ކ. މާލެ
|
31 ޖެނުއަރީ 2021 | އާދީއްތަ 23:49
ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ
ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ
ގެޓީ އިމޭޖަސް
ރޮނާލްޑޯގެ މައްސަލައެއް ބެލުން
ރޮނާލްޑޯ ބޭނުންވާ ކަމެއް އޭނާ ކުރާނެ: ޕިރްލޯ
ކޮވިޑުގެ އުސޫލުތަކާ ރޮނާލްޑޯ ޚިލާފުވި މައްސަލައެއް އަންނަނީ ބަލަމުން
މި މައްސަލައާ ގުޅިގެން ރޮނާލްޑޯއަށް 400 ޔޫރޯގެ ޖޫރިމަނާއެއް އަތުވެދާނެ

ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބޭނުންވާ ކަމެއް އޭނާ ކުރާނެ ކަމަށް އެ ޓީމުގެ ކޯޗު އަންދްރެއާ ޕިރްލޯ ބުނެފިއެވެ.

ރޮނާލްޑޯ އޭނާގެ ލޯބިވެރިޔާގެ އުފަންދުވަހާ ދިމާކޮށް ރިސޯޓަކަށް ގޮސްފައި އެނބުރި އައިސް، ކަރަންޓީނުގެ މުއްދަތު ފުރިހަމަކޮށްފައިނުވާ ކަމަށް ބުނެ އިޓަލީގެ ސިއްހީ އިދާރާތަކުން އަންނަނީ އޭނާގެ މައްސަލައެއް ބަލަމުންނެވެ. އެކަމަކު މި މައްސަލައާ ގުޅިގެން ރޮނާލްޑޯއަށް ކުރިމަތިވާނީ 400 ޔޫރޯގެ ޖޫރިމަނާއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި މައްސަލައާ ގުޅޭ ގޮތުން ޕިރްލޯ ބުނީ ރޮނާލްޑޯ ޗުއްޓީ ދުވަސްތައް ހޭދަ ކުރާނީ އޭނާ ބޭނުންވާ ގޮތަކަށް ކަމަށާއި، އަމިއްލަ ދިރިއުޅުމުގައި ކުރާނެ ކަންކަން އެނގޭނީ އޭނާއަށް ކަމަށެވެ. އަދި ރޮނާލްޑޯއަކީ އޭނާ ބޭނުން ކޮންމެ ކަމެއް ކުރާނެ ކުޅުންތެރިއެއް ކަމަށްވެސް ޕިރްލޯ ބުންޏެވެ. ޕިރްލޯ އިތުރަށް ބުނީ އިޓާލިއަން ލީގުގައި ކުޅޭ ކުޅުންތެރިނަކީ ފުޓްބޯޅައިގެ ބޭރުން އެ މީހުން ކުރަން ބޭނުން ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން އޮންނަ ކުޅުންތެރިން ކަމަށާއި، އެ ކުޅުންތެރިއެއްގެ ޒިންމާ ނަގާނީ އެ ކުޅުންތެރިއެއް އަމިއްލައަށް ކަމަށެވެ.

އިޓަލީން ކަނޑައަޅާފައިވާ ކޮވިޑް-19 ގެ އުސޫލުތަކާ ރޮނާލްޑޯ ޚިލާފުވި ކަމަށް ބުނެ، އެ ގައުމުގެ ކަމާ ބެހޭ އިދާރާތަކުން އޭނާގެ މައްސަލަ ބަލަމުން އަންނައިރު، މިއީ އިޓަލީގެ ސިއްހީ އިދާރާތަކުން ބަލާ ރޮނާލްޑޯގެ ތިންވަނަ މައްސަލައެވެ. އެގޮތުން މީގެ ކުރިން ކަރަންޓީނުކޮށްފައި ވަނިކޮށް މުއްދަތު ހަމަނުވަނީސް ގައުމީ ޓީމުގެ މެޗުތައް ކުޅެން ޕޯޗުގަލަށް ރޮނާލްޑޯ ދިޔަ މައްސަލައަކާއި، ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނިކޮށް އަމިއްލަ ޖެޓުގައި އިޓަލީއަށް ރޮނާލްޑޯ އަނބުރާ އައި މައްސަލައެއްވެސް ވަނީ ބަލާފައެވެ.

ރޮނާލްޑޯގެ ތިންވަނަ މައްސަލައެއް ބަލަމުން އަންނައިރު، މީގެ ކުރިން އިޓަލީގެ ކުޅިވަރާ ބެހޭ ވަޒީރު ވިންޗެންޒޯ ސްޕަޑަފޯރާ ވަނީ އެ ގައުމުގައި ކުޅެމުން އަންނަ މަޝްހޫރު ބައެއް ފުޓްބޯޅަ ކުޅުންތެރިން ކޮވިޑުގެ އުސޫލުތަކާ ޚިލާފުވާ ކަމަށް ބުނެ އެކަމާ ކަންބޮޑުވުންވެސް ފާޅުކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް