އަދާލަތު ޕާޓީގެ ރައީސްއަކު ހޮވުމަށް ކުރިއަށް ގެންދާ އިންތިޚާބު އެ ޕާޓީގެ މިހާރުގެ ރައީސް ހޯމް މިނިސްޓަރ ޝެއިޙް އިމްރާން އަބްދުﷲ ކާމިޔާބު ކުރައްވައިފިއެވެ.
އިންތިޚާބުގެ ނަތީޖާ ހޮނިހިރު ދުވަހުގެރޭ އާންމު ކުރައްވާފައިވާއިރު، މިނިސްޓަރ އިމްރާނަށް ލިބިވަޑައިގެންފައިވަނީ 921 ވޯޓެވެ. އަދި އެ މަޤާމަށް ވާދަ ކުރެއްވި މިހާރުގެ އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒާހިރު އަލީއަށް ލިބިވަޑައިގެންފައިވަނީ 167 ވޯޓެވެ.
މި އިންތިޚާބުގައި ވޯޓުލުމަށް 4500ށް ވުރެ ގިނަ މީހުން ރަޖިސްޓްރީ ކުރި ނަމަވެސް، ވޯޓު ލާފައިވަނީ ޖުމުލަ 1088 މީހެކެވެ. އަދާލަތު ޕާޓީން މައުލޫމާތުދޭ ގޮތުގައި މި އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރ ވެފައިވާ މީހުންގެ ތެރެއިން ވޯޓުގައި ބައިވެރިވެފައިވަނީ 2..89 އިންސައްތަ މީހުންނެވެ.
މިނިސްޓަރ އިމްރާނާއެކު ރަނިންގ މޭޓެއްގެ ގޮތުގައި ޕާޓީގެ ނައިބު ރައީސް ކަމަށް ކުރިމަތިލާފައިވަނީ އަޙްމަދު ޝަރީފެވެ. އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރުގެ ރަނިންގ މޭޓެއްގެ ގޮތުގައި ނައިބު ރައީސް ކަމަށް ކުރިމަތިލާފައިވަނީ އަޙްމަދު ނަޝީދެވެ.
މިނިސްޓަރ އިމްރާން އިންތިޚާބު ކާމިޔާބު ކުރައްވާފައިވާއިރު، އެމަނިކުފާނުގެ ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަަ ދައްކަވަމުން ވަނީ ޕާޓީގެ އެތެރޭގެ އިންތިހާބެއްގައި ވާދަ ކުރައްވައި ކެމްޕޭނަށް ބޮޑު ހަރަކާތެއް ބާއްވައި ވާހަކަދައްކަވަން ޖެހިވަޑައިގަންނަވާނެ ދުވަހެއް އަންނާނެ ކަމަށް ހީނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް މިއަދު އެކަން ވެސް ކުރަން ޖެހިފައިވާ ކަމަށާއި، އެކަން ކުރަން ޖެހުނީ މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން އޭގެ ނުފޫޒު އަދާލަތު ޕާޓީއަށް ފޯރަމުންދާތީ ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި ޕާޓީގެ ސަފުތައް ބައިބައިކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި، ޕާޓީގެ އެތެރޭގެ އިންތިހާބުގެ ކަންކަން "ހަރުކޮށް" ކުރަން ނިންމީ އެ ސަބަބާއިހުރެ ކަމަށް ވިދާޅުވިއެވެ.
އަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބު ބާއްވާފައިވަނީ އޮންލައިންކޮށެވެ. އެގޮތަށް ނިންމީ ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.