ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ ލެވަންޓޭ އަތުން އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ބަލިވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ރެއާލް ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ.
މި މެޗު ފަށައިގެން ނުވަވަނަ މިނެޓުގައި ރެއާލުގެ ޑިފެންޑަރު އެޑާ މިލިޓާއޯއަށް ރެފުރީ ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ. އޭނާއަށް ރަތް ކާޑު ދެއްކީ ލެވަންޓޭގެ ސާޖިއޯ ލެއޯންއަށް ކުރި ފައުލަކާ ގުޅިގެންނެވެ. އެކަމަކު އޭގެ ހަތަރު މިނެޓު ފަހުން ރެއާލުން ވަނީ މެޗުގައި ލިޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މާކޯ އެސެންސިއޯއެވެ.
މެޗުގެ ބޮޑުބައި ރެއާލުން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނުއިރު، ފުރަތަމަ ހާފުގައި ލެވަންޓޭއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މެޗުގެ 32 ވަނަ މިނެޓުގައި ލެވަންޓޭއަށް ނަތީޖާ އެއްވަރުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ހޯސޭ ލުއިސް މޮރާލޭސްއެވެ.
މި މެޗުގައި ލީޑު ނެގުމަށް ލެވަންޓޭއަށް މެޗުގެ 64 ވަނަ މިނެޓުގައި ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެ ޓީމުގެ ރޮޖާ ފޮނުވާލި ޕެނަލްޓީ ރެއާލުގެ ގޯލްކީޕަރު ތިބައޫ ކޯޓުއާ ވަނީ މަތަކޮށްފައެވެ. މިއީ އޭރިއާ ތެރެއިން ލެވަންޓޭގެ ކާލޯސް ކްލާކަށް ރެއާކުގެ ވިނީޝިއުސް ޖޫނިއާ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. އެކަމަކު އޭގެ ފަހުން މެޗުގެ 78 ވަނަ މިނެޓުގައި ރޮޖާ ވަނީ ލަނޑެއް ޖަހައި މި މެޗުގައި ލެވަންޓޭ މޮޅުކޮށްދީފައެވެ.
މި މެޗުން ރެއާލް ބަލިވުމުން އެ ޓީމު އޮތީ ތާވަލުގެ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށްވުރެ ހަތް ޕޮއިންޓް ފަހަތުގައެވެ. އެގޮތުން އެތުލެޓިކޯއަށް ކުޅުނު 18 މެޗުން 47 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ރެއާލަށް 20 މެޗުން ލިބިފައިވަނީ 40 ޕޮއިންޓެވެ. އަދި ރެއާލް ބަލިކުރި ލެވަންޓޭ އޮތީ ތާވަލުގެ ނުވަވަނައިގައި 20 މެޗުން 26 ޕޮއިންޓާއެކުއެވެ.