އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުތަކުން އޭސީ މިލާނާއި، އިންޓަ މިލާން އަދި އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސްވެސް މޮޅުވެއްޖެއެވެ.
ތާވަލުގެ އެއްވަނައިގައި އޮތް މިލާން މޮޅުވީ ރަށުން ބޭރުގައި ކުޅުނު މެޗުން ބޮލޯނިއާ އަތުން 2-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މިލާނުންނެވެ. މެޗުގެ 26 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަންޓޭ ރެބިޗެވެ. މި ލަނޑު ރެބިޗް ކާމިޔާބުކުރީ ޕެނަލްޓީއަކުން މިލާނުގެ ޒްލަޓާން އިބްރަހިމޮވިޗް ފޮނުވާލި ބޯޅަ، ބޮލޯނިއާގެ ގޯލްކީޕަރު ލޫކަސް ޝްކޮރުޕްސްކީ އަތުގައި ޖެހިފައި ނުކުތް ވަގުތު ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މި މެޗުގައި މިލާނަށް ލީޑު ފުޅާކޮށްދިން ލަނޑު 55 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ފްރޭންކް ކެސިއޭއެވެ. އެކަމަކު މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް އަންދްރެއާ ޕޯލީ ވަނީ ބޮލޯނިއާއަށް ފަރަގު ކުޑަކޮށްދީފައެވެ.
މިލާނާ ވާދަވެރި އިންޓަ މޮޅުވީ ހޮނިހިރު ދުވަހުގެރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބެނެވެންޓޯ އަތުން 4-0 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު އިންޓައިން ވަނީ ލީގުގައި އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު ހަތް މެޗުންވެސް މޮޅުވެފައެވެ.
ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގައި އިންޓައިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗު ފަށައިގެން ހަތްވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑަކީ ބެނެވެންޓޯގެ ރިކާޑޯ އިމްޕްރޮޓާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މި މެޗުގައި އިންޓައިން ލީޑު ފުޅާކޮށްފައިވަނީ 57 ވަނަ މިނެޓުގައި ލަޓާރޯ މާޓިނޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
އަދި އޭގެ ފަހުން މެޗުގެ 67 ވަނަ މިނެޓުގައި ރޮމެލޫ ލުކާކޫ ވަނީ އިންޓަގެ ތިންވަނަ ލަނޑު ޖަހާފައެވެ. އަދި މެޗުގައި އިންޓައިން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު 79 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ލުކާކޫއެވެ.
މީގެ އިތުރުން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ޔުވެންޓަސް މޮޅުވީ ސަމްޑޯރިއާ އަތުން 2-0 ގެ ނަތީޖާއަކުންނެވެ.
ސަމްޑޯރިއާގެ ދަނޑުގައި ކުޅުނު މި މެޗުގައި ޔުވެންޓަސްއިން ލީޑު ނަގާފައިވަނީ މެޗުގެ 20 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފެޑެރިކޯ ކިއެސާއެވެ. އޭގެ ފަހުން މި މެޗުގައި ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބި ބޭކާރުވިއިރު، އެ ޓީމުން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ އިތުރު ވަގުތުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އާރޮން ރަމްސޭއެވެ.
މި ނަތީޖާތަކާއެކު މިލާން އެއްވަނައިގައި އޮތީ ކުޅުނު 20 މެޗުން ލިބުނު 46 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އިންޓައަށް 20 މެޗުން 44 ޕޮއިންޓް ލިބިފައިވާއިރު، ޔުވެންޓަސް ތިންވަނައިގައި އޮތީ 19 މެޗުން 39 ޕޮއިންޓާއެކުއެވެ.