މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އާންމުކޮށްފައިވާ އުސޫލުގެ ދަށުން ރާއްޖޭގައި ކޮވިޑް-19 އަށް ވެކްސިން ޖަހާނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށެވެ.
އިންޑިއާގެ ސެރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން ރާއްޖޭގައި ދިނުމުގެ މަސައްކަތް ހޯމަ ދުވަހު ފެށުމަށް ނިންމާފައިވާ އިރު، އެންމެ ފުރަތަަމަ ވެކްސިން ދޭން ފަށަނީ މާލެ ސިޓީ، އައްޑޫ ސިޓީގެ އިތުރުން ކުޅުދުއްފުށި ސިޓީގައެވެ.
ކޮވިޝީލްޑް ވެކްސިން ރާއްޖޭގައި އެމެޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަދިނުމުގެ ކުރިން އެމް.އެފް.ޑީ.އޭ.އިން ވަނީ ގިނަ ކަންތައްތަކެއް ބަލާފައެވެ. އަދި ވެކްސިންދިނުމުގެ މަސައްކަތްކުރާއިރު، ވެކްސިން ދޭން ވަނީ ހަތަރު ހަފުތާ ފަހުން ވެކްސިންގެ ދެވަނަ ޑޯޒް ދެވޭނެ ވަރަށް ސްޓޮކްގައި ވެކްސިން ހުންނަން ޖެހެއެވެ.
ވެކްސިންދިނުމުގެ ކުރިން ހެލްތު ވޯކަރުން ރަނގަޅަށް ޓްރެއިންކޮށް ވެކްސިނާ ގުޅޭގޮތުން ހެލްތު ވޯކަރުންނަށް މަޢުލޫމާތުދޭން ޖެހޭނެ ކަމަށް އެމް.އެފް.ޑީ.އޭ.އިން ބުނެއެވެ.
ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިޔާއިން އުފައްދާފައިވާ "ކޮވިޝީލްޑް" ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ އެމް.އެފް.ޑީ.އޭ.އިން ދިނީ ޖެނުއަރީ 26 ވަނަ ދުވަހުއެވެ. މި ހުއްދަ ދީފައިވަނީ ހާލަތަށް ރިޢާޔަތްކޮށް "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން" ގައި ބޭނުން ކުރުމަށެވެ.
ދިވެހިރާއްޖޭގައި މި ވެކްސިން ބޭނުންކުރުމުގެ ހުއްދަ މި އޮތޯރިޓީން ދީފައިވަނީ، މި ކަމުގައި ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލައި ދިރާސާކުރުމަށްފަހު، އެ އޮތޯރިޓީއަށް ފަންނީ ލަފާދޭ ޓެކްނިކަލް ބޯރޑު ކަމުގައިވާ "ނޭޝަނަލް ފާރމަސޫޓިކަލް ބޯޑު"ގެ ލަފައާއި މަޝްވަރާއާ އެކުގައި ކަމަށް އެމް.އެފް.ޑީ.އޭ.ގެ ބަޔާނުގައި ބުނެފައިވެއެވެ.
ސެރަމްއިން އުފައްދާ ކޮވިޝީލްޑް ވެކްސިނަކީ އެސްޓްރަޒެނެކާ އާއި އޮކްސްފޯޑް ޔުނިވާސިޓީ ގުޅިގެން ތައްޔާރުކޮށްފައިވާ ރިސާރޗްގެ މައްޗަށް އުފައްދާ ވެކްސިނެކެވެ. އެސްޓްރަޒެނެކާއިން އާންމު ކުރި އެންމެ ފަހުގެ ނަތީޖާތައް ދައްކާގޮތުން ހަތަރު ހަފުތާގެ ދުރުމިނުގައި ދެ ޑޯޒްއިން ޖަހާ މި ވެކްސިނަކީ 70 އިންސައްތަ ކާމިޔާބު ވެކްސިނެކެވެ. އަދި މި ވެކްސިނަކީ ހަ މަސް ދުވަސްވަންދެން ރެފްރިޖަރޭޓަރގައި ރައްކާކޮށްފައި ބެހެެއްޓޭނެ ވެކްސިނެކެވެ. އެހެންކަމުން މިވެކްސިނަކީ ރައްކާތެރިކަަމާއެކު އެއް ގައުމުން އަނެއް ގައުމަށް ގެންދިއުމުގައި ވެސް އެންމެ ފަސޭހަ ވެކްސިނެވެ.
އީޔޫ އިން ވެސް ވަނީ މި ވެކްސިން ބޭނުންކުރުމުގެ ހުއްދަދީފައެވެ. އިންޑިއާ އިން ވަނީ ކޮވިޝީލްޑުގެ އެއް ލައްކަ ޑޯޒްގެ ރާއްޖެއަށް ފޯރުކޮށްދީފައެވެ.
ރާއްޖޭގައި މި ވެކްސިން ދޭއިރު، ސިއްޙީ ޚިދުމަތްތެރިންނަށާއި ބަލިމަޑުކަމާ ގުޅިގެން އިސްސަފުގައި މަސައްކަތްކުރާ ފަރާތްތަކަށް އިސްކަންދޭނެއެވެ.