އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށް ތާވަލުގެ ތިންވަނައަށް ލިވަޕޫލް ޖެހިލިއިރު، ބާންލީ އަތުން މޮޅުވެ ތޯމަސް ޓުޗެލްގެ ކޯޗުކަމުގައި ޗެލްސީން ފުރަތަމަ މޮޅު ހޯދައިފިއެވެ.
ތާވަލުގެ ތިންވަނައަށް އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ޖެހިލީ ރަށުން ބޭރުގައި ވެސްޓް ހޭމް އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުގެ ފަރާތުން އާދައިގެން ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، މި ހާފުގައި ދެ ޓީމަށްވެސް ނުރައްކާތެރި ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. އެކަމަކު ދެވަނަ ހާފުގައި ލިވަޕޫލުން ކުޅުން ރަނގަޅުކުރިއިރު، މި ހާފުގެ 12 ވަނަ މިނެޓުގައި ކާޓިސް ޖޯންސް ދިން ޕާހަކުން މުޙައްމަދު ސަލާހު ވަނީ ލިވަޕޫލަށް ލީޑު ނަގައިދީފައެވެ.
އަދި މެޗުގެ 68 ވަނަ މިނެޓުގައި ކައުންޓަ އެޓޭކެއްގައި ޒެރްޑަން ޝަގީރީ ދިން ބޯޅައަކުން ސަލާހު ވަނީ އިތުރު ލަނޑެއް ޖަހައި ލިވަޕޫލަށް ލީޑު ފުޅާކޮށްދީފައެވެ. އޭގެ ފަހުންވެސް މި މެޗުގައި ލިވަޕޫލުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 84 ވަނަ މިނެޓުގައި ރޮބާޓޯ ފިރްމީނޯ ދިން ޕާހަކުން ޖޯޖީނިއޯ ވައިނަލްޑަމް ވަނީ ލިވަޕޫލުގެ ތިންވަނަ ލަނޑު ޖަހާފައެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން ކޯނަރަކުން ވެސްޓް ހޭމުގެ ހަމައެކަނި ލަނޑު ޖަހައިދިނީ ކްރެއިގް ޑޯސަންއެވެ.
މި މޮޅާއެކު ތާވަލުގެ ތިންވަނައަށް ލިވަޕޫލް ޖެހިލިއިރު، އެ ޓީމަށް ކުޅުނު 21 މެޗުން ވަނީ 40 ޕޮއިންޓް ލިބިފައެވެ. އަދި ދެވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 21 މެޗުން ލިބިފައިވަނީ 41 ޕޮއިންޓެވެ.
މީގެ އިތުރުން ޓުޗެލްގެ ކޯޗުކަމުގައި ޗެލްސީން ފުރަތަމަ މޮޅު ހޯދީ އާދީއްތަ ދުވަހުގެ ހަވީރު އަމިއްލަ ދަނޑުގައި ބާންލީ އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި މެޗުން ޗެލްސީ މޮޅުވިއިރު، މިދިޔަ ހަފުތާގައި ޗެލްސީގެ ކޯޗުކަމާ ހަވާލުވިތާ 24 ގަޑިއިރު ފަހުން ޓުޗެލް އެ ޓީމު ގޮވައިގެން ނުކުތް ފުރަތަމަ މެޗުގައި ވަނީ ވުލްވްސްއާ ލަނޑެއް ނުޖެހި އެއްވަރުވެފައެވެ.
އާދީއްތަ ދުވަހުގެ ހަވީރު ކުޅުނު މެޗުގައި ޗެލްސީން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 40 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ސެޒާ އަޒްޕިލިކުއޭޓާއެވެ. އަދި މި މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް ޗެލްސީން ލީޑު ފުޅާކުރިއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މާކޯސް އަލޮންސޯއެވެ.
މި މޮޅާއެކު ޗެލްސީ އޮތީ ތާވަލުގެ ހަތްވަނައިގައި 21 މެޗުން 33 ޕޮއިންޓާއެކުއެވެ. އަދި ޗެލްސީ އަތުން ބަލިވި ބާންލީ އޮތީ 16 ވަނައިގައި 20 މެޗުން 22 ޕޮއިންޓާއެކުއެވެ. މީގެ އިތުރުން އާދީއްތަ ދުވަހުގެރޭ ބްރައިޓަން އަތުން 1-0 ން ބަލިވެ ފަސްވަނައަށް އަރަން ލިބުނު ފުރުސަތު ޓޮޓެންހަމް ހޮޓްސްޕާއިން ވަނީ ނަގާލާފައެވެ. އެހެންކަމުން 21 މެޗުން 35 ޕޮއިންޓާއެކު ވެސްޓް ހޭމް ފަސްވަނައިގައި އޮތްއިރު، ހަވަނައިގައި އޮތް ޓޮޓެންހަމަށް 20 މެޗުން ލިބިފައިވަނީ 33 ޕޮއިންޓެވެ.