ރާއްޖޭގެ 11 ރަށެއްގައި ސަރުކާރުން ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫޢުތަކެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއާ ޙަވާލުކޮށްފިއެވެ.
އާދިއްތަ ދުވަހު ޕްލޭނިން މިނިސްޓްރީގައި ކުރިއަށް ގެންދިޔަ ޙަފުލާއެއްގައި އެމް.ޓީ.ސީ.ސީ. އާއި ޙަވާލުކޮށްފައި ވަނީ ހދ. ނެއްލައިދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު އާއި އއ. ބޮނޑުފުޅަދޫ އަދި ރ. އުނގޫފާރު ބިން ހިއްކުމުގެ މަޝްރޫޢުއެވެ.
އއ. ބޮނޑުފުޅަދޫގެ 8 ހެކްޓަރު ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ގޮތުން 1052 މީޓަރު ރިވެޓްމެންޓާއި 180 މީޓަރުގެ ބްރޭކްވޯޓަރ އަދި 110 މީޓަރުގެ ގްރޮއިން ޤާއިމުކުރާނެއެވެ. މި މަޝްރޫޢު ނިންމުމަށް ދީފައި ވަނީ 365 ދުވަހެވެ. މިއީ 78.6 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.
ރ، އުނގޫފާރުގައި 75.3 މިލިއަން ރުިފޔާގެ ބިން ހިއްކުމުގެ މަޝްރޫޢު އެމް.ޓީ.ސީ.ސީ. އާއި ޙަވާލުކޮށްފައި ވަނީ 240 ދުވަހުން ނިންމުމަށެވެ. މި މަޝްރޫއުގެ ދަށުން 10 ހެކްޓަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ އިތުރުން 1150 މީޓަރު ރިވެޓްމެންޓާއި 75 މީޓަރު ގްރޮއިން ގާއިމުކުރާނެއެވެ.
ހދ. ނެއްލައިދޫގެ ރަށްގިރުމުގެ މަސައްކަތް ހައްލުކުރުމަށް ހިންގާ 19.9 މިލިއަން ރުފިޔާގެ މަޝްރޫޢުގައި އެރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށް 870 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ގާއިމުކުރާނެއެވެ.
މި ތިން އެއްބަސް ވުމުގައި މިނިސްޓްރީ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެމިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިއާ އަހްމަދުއެވެ. އަދި އެމް.ޓީ.ސީ.ސީ.ގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރ ޝާހިދު ހުސެއިން މޫސާއެވެ.
މީގެ އިތުރުން ދެ ރަށެއްގެ ފެނުގެ ޚިދުމަތްދިނުމަށް ސިސްޓަމްތަކެއް ފެނަކަ ކޯޕަރޭޝަންއާ ވަނީ ޙަވާލުކޮށްފައެވެ. އެއީ ދ. ކުޑަހުވަދޫ އަދި ތ.ގުރައިދޫއެވެ. އަދި ހއ. އުތީމު، ރ. ރަސްމާދޫ، ނ. ލަންދޫ އާއި ފ. ފީއަލީގެ އިތުރުން ރ. މާކުރަތު އަދި ޅ. ކުރެންދޫ ނަރުދަމާގެ ނިޒާމްގެ ޚިދުމަތްދިނުމަށް ފެނަކައާ ވަނީ ޙަވާލުކޮށްފައެވެ.
މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ޕާމަނަންޓް ސެކްރެޓަރީ ޒީނިއާ އަހްމަދު ސޮއިކުރައްވާފައިވާއިރު، ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައީދު މުހައްމަދުއެވެ.