ކ. މާލެ
|
31 ޖެނުއަރީ 2021 | އާދީއްތަ 19:14
ދާދި ފަހުން ހުޅުމާލޭގައި ބޭއްވި ޕާކް ވޮލީ މުބާރާތުގެ ތެރެއިން
ދާދި ފަހުން ހުޅުމާލޭގައި ބޭއްވި ޕާކް ވޮލީ މުބާރާތުގެ ތެރެއިން
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ބީޗް ވޮލީ މުބާރާތުގައި ބައިވެރިވާން ހުޅުވާލުން
މޯލްޑިވްސް އޯޕަން ބީޗް ވޮލީބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ ފެބްރުއަރީ މަހުގެ ހަތަރެއް
މޯލްޑިވްސް ބީޗް ވޮލީބޯޅަ ލީގާއި ނެޝަނަލް ޗެމްޕިއަންޝިޕުވެސް ބާއްވާނެ
މިއީ ވީއޭއެމުން މި މުބާރާތްތައް ބާއްވާ ފުރަތަމަ ފަހަރު

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް އޯޕަން ބީޗް ވޮލީބޯލް 2021" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއީ ވީއޭއެމްއިން މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. ވީއޭއެމްގެ އައު ސްޓްރަކްޗާގެ ދަށުން މޯލްޑިވްސް އޯޕަން ބީޗް ވޮލީބޯޅަ މުބާރާތާއެކު މޯލްޑިވްސް ބީޗް ވޮލީބޯޅަ ލީގާއި ނެޝަނަލް ޗެމްޕިއަންޝިޕުވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވީއޭއެމްއިން ނެރެފައިވާ ބަޔާނެއްގައި ބުނީ މި މުބާރާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި މުބާރާތްތައް ކުރިއަށްދާނީ ހުޅުމާލެ ރެޑްބުލް ބީޗް ވޮލީބޯޅަ ކޯޓާއި މާލެ ބީޗް ވޮލީބޯޅަ ކޯޓުގައި ކަމަށްވެސް ވަނީ ބުނެފައެވެ.

މި މުބާރާތްތަކުގައި އަންހެން އަދި ފިރިހެން ޑިވިޝަންވެސް ހިމެނޭއިރު، ދޭސީންނާއި ބިދޭސީ ކުޅުންތެރިންނަށްވެސް މޯލްޑިވްސް އޯޕަން ބީޗް ވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެކަމަކު މޯލްޑިވްސް ބީޗް ވޮލީބޯޅަ ލީގާއި ނެޝަނަލް ޗެމްޕިއަންޝިޕުގައި ބިދޭސީ ކުޅުންތެރިންނަށް ވާދަނުކުރެވޭނެ ކަމަށް ވީއޭއެމްއިން މައުލޫމާތުދެއެވެ.

މޯލްޑިވްސް އޯޕަން ބީޗް ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ އިތުރުން ބިދޭސީ ޓީމުތަކަށްވެސް ވާދަކުރެވޭއިރު، މޯލްޑިވްސް ބީޗް ވޮލީބޯޅަ ލީގުގައި ވާދަކުރާނީ އޯޕަން މުބާރާތުގެ ގަދަ އަށް ޓީމެވެ. އަދި ނެޝަނަލް ޗެމްޕިއަންޝިޕަށް ދަތުރުކުރާނީ ލީގުގެ ގަދަ ހަ ޓީމު ކަމަށްވެސް ވީއޭއެމްއިން ވަނީ މައުލޫމާތުދީފައެވެ.

ވީއޭއެމްއިން ނެރެފައިވާ ބަޔާނުގައިވާ ގޮތުން މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ ފެބްރުއަރީ މަހުގެ ހަތަރެއްވާ ބުރާސްފަތި ދުވަހުގެ 12:00 އެވެ. އަދި ހަމަ އެ ތާރީޚުގެ ކުރިން ޓީމު ލިސްޓުވެސް ހުށަހަޅަންޖެހޭނެ ކަމަށް ވީއޭއެމްއިން ވަނީ ބުނެފައެވެ. މުބާރާތުގައި ބައިވެރިވުމުގެފޯމާއި ޓީމު ލިސްޓްއޮންލައިންކޮށް ލިބެން ހުންނާނެ ކަމަށްވެސް ވީއޭއެމްއިން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް