ކ. މާލެ
|
1 ފެބްރުއަރީ 2021 | ހޯމަ 16:03
ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ
ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ
ގެޓީ އިމޭޖަސް
މެސީގެ އެއްބަސްވުން ލީކު ކުރުން
މެސީގެ އެއްބަސްވުން ލީކުވުމާ ގުޅިގެން ބާސާއިން ޤާނޫނީ ފިޔަވަޅު އަޅަނީ
މެސީގެ އެއްބަސްވުން ލީކު ކުރީ މުންޑޯ ޑެޕޯޓިވޯއިން
މެސީގެ އެއްބަސްވުމުގެ އަގު 555 މިލިޔަން ޔޫރޯއަށް އަރާ
އެއްބަސްވުމުގެ މުއްދަތު މި އަހަރުގެ ހޫނު މޫސުމުގައި ހަމަވާނެ

އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއާއެކު ބާސެލޯނާއިން 2017 ވަނަ އަހަރު ހެދި އަގުބޮޑު އެއްބަސްވުން މީޑިއާއަށް ލީކުވުމާ ގުޅިހެން ޤާނޫނީ ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށް އެ ކުލަބުން ބުނެފިއެވެ.

މެސީ އެންމެ ފަހުން ބާސާގެ އެއްބަސްވުން އާކޮށްފައިވަނީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެ އެއްބަސްވުމުގެ މުއްދަތު މި އަހަރުގެ ހޫނު މޫސުމުގައި ހަމަވާއިރު، އެ އެއްބަސްވުމުގެ އަގު 555 މިލިޔަން ޔޫރޯއަށް އަރައެވެ. އަދި އެ އެއްބަސްވުމުގައިވާ ގޮތުން ބޯނަހާއި އެހެނިހެން އާމްދަނީއާއެކު އަހަރެއްގެ މައްޗަށް ބާސާއިން މެސީއަށް 138 މިލިޔަން ޔޫރޯގެ މުސާރައެއް ދެއެވެ. އެހެންކަމުން އެއްބަސްވުމުގެ ދަށުން މިހާރުވެސް މެސީއަށް 510 މިލިޔަން ޔޫރޯ ލިބިފައިވާކަން ވަނީ ހާމަވެފައެވެ.

މި އެއްބަސްވުން ލީކު ކޮށްފައިވަނީ ސްޕެއިނުގެ ކުޅިވަރު ނޫހެއް ކަމަށްވާ "މުންޑޯ ޑެޕޯޓިވޯ" އިންނެވެ. އެ ނޫހުން ވަނީ މެސީގެ އެއްބަސްވުމުގެ ކޮޕީއެއް ފުރަތަމަ ސަފުހާގައި ހިއްސާކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ބާސާއިން ނެރުނު ބަޔާނެއްގައި ބުނީ މުންޑޯ ޑެޕޯޓިވޯއިން މެސީ އެއްބަސްވުން ލީކު ކުރިއިރު، އެކަމުގައި ބާސާގެ އެއްވެސް އިހުމާލެއް ނުވާކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. ސަބަބެއްގެ ގޮތުން ބުނެފައިވަނީ ބާސާއަކީ ދެ ފަރާތުގެ ދެމެދު ވެފައިވާ ސިއްރު އެއްބަސްވުމަށް ފުރިހަމައަށް އަމަލުކުރާނެ ޓީމަކަށް ވާތީ ކަމަށެވެ. އެކަމަކު އެއްބަސްވުން ލީކު ކޮށްލުމުގެ ސަބަބުން މެސީގެ އިތުރުން ބާސާގެ ނަމަށްވެސް ހުތުރު އައިސްފައިވާ ކަމަށާއި، އެހެންކަމުން މުންޑޯ ޑެޕޯޓިވޯއާ މެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް މި ބަޔާނުގައި ވަނީ ބުނެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން މި މައްސަލައިގައި ދައުވާ ކުރުމަށް މެސީގެ ޤާނޫނީ ވަކީލުންވެސް އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން އެއްބަސްވުން ލީކު ކުރުމުގައި ބާސާގެ ކުރީގެ މެނޭޖުމަންޓުގެ އަތެއްވާ ކަމަށް މެސީ ދެކޭ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ބާސާއާއެކު އުމުރުން 33 އަހަރުގެ މެސީ ހަދާފައިވާ އެއްބަސްވުން މި އަހަރު ހަމަވާއިރު، މިދިޔަ އަހަރު އޭނާ ވަނީ ބާސާ ދޫކޮށްލަން ނިންމާފައެވެ. އެކަމަކު މެސީގެ އެއްބަސްވުމަށް ލުއި ދިނުމަށް ބާސާގެ މެނޭޖުމަންޓުން އެއްބަސްނުވުމާ ގުޅިގެން، މެސީ ވަނީ އޭނާގެ ނިންމުން ބަދަލުކޮށް މި ސީޒަނުގައި ބާސާގައި މަޑުކޮށްފައެވެ. އެކަމަކު މި މަހުން ފެށިގެން މެސީ އިޚުތިޔާރުކުރާ ކުލަބަކާއެކު އެއްބަސްވުމެއްގައި ސޮއިކުރުމުގެ ފުރުސަތު އޭނާއަށް ލިބިފައިވާއިރު، މެސީ ހޯދުމަށް ޕީއެސްޖީ އާއި މެންޗެސްޓާ ސިޓީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ބާސާގެ ސީނިއާ ޓީމުން 2004 ވަނަ އަހަރު ކެރިއަރު ފެށި މެސީއަކީ ބާސާގެ ތާރީޚުގައި އެޓީމަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ އަދި އެއް ޓީމަކަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާއެވެ. އެގޮތުން މިހާތަނަށް 650 ލަނޑު މެސީ ކާމިޔާބުކޮށްފައިވާއިރު، އޭނާ ވަނީ ބާސާއާއެކު ސްޕެނިޝް ލީގު 10 ފަހަރު ހޯދާފައެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހޯދާފައި ވާއިރު، މެސީ ވަނީ މިހާތަނަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބަލޮންޑޯ އެވޯޑް ހަ ފަހަރު ހޯދާފައެވެ. މެސީ އަކީ މި އެވޯޑް އެންމެ ގިނައިން ހޯދި ކުޅުންތެރިޔާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް