ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙާއެކު ދައުލަތުގެ އަނެއް ދެބާރުގެ ވެރިން ކޮވިޑް-19 ވެކްސިން ޖައްސަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވަނީ ވެކްސިން ޖައްސަވާފައެވެ. ދައުލަތުގެ 3 ބާރުގެ ވެރިން ވެކްސިން ޖައްސަވާފައިވަނީ ރާއްޖޭގައި ކޮވިޑް-19ށް ވެކްސިން ޖެހުމަށް ސަރުކާރުން ފެށި ޕްރޮގްރާމުގައި ހޯމަ ދުވަހުގެ ހެނދުނުއެވެ.
3 ބާރުގެ ވެރިން ފުރަތަމަ ވެކްސިން ޖައްސަވަނީ ވެކްސިންގެ ރައްކާތެރިކަން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށްޓަކައެވެ. މިއީ ދުނިޔޭގައި ވެސް ވެކްސިން ދިނުމުގެ ކަންކަން ފެށިފަހުން ގައުމެއްގެ ވެރިން ވެކްސިންގެ ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށްޓަކައި ފުރަތަމަ ވެކްސިން ޖެއްސެވުމަށް ނިންމެވި ނިންމެވުމެކެވެ. ރައީސް ޞާލިޙާއި، ރައީސް ނަޝީދުގެ އިތުރުން އުއްތަމަ ފަނޑިޔާރަށް ވެކްސިން ދިނުމާއެކު ރާއްޖޭގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ރަސްމީކޮށް ފެށުނީއެވެ. އަދި ފުރަތަމަ ވެކްސިން ދިނުމަށް ނިންމާފައިވަނީ ފްރަންޓްލައިންގައި މަސައްކަތް ކުރާ ސިއްޙީ ޚިދުމަތްތެރިންނަށެވެ.
ރާއްޖޭގައި ޖަހަން ފަށާފައިވަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި އޮކްސްފޯޑް/އެސްޓްރަޒެނިކާގެ ކޮވިޝީލްޑް ވެކްސިނެވެ. އިންޑިއާގެ ސިރަމް އިންސިޓިއުޓާއި އެކު ވެވުނު އެސްބަސްވުމުގެ ދަށުން އުފައްދަމުން އަންނަ ކޮވިޝީލްގެ 100،000 ޑޯޒް ވެކްސިން ވަނީ ރާއްޖެއަށް ހަދިޔާ ކޮށްފައެވެ. މި ވެކްސިން ރާއްޖެ ގެނެސްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. އަދި ވެކްސިން ދިނުމަށްޓަކައި ބަލަން ޖެހޭ ކަންކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބެލުމަށްފަހު ވެކްސިން ޖެހުމުގެ ހުއްދަ މިދިޔަ މަހުގެ 26 ވަނަ ދުވަހު ވަނީ ދީފައެވެ. މި ހުއްދަ ދީފައިވަނީ ޙާލަތަށް ރިޢާޔަތްކޮށް "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން" ގައި ބޭނުން ކުރުމަށެވެ.
މި ވެކްސިންއަކީ ދިވެހިރާއްޖޭގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ މި ޙާލަތުގައި ބޭނުންކުރުމުގެ ހުއްދަދީފައިވާ ފުރަތަމަ ވެކްސިންއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ޑަބްލިޔު.އެޗް.އޯ. އިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި، އަދި ބައިނަލްއަޤްވާމީ އުސޫލުތަކުގެ ދަށުން ހެލްތް އެމަރޖެންސީ ޙާލަތުގައި ބޭނުންކުރުމަށް އައު ވެކްސިންތަކަށް ހުއްދަ ދޫކުރެވޭ މިންގަނޑުތަކަށް ދިވެހިރާއްޖޭގައި ކޮވިޝީލްޑް ބްރޭންޑްގެ ވެކްސިންއަށް ހުއްދަ ދިނުމުގައި ފުރިހަމައަށް ރިޢާޔަތް ކޮށްފައިވާނެކަން މިނިސްޓްރީން ފާހަގަ ކޮށްފައިވެއެވެ.
އެސްޓްރަޒެނެކާގެ ވެކްސިންތައް އެމަރޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ގިނަ ގައުމުތަކުގައި ވަނީ ދީފައެވެ. އެގޮތުން އިނގިރޭސިވިލާތް، ޕާކިސްތާން ، ބްރެޒިލް، އިންޑިއާ އަދި މެކްސިކޯގެ ގައުމުތައް ހިމެނެއެވެ. ޑަބްލިޔުއެޗްއޯގެ ފުރިހަމަ އިތުބާރާއެކު ކާމިޔާބު ގިނަ ވެކްސިންތައް އުފައްދާ އިންޑިއާ ސެރަމް އިންސްޓިއުޓުންވެސް ވަނީ ކޮވިޝީލްޑް ވެކްސިން ކާމިޔާބު ވެކްސިންއަކަށް ވާނެކަމުގެ ޔަގީންކަން ދީފައެވެ. އަދި އުސޫލު އޮންނަ ގޮތުން ކޮންމެ ވެކްސިންއަކަށްވެސް ވަކިން ހުއްދަ ދޭން ޖެހޭއިރު، ފެބްރުއަރީ މަހުގެ މެދެއްދާ ހިސާބުގައި ޑަބްލިޔުއެޗްއޯގެ ހުއްދަ ލިބޭނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ވިދާޅުވަމުންނެވެ. އަދި ވެކްސިން ޖަހާތާ 10 ދުވަހާއި 15 ދުވަހުގެ ތެރޭގައި އަސަރު ފެންނާނެކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.