ކުރިއަށް އޮތް ހަވަރަަކަށް މަސް ދުވަހުގެ ތެރޭގައި، ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ވެކްސިންދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ކޮވިޑް-19 ވެކްސިނޭޝަން ޕްރޮގްރާމް ފައްޓަވައިދެއްވައި އެމަނިކުފާނު ވިދާޅުވީ، މިކަމުގައި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. ވެކްސިންދިނުމުގެ ކަންކަން މެދުކަނޑާނުލައި ކުރިއަށް ގެންދެވޭނެ ކަމަށާއި، އިރާދަކުރެއްވިއްޔާ މިކަމުން މާ ލަހެއް ނުވެ އަރައިގަނެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮވިޑް-19 އަށް ވެކްސިންދިނުމުގެ ޕްރޮގްރާމް ރާއްޖޭގައި ފަށާފައިވާއިރު، ރާއްޖޭގައި އެމެޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ދީފައިވާ ކޮވިޝީލްޑް ވެކްސިނާ މެދު އިތުބާރު އެބައޮތް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ޞާލިޙް މިއަދު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން އުއްތަމަ ފަނޑިޔާރު މުޢުތަސިމް އަދްނާން ވެސް ވަނީ މިއަދު ވެކްސިން ޖައްސަވާފައެވެ. އަދި ސަރުކާރުގެ ބައެއް މިނިސްޓަރުން ވެސް ވަނީ މިއަދު ވެކްސިން ޖައްސަވާފައެވެ. މީގެ އިތުރުން ސިއްޙީ ޚިދުމަތްތެރިންނާއި ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކާއި ހައި ރިސްކު ބައެއް ފަރާތްތަކުން ވެސް މި ވެކްސިން ޖަހާފައިވާ އިރު، މިކަމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ވެކްސިނާ މެދު އޮންނަ އިތުބާރު އިތުރުވެގެންދާނެއެވެ.
ކޮވިޑް-19 އަށް ވެކްސިންދިނުމުގެ ޕްރޮގްރާމް ރާއްޖޭގައި ފަށާފައިވާއިރު، މާލޭގެ އިތުރުން އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި ވެސް ވަނީ ވެކްސިން ދޭން ފަށާފައިއެވެ.