަތަ ޤާނޫނީ ގޮތުން ނުވަތަ އިޖްތިމާޢީ ގޮތުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެއެވެ.
މީގެ އިތުރުން ޒުވާނުންގެ މަޖިލީހުގައި ހިމެނޭ 21 މެމްބަރުން ހޮވާނީ މިކަމަށް ކުރިމަތިލާ މީހުންގެ މެދުގައި ޤައުމީ މަޖިލީހުގައި ނަގާ ސިއްރު ވޯޓަކުންނެވެ. ޒުވާނުންގެ މަޖިލީހުގެ މެންބަރަކަށް ވުމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުޠުތަކުގެ ތެރޭގައި ޕާޓީގެ މެންބަރެއް ކަމުގައިވުމާއި ޢުމުރުން 35 އަހަރު ވެފައި ނުވާ ފަރާތަކަށް ވުން ހިމެނެއެވެ.
އަދާލަތު ޕާޓީން ބުނީ މަޖިލީހުގެ މެންބަރުކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާ ފޯމް، 11 ފެބުރުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 3:00 ގެ ކުރިން، ޢަދާލަތު ޕާޓީގެ މައި އިދާރާއަށް، ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް އެދޭ ކަމަށެވެ.