ރާއްޖޭގައި އެންމެ ފުރަތަމަ އެމަޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަދެވިގެން ގޮސްފައި ވަނީ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ އެސްޓްރަޒެނެކާ-އޮކްސްފޯޑް ޔުނިވާސިޓީގެ ވެކްސިނެވެ. މި ވެކްސިނަށް އިންޑިއާއިން ކޮވިޝީލްޑްގެ ނަން ދީފައިވާއިރު، ކޮވިޝީލްޑްގެ އެއް ލައްކަ ޑޯޒް އެގައުމުން ވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ.
އެސްޓްރަޒެނެކާ އާއި އޮކްސްފޯޑް ޔުނިވާސިޓީން ކޮވިޑަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު ފަށާފައިވާ އިރު، މި ވެކްސިނަކީ އެޑެނޯވައިރަސް ވެކްސިނެކެވެ. އެޑެނޯވައިރަސް އަކީ އާދައިގެ ހުން ރޯގާ ފަދަ ބަލިތައް ޖައްސާ ވައިރަހެކެވެ. އަދި މިވެކްސިންގައި ބޭނުން ކުރަނީ ޑަބަލް ސްޓްރޭންޑެޑް ޑީއެންއޭ އެވެ.
އެސްޓްރަޒެނެކާ އާއި އޮކްސްފޯޑްގެ ރީސަރޗްގެ މައްޗަށް އުފައްދާފައިވާ މިވެކްސިން މަސައްކަތްކުރާ ގޮތަށްބަލާއިރު، ސައިިންސްވެރިން ވަނީ ވެކްސިން އުފެއްދުމަށް ކޮރޯނާވައިރަސްގެ ޕްރޮޓިން ސްޕައިކް ޖީން އެޑެނޯވައިރަސްއާ އެއްކޮށްފައެވެ. އެސްޓްރަޒެނެކާ އާއި އޮކްސްފޯޑުން ކޮވިޑް-19 އަށް ވެކްސިން އުފެއްދުމުގައި ބޭނުން ކޮށްފައިވަނީ ރާމާމަކުނުގެ މޮޑިފައިކޮށްފައިވާ އެޑެނޯވައިރަސްއެކެވެ. މިވައިރަހަށް ސެލްތަކަށް ވަދެވުނު ނަމަވެސް، އެ ސެލްގެ ތެރޭގައި އިތުރަކަށް އާބާދެއް ނުވެވޭނެއެވެ.
އެސްޓްރަޒެނެކާގެ މި ވެކްސިން އުފައްދާފައި ވަނީ ޒަމާންތަކެއް ވަންދެން އެޑެނޯވައިރަހަށް ކޮށްފައިވާ ދިރާސާގެ މައްޗަށެވެ. މިވެކްސިން އުފެއްދުމުގައި އާރްއެންއޭގެ ބަދަލުގައި ޑީއެންއޭ ބޭނުކޮށްފައިވުމުން މިވެކްސިން ރައްކާކުރުމުގައި ދިމާވާ ދަތިތައް ކުޑައެވެ. އަދި އެޑެނޯވައިރަސްގެ ޕްރޮޓީން ކޯޓުގެ ސަބަބުން ވެކްސިންގައި ހިމެނޭ ޖެނެޓިކް މެޓީރިއަލްތައް ޙިމާޔަތްކޮށްދެއެވެ. މީގެ ސަބަބުން މިވެކްސިން ރައްކާކޮށްފައި ބެހެއްޓުމަށް ގަނޑުކޮށްފައި ބަހައްޓާކަށް ނުޖެހެއެވެ. އެހެންކަމުން މިވެކްސިން 2-8 ޑިގްރީ ސެލްސިއަސްގައި ރެފްރިޖެރޭޓްކޮށްފައި ބެހެއްޓޭނެއެވެ.
އެސްޓްރަޒެނެކާ އާއި އޮކްސްފޯޑްގެ މިވެކްސިން ޖެހުމުން، ވެކްސިންގައި އެކުލެވޭ އެޑެނޯވައިރަސް ސެލްތަކުގައި ޖެހި ސެލްތަކުގައި ހުންނަ ޕްރޮޓިން ތަކުގައި ހިފައެވެ. އަދި ސެލްއިން އެޑެނޯވައިރަސްގައި ހިފައި، ބަބްލްއެއްގައި ބައްދައި ސެލްގެ ތެރެއަށް ވައްދައެވެ. މިހާ ހިސާބުން އެޑެނޯވައިރަސް ބަބްލްއިން ނުކުމެ ސެލްގެ ޑީއެންއޭ ސްޓޯކޮށްފައިވާ ނިއުކްލިއަސްއާ ދިމާއަށް ދަތުރުކުރެއެވެ.
އެޑެނޯވައިރަސް އިން އޭގެ ޑީއެންއޭ ސެލްގެ ތެރެއަށް ފޮނުވާލާއިރު، އެޑެނޯވައިރަސް އިންޖިނިއަރ ކޮށްފައިވާގޮތުން ސެލްގެ ތެރޭގައި އިތުރަށް އުފެދުމުގެ ބާރެއް ނޯވެއެވެ. އެހެންނަމަވެސް ވެކްސިންގައި ހިމެނޭ ކޮރޯނާވައިރަސް ސްޕައިކް ޕްރޮޓިން ސެލްއިން ދެނެގަނެ، މޮލެކިއުލެއް ކަމަށްވާ މެސެންޖަރ އާރްއެންއޭ އަށް ބަދަލުކުރެއެވެ.
މި މެސެންޖަރ އާރްއެންއޭ ނިއުކްލިއަސްއިން ނުކުތުމުން ސެލްގެ މޮލެކިއުލްތައް އޭގެ ސީކިއުއެންސް ދެނެގަނެ އިތުރު ސްޕައިކް ޕްރޮޓީން އުފައްދަން ފަށައެވެ. ސެލްއިން އުފައްދާ ސްޕައިކް ޕްރޮޓީންތަކުގެ ތެރެއިން ބައެއް ޕްރޮޓީންގެ ސްޕައިކްތައް ސެލްގެ ބޭރުން ފެންނަން ފަށައެވެ. އަދި ވެކްސިން ޖަހާފައިވާ ސެލް، އޭގެ ޕްރޮޓިންތައް ކުދިކުދި ފްރެގްމެންޓްސްގެ ގޮތުގައި ސެލްއިން ބޭރުކުރުމުން މި ޕްރޮޓިންތައް ސެލްގެ ބޭރުން ފެންނަން ހުރެއެވެ. މިއާއެކު އިންސާނާގެ ދިފާޢީ ނިޒާމުން މި ސްޕައިކް ޕްރޮޓީން ދެނެގަނެއެވެ.
ވެކްސިންޖެހުމުން، ސެލްއިން ކާއިރީގައި ހުރި އެހެން ސެލްތަކުގެ ދިފާޢީ ނިޒާމަށް ސިގްނަލެއް ފޮނުވާލާއިރު، އެޑެނޯވައިރަސްއިން ސެލްގެ އެލަރމް ސިސްޓަމް ހޭލައްވާލައެވެ. މީގެ ސަބަބުން ހަށިގަނޑުގެ ދިފާޢީ ނިޒާމުން ވައިރަހާ ދެކޮޅަށް ހަނގުރަމާކުރާވަރު އަވަސްވެފައި ވަރުގަދަވެއެވެ.
ވެކްސިން ޖަހާ ސެލް މަރުވުމުން، އޭގައި ހިމެނޭ ސްޕައިކް ޕްރޮޓިން އަދި ޕްރޮޓިން ފްރެގްމެންޓްސް އެންޓިޖެން ޕްރެޒެންޓިން ސެލްއިން ނަގައި އޭގެ ބޭރުގައި ސްޕައިކް ޕްރޮޓިން އަދި ޕްރޮޓިން ފްރެގްމެންޓްސް ސެލްގެ މަތީ ފަށަލައަށް ދޫކޮށްލައެވެ. ހަށިގަނޑުގައި އުޅޭ ހެލްޕަރ ޓީ ސެލްސް އަށް މި ސެލް ޑިޓެކްޓްވުމުން، އިތުރު ޓީ ސެލްތަކަށް މެސެޖު ފޮނުވައި އިތުރު އިމިއުން ސެލްތައް ވައިރަހާ ދެކޮޅަށް ހަނގުރާމަކުރަން ފަށައެވެ.
މީގެ އިތުރުން ހަށިގަނޑުގައި އުޅޭ އިތުރު އިމިއުން ސެލްއެއް ކަމަށްވާ ބީ ސެލްއަށް ވެކްސިން ޖަހާފައިވާ ސެލްގެ ބޭރުން ސްޕައިކް ޕްރޮޓިން ނުވަތަ ޕްރޮޓިން ދެނެގަނެވުމުން ހެލްޕަރ ޓީ ސެލްގެ އެހީގައި ބީ ސެލްގެ ނަންބަރު އިތުރުކޮށް ސްޕައިކް ޕްރިޓިންއަށް ހަމަލާދޭ އެންޓިބޮޑީސްތައް އުފައްދަން ފަށައެވެ.
އެންޓިބޮޑީސްއިން ކޮރޯނާވައިރަސް ސްޕައިކްސްގައި ހިފަހައްޓައި ވައިރަހަށް ހަމަލާދިނުމަށް މާކްކޮށް ހަށިގަނޑުގައި އިންފެކްޝަން އުފެއްދުން ހުއްޓުވުމަށް އެހެން ސެލްތަކަށް ސްޕައިކްތައް ދިއުން ހުއްޓުވައެވެ.
އެންޓިޖެން-ޕްރެޒެންޓިން ސެލްސްއިން އިތުރު އިމިއުން ސެލްއެއް ކަމަށްވާ ކިލަރ ޓީ ސެލްސް އުފައްދައެވެ. މި ސެލްއިން ކޮރޯނާވައިރަސްގެ އިންފެކްޓްވެފައިވާ ސެލްތައް ދެނެގަނެ އެ ސެލްތަކަށް ހަމަލާދޭން ފަށައެވެ.
އެސްޓްރަޒެނެކާ އާއި އޮކްސްފޯޑް ޔުނިވާސިޓީން އުފެއްދި ވެކްސިންގެ ދެ ޑޯޒް ދޭން ޖެހޭ އިރު، ދެވަނަ ޑޯޒް ދޭން ޖެހެނީ ފުރަތަމަ ޑޯޒް ދޭތާ ހަތަރު ހަފުތާ ފަހުންނެވެ.
ވެކްސިންގެ ކްލިނިކަލް ޓްރަޔަލްގެ ތެރޭގައި ރީސަރޗަރުންނަށް އޮޅިގެން ޓްރަޔަލްގައި ބައިވެރިވި ބައެއް ފަރާތްތަކަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދެވިފައި ވަނީ ކުޑަކޮށެވެ. އަދި ދެވަނަ ޑޯޒް ހަތަރު ހަފުތާ ފަހުން ފުރިހަމައަށް ދީފައިވާއިރު، ނަތީޖާ ދެއްކިގޮތުން މިގޮތަށް ވެކްސިން ދިން ބައިވެރިންގެ 90 އިންސައްތަ ވަނީ ބަލިން ރައްކާތެރިކަމަށް ދައްކާފައެވެ. އެހެންނަމަވެސް ވެކްސިންގެ ފުލް ދެ ޑޯޒް ދިން ފަރާތްތަކަށް ވެކްސިން ކާމިޔާބު ކަމަށް ދައްކާފައި ވަނީ 62 އިންސައްތައެވެ.
ދިރާސާކުރާ ފަރާތްތަކުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދޭއިރު، ކުޑަ ޑޯޒްއެއް ދިނުމުން ހަށިގަނޑުގައި ވައިރަސް އުޅޭކަން ދައްކައިދޭ ގޮތުން ދިފާޢީ ނިޒާމު ވައިރަހާ ދެކޮޅަށް މަސައްކަތްކުރާ ވަރު އިތުރުކަމަށް ބުނެފައެވެ.
އެސްޓްރަޒެނެކާއިން އާންމު ކުރި އެންމެ ފަހުގެ ނަތީޖާތައް ދައްކާގޮތުން ހަތަރު ހަފުތާގެ ދުރުމިނުގައި ދެ ޑޯޒްއިން ޖަހާ މި ވެކްސިނަކީ 70 އިންސައްތަ ކާމިޔާބު ވެކްސިނެކެވެ.