ކ. މާލެ
|
31 ޖެނުއަރީ 2021 | އާދީއްތަ 12:39
ބަޔާނާއި ހޮފެންހެއިމް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބަޔާން މޮޅުވީ 4-1 ން
ބަޔާނާއި ހޮފެންހެއިމް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބަޔާން މޮޅުވީ 4-1 ން
ގެޓީ އިމޭޖަސް
ޖަރުމަން ލީގު
ބަޔާނާއި ޑޯޓްމުންޑަށް މޮޅެއް
ހޮފެންހެއިމް އަތުން ބަޔާން މޮޅުވީ 4-1 ގެ ނަތީޖާއަކުން
އޯގްސްބާގްއަތުން ޑޯޓްމުންޑް މޮޅުވީ 3-1 ގެ ނަތީޖާއަކުން

ޖަރުމަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުތަކުން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކާއި، ބޮރޫޝިއާ ޑޯޓްމުންޑުވެސް މޮޅުވެއްޖެއެވެ.

ބަޔާން މޮޅުވީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ހޮފެންހެއިމް އަތުން 4-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ބަޔާނުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 32 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖެރޯމް ބޯޓެންގެވެ. އަދި ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ތޯމަސް މުލާ ވަނީ ބަޔާނަށް ލީޑު ފުޅާކޮށްދީފައެވެ. އެކަމަކު އޭގެ މިނެޓެއް ފަހުން އަންދްރޭ ކްރަމަރިޗް ވަނީ ލަނޑެއް ޖަހައި ހޮފެންހެއިމަށް ފަރަގު ކުޑަކޮށްދީފައެވެ.

މެޗުގައި ބަޔާނުން ދެވަނަ ފަހަރަށް ލީޑު ފުޅާކޮށްފައިވަނީ 57 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީއެވެ. މިއީ މި ސީޒަނުގެ ޖަރުމަން ލީގުގައި ލެވަންޑޯސްކީ ކާމިޔާބުކުރި 24 ވަނަ ލަނޑެވެ. އަދި އޭގެ ހަ މިނެޓު ފަހުން ސާޖް ގްނަބްރީ ވަނީ ބަޔާނުގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ.

މި މޮޅާއެކު ބަޔާނުން ވަނީ އެއްވަނައިގައި ހަތް ޕޮއިންޓުގެ ލީޑު ދަމަހައްޓާފައެވެ. އެގޮތުން ބަޔާނަށް ކުޅުނު 19 މެޗުން 45 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އާރްބީ ލެއިޕްޒީގަށް 19 މެޗުން ލިބިފައިވަނީ 38 ޕޮއިންޓެވެ. އަދި ހޮނިހިރު ދުވަހުގެރޭ ބަޔާން އަތުން ބަލިވި ހޮފެންހެއިމް އޮތީ ތާވަލުގެ 12 ވަނައިގައި 19 މެޗުން 22 ޕޮއިންޓާއެކުއެވެ.

ޑޯޓްމުންޑާއި އޯގްސްބާގް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޑޯޓްމުންޑް މޮޅުވީ 3-1 ން

މީގެ އިތުރުން ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ޑޯޓްމުންޑް މޮޅުވީ އޯގްސްބާގް އަތުން ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުންނެވެ.

ޑޯޓްމުންޑުގެ ދަނޑުގައި ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ އޯގްސްބާގުންނެވެ. އެގޮތުން މެޗުގެ 10 ވަނަ މިނެޓުގައި އެ ޓީމަށް ލިޑު ނަގައިދިނީ އަންދްރޭ ހާންއެވެ. އޭގެ ފަހުން ޑޯޓްމުންޑުން ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 21 ވަނަ މިނެޓުގައި އެ ޓީމަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އެކަމަކު ޑޯޓްމުންޑުގެ އާލިން ބްރައުޓް ހާލަންޑް ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ނަމަވެސް އޭގެ ފަސް މިނެޓު ފަހުން ތޯމަސް ޑެލަނީ ވަނީ ލަނޑެއް ޖަހައި ޑޯޓްމުންޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މެޗުގައި ޑޯޓްމުންޑުން ލީޑު ނަގާފައިވަނީ މެޗުގެ 63 ވަނަ މިނެޓުގައި ޖޭޑަން ސަންޗޯ ކާމިޔާބުކުރި ލަނޑުންނެވެ. އަދި މެޗުގެ 75 ވަނަ މިނެޓުގައި ޑޯޓްމުންޑުން ލީޑު ފުޅާކުރިއިރު، މި ލަނޑަކީ އޯގްސްބާގުގެ ފީލިކްސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި މޮޅާއެކު ޑޯޓްމުންޑް އޮތީ ތާވަލުގެ ފަސްވަނައިގައި ކުޅުނު 19 މެޗުން ލިބުނު 32 ޕޮއިންޓާއެކުއެވެ. އަދި ޑޯޓްމުންޑް އަތުން ބަލިވި އޯގްސްބާގް އޮތީ ތާވަލުގެ 13 ވަނައިގައި 19 މެޗުން 22 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް