ކ. މާލެ
|
2 ފެބްރުއަރީ 2021 | އަންގާރަ 00:02
ރާއްޖޭގައި ޖަހާ ކޮވިޝީލްޑް ވެކްސިން
ރާއްޖޭގައި ޖަހާ ކޮވިޝީލްޑް ވެކްސިން
ރާއްޖެއެމްވީ
ވެކްސިންއާ ގުޅޭ ދޮގު މައުލޫމާތު ނުފެތުރުން
ވެކްސިނާ ގުޅޭ ދޮގު މައުލޫމާތު ނުފަތުރާ، ފިޔަވަޅު އަޅާނަން - ބްރޯޑްކޮމް
މައުލޫމާތު ގެނެސްދިނުމުގައި ސިއްހީ ދާއިރާގެ މާހިރުންނާއި ފަންނީ ބޭފުޅުންގެ ބައިވެރިވުމާއި ލަފާގެ މަތިން ގެނެސްދިނުން މުހިންމު
ވެކްސިންގެ ޚަބަރާއި މައުލޫމާތު ކޮމިޝަނުން ވަރަށް ގާތުން މޮނިޓަރކުރަމުން ގެންދާނެ

ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ކޮވިޑް-19 ވެކްސިނާއި ގުޅޭ މައުލޫމާތު ނުފެތުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

ބްރޯޑްކޮމްއިން ނެރެފައިވާ ބަޔާނެއްގައި ވަނީ ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް-19 ގެ ނުރައްކާތެރި ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރާއްޖޭގައި ކޮވިޑް-19 ވެކްސިން ޖަހަން ފެށުމާ ގުޅިގެން، އެކަމާ ގުޅޭ މައުލޫމާތު ބްރޯޑްކާސްޓްކުރުމުގައި އާންމުންގެ މެދުގައި ހާސްކަމާއި ނުތަނަވަސްކަން އުފެދޭ ގޮތަށް ސާބިތު ނުހިފޭ މައުލޫމާތު ގެނެސްދިނުމުން އެއްކިބާވުމަށް އިލްތިމާސްކޮށްފައެވެ. އަދި މިކަމާ ގުޅޭ އެންމެހައި ކޮންޓެންޓް ގެނެސްދިނުމުގައި ޒިންމާދާރު ނޫސްވެރިކަން ކުރިއަށް ނެރުމަށް ވަނީ އެދިފައެވެ.

ކޮވިޑް-19 ވެކްސިންއާ ގުޅޭ ގޮތުން މައުލޫމާތު ގެނެސްދިނުމާއި މައުލޫމާތު ފޯރުކޮށްދިނުމުގައި ބްރޯޑްކާސްޓަރުން ގެނެސްދޭ މައުލޫމާތަކީ ކަމާ ބެހޭ އިދާރާތަކުން މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް ފަހު ގެނެސްދޭ މައުލޫމާތަށް ވާންޖެހޭނެ ކަމަށް ބްރޯޑްކޮމް އިން ބުނެއެވެ. އަދި މައުލޫމާތު ގެނެސްދިނުމުގައި ސިއްހީ ދާއިރާގެ މާހިރުންނާއި ފަންނީ ބޭފުޅުންގެ ބައިވެރިވުމާއި ލަފާގެ މަތިން ގެނެސްދިނުމުގެ މުހިންމުކަން ބްރޯޑްކޮމް އިން ވަނީ ފާހަގަކޮށްފައެވެ.

ބްރޯޑްކާސްޓަރުން ގެނެސްދޭ ކޮވިޑް-19 ވެކްސިންގެ ހަބަރާއި މައުލޫމާތު އެ ކޮމިޝަނުން ވަރަށް ގާތުން މޮނިޓަރކުރަމުން ގެންދާނެކަމަށާއި ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑާއި ހިލާފަށް ކޮންޓެންޓް ގެނެސްދޭނަމަ ބްރޯޑްކާސްޓަރުންނާމެދު ފިޔަވަޅު އަޅާނޭ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

ބްރޯޑްކޮމްއިން ވަނީ ކޮވިޑް-19 ވެކްސިންއާ ގުޅޭ މައުލޫމާތުތައް ވީހާވެސް އަވަހަށް، ފަސޭހަކަމާއި ހަމަހަމަކަމާއެކު ހުރިހާ ބްރޯޑްކާސްޓަރުންނަށް ފޯރުކޮށްދިނުމަށް ކަމާ ބެހޭ އިދާރާތަކަށް އިލްތިމާސްކޮށްފައެވެ.

ރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ މިދަނޑިވަޅުގައި، ރައްޔިތުންނަށް ސައްހަ މައުލޫމާތު ފޯރުކޮށްދީ، ހޭލުންތެރިކުރުމަށް ބްރޯޑްކާސްޓަރުން ކުރަމުންދާ އަގުހުރި މަސައްކަތްތައް އެ ކޮމިޝަނުން ފާހަގަކޮށްފައިވާއިރު، ބްރޯޑްކާސްޓަރުންނަށް ކޮމިޝަނުން ދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން ދޭނެކަމުގެ ޔަގީންކަންވެސް ވަނީ އަރުވާފައެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން މިގޮތަށް ބުނެފައިވާއިރު، ބައެއް މީޑިއާތަކުން ދަނީ ވެކްސިނާއިމެދު ރައްޔިތުންގެ މެދުގައި ޝައްކު އުފެދޭނެ ފަދަ މައުލޫމާތުތައް ހިއްސާކުރަމުންނެވެ.

- ކޮމެންޓް
2 ފެބްރުއަރީ 2021 | އަންގާރަ 00:54
މުހަންމާ
ކިތަންމެ ބިރެއްދެއްކިޔަސް އިންޑިޔާގެ ވެކްސިންފޭކު، ބޮޑުން ގަޔަށް ޖެހީ ވިލާތު މޮޅުވެކްސިން.