މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތްފުޅާކުރުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތުގެ ދަށުން މިއަހަރުގެ ތެރޭ 100 ކޭޝް އޭޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ފައިސާ ދެއްކުމުގެ ޚިދުމަތް ފުޅާ ކުރުމަށް ނިންމައިފިއެވެ.
ކޭޝް އޭޖެންޓުން މެދުވެރިކޮށް ކަސްޓަމަރުންނަށް އެކައުންޓުން ފައިސާނެގުމުގެ އިތުރުން އެކައުންޓަށް ފައިސާޖަމާކުރުމާއި، ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ޚިދުމަތް ލިބިގެންދާނެ ކަމަށް ބީ.އެމް.އެލް.އިން ބުނެއެވެ. އަދި މި ޚިދުމަތަކީ އެއްވެސް ފީ އަކާ ނުލައި ބޭންކުން ފޯރުކޮށްދެމުން އަންނަ ޚިދުމަތެކެވެ.
ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާޖަމާކުރުމާއި ފައިސާ ދެއްކޭނެ ނިޒާމް ގާއިމުކުރެވިގެން ދިޔުމާއެކު މި ޚިދުމަތް ވަނީ ކަސްޓަމަރުންގެ މެދުގައި މަޤުބޫލް ޚިދުމަތަކަށްވެފައެވެ. މި ގޮތުން ފާއިތުވި އަހަރުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރެވިފައިވާ 41 ޑިޕޮސިޓް ކޭޝް އޭޖެންޓުން މެދުވެރިކޮށް ކަސްޓަމަރުންވަނީ 180 މިލިއަން ރުފިޔާ ޖަމާކޮށްފައެވެ.
ކަސްޓަމަރުންނަށް، ބްރާންޗް ނުވަތަ އޭޓީއެމް ސެންޓަރެއް ގާއިމުކޮށްފައިވާ ރަށަކަށް ދަތުރު ކުރުމުގެ ބަދަލުގައި އަމިއްލަ ރަށުގައި ތިބެގެން ކޭޝް އޭޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގ ޚިދުމަތްހޯދޭނެއެެވެ.
މިހާރު ބީ.އެމް.އެލް. އިން ދުވާލެއްގެ މައްޗަށް 2،000 ރުފިޔާއަށް ހަަމައަށް ފައިސާ ނެގޭއިރު ފައިސާ ޖަމާކުރެވެނީ ދުވާލަކު 10،000 ރުފިޔާއާ ހަމައަށެވެ.
މި ޚިދުމަތަކީ ބީ.އެމް.އެލް. ގެ ބްރާންޗެއް ނުވަތަ އޭޓީއެމްއެއް ނެތް ރަށްރަށުގައި އަސާސީ ބޭންކިންގ ޚިދުމަތް ފޯރުކުރުމަށްޓަކައި 2014 ވަނަ އަހަރު ތަޢާރަފުކުރެވުނު ޚިދުމަތެކެވެ. މިހާރުވެސް 200 އަށް ވުރެ ގިނަ ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގުމުގެ ޚިދުމަތް އަންނަނީ ފޯރޮކޮށްދެމުންނެވެ.