ކ. މާލެ
|
31 ޖެނުއަރީ 2021 | އާދީއްތަ 15:35
ކޮޕާ ލިބެޓެޑޯރެސްގެ ތަށި ޕަލްމެއިރަސްއިން އުފުލާލަނީ
ކޮޕާ ލިބެޓެޑޯރެސްގެ ތަށި ޕަލްމެއިރަސްއިން އުފުލާލަނީ
ގެޓީ އިމޭޖަސް
ކޮޕާ ލިބެޓެޑޯރެސް
ދެކުުނު އެމެރިކާގެ ޗެމްޕިއަންކަން ޕަލްމެއިރަސްއަށް
ފައިނަލުގައި ސަންތޯސް އަތުން ފަހު ވަގުތު ޕަލްމެއިރަސް މޮޅުވީ 1-0 ން
މިއީ ކޮޕާ ލިބެޓެޑޯރެސްގެ ޗެމްޕިއަންކަން ޕަލްމެއިރަސްއިން ހޯދި ދެވަނަ ފަހަރު

ދެކުނު އެމެރިކާގެ އެންމެ ބޮޑު ކުލަބު ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕާ ލިބެޓެޑޯރެސްގެ ޗެމްޕިއަންކަން ޕަލްމެއިރަސް ހޯދައިފިއެވެ.

ޕަލްމެއިރަސްއިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ހޮނިހިރު ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުގައި ސަންތޯސް އަތުން ފަހު ވަގުތު މޮޅުވެގެންނެވެ. މިއީ މި މުބާރާތުގެ ޗެމްޕިއަންކަން ޕަލްމެއިރަސްއިން ހޯދި ދެވަނަ ފަހަރެވެ. މީގެ ކުރިން ޕަލްމެއިރަސްއިން މި މުބާރާތް ކާމިޔާބުކޮށްފައިވަނީ 1999 ވަނަ އަހަރުއެވެ.

ކޮޕާ ލިބެޓެޑޯރެސްގެ ފައިނަލް މެޗު ހޮނިހިރު ދުވަހުގެރޭ ކުޅުނުއިރު، މިއީ މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލް މެޗެވެ. މިދިޔަ އަހަރުގެ ފައިނަލް މެޗު މި އަހަރު ކުޅެން ޖެހުނީ ކޮވިޑް-19 އާ ގުޅިގެން މީގެ ކުރިން މުބާރާތް މެދުކަނޑާލަން ޖެހުމާ ގުޅިގެންނެވެ.

ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ދެ ޓީމަށްވެސް މުޅި މެޗުގައި ގޯލާ އަމާޒުކޮށް ފޮނުވާލެވިފައިވަނީ އެންމެ ހަމަލާއެކެވެ. ފޯރިގަދަވެގެންދިޔަ މި މެޗުގައި އިތުރު ވަގުތުގެ ގޮތުގައި 15 މިނެޓު ކުޅެން ޖެހުނުއިރު، އިތުރު ވަގުތުގައި ސަންތޯސްގެ ކޯޗު ކޫކާއަށް ރެފުރީ ވަނީ ރަތް ކާޑެއް ދައްކާފައެވެ.

އޭގެ ފަހުން މި މެޗުގައި ޕަލްމެއިރަސްއިން ލީޑު ނަގާފައިވަނީ އިތުރު ވަގުތުގެ ނުވަވަނަ މިނެޓުގައެވެ. ރޯނީ ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ބްރޭނޯ ލޯޕެސްއެވެ.

މި މޮޅާއެކު ކޮޕާ ލިބެޓެޑޯރެސްގެ ޗެމްޕިއަންކަން ޕަލްމެއިރަސްއިން ހޯދިއިރު، އެ ޓީމު ވަނީ މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ކުލަބު ވޯލްޑް ކަޕުން ޖާގައެއް ހޯދާފައެވެ. ހަ ބައްރުގެ ޗެމްޕިއަނުންނާއި، ހޯސްޓްކުރާ ގައުމުގެ ލީގު ޗެމްޕިއަނުންގެ މެދުގައި ބާއްވާ ކުލަބު ވޯލްޑް ކަޕް އޮންނާނީ މި އަހަރުގެ ފެބްރުއަރީ މަހު ގަތަރުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް