ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ ހޯދުމަށް ރެއާލް މެޑްރިޑުން ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާގައި ބިޑް ކުރާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މީގެ ކުރިން ރެއާލުން ވަނީ ދެ ފަހަރެއްގެ މަތިން އެމްބާޕޭ ހޯދުމަށް މަސައްކަތްކޮށްފައެވެ. އެގޮތުން އެމްބާޕޭގެ އުމުރުން 14 އަހަރުގައި އޭނާ ހޯދުމަށް ރެއާލުން ފުރަތަމަ މަސައްކަތް ކުރިއިރު، ދެވަނަ ފަހަރަށް މަސައްކަތްކުރީ އެމްބާޕޭ މޮނާކޯއަށް ކުޅުނު ދުވަސްވަރުއެވެ. އެކަމަކު 2017 ވަނަ އަހަރު މޮނާކޯ ދޫކޮށް 145 މިލިޔަން ޔޫރޯއަށް އެމްބާޕޭ ބަދަލުވީ ޕީއެސްޖީއަށެވެ. އެއީ ދުނިޔޭގެ ދެވަނައަށް އެންމެ އަގުބޮޑު ޓްރާންސްފާއެވެ.
ދާދި ފަހުން ސްޕެއިނުގެ މީޑިއާތަކުން ވަނީ މި އަހަރުގެ ހޫނު މޫސުމުގައި އުމުރުން 22 އަހަރުގެ އެމްބާޕޭއަށް ބިޑް ކުރަން ރެއާލުން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުކޮށްފައެވެ. އެގޮތުން ހޫނު މޫސުމުގައި އެމްބާޕޭ ހޯދުމަށް ރެއާލުން އަލުން މަސައްކަތް ކުރާނެކަމުގެ އިޝާރާތެއް އެ ކުލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްވެސް ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރެއާލުން އެމްބާޕޭ ހޯދުމަށް މަސައްކަތް ކުރަމުން އަންނައިރު، އޭނާ މި ވަގުތު ޕީއެސްޖީގެ އެއްބަސްވުމުގައި ހުރީ 2022 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށެވެ. އެކަމަކު ޕީއެސްޖީގެ އެއްބަސްވުން އާކުރަން އެމްބާޕޭ ބޭނުންނުވާތީ، މި އަހަރުގެ ހޫނު މޫސުމުގައި ޕީއެސްޖީން އެމްބާޕޭ ވިއްކާލާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ސަބަބަކީ މި އަހަރު ޕީއެސްޖީއަށް އެމްބާޕޭ ވިއްކާނުލެވިއްޖެނަމަ، 2022 ވަނަ އަހަރު އެމްބާޕޭއަށް ހިލޭ ޓްރާންސްފައެއްގެ ދަށުން ކުލަބު ބަދަލުކުރެވޭނެތީއެވެ.
ރެއާލުން އެމްބާޕޭ ގެންދިޔުމަށް މަސައްކަތް ކުރަމުން އަންނައިރު، ޕީއެސްޖީން އޭނާ ވިއްކާލުމަށް ބޭނުންވަނީ 150 މިލިޔަން ޔޫރޯއަށް ކަމަށް ސްޕެއިނުގެ މިޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެކަމަކު ކޮވިޑް-19 ގެ މި ދަނޑިވަޅުގައި އެ އަދަދު ދައްކަން ރެއާލުން ބޭނުންނުވާ ކަމަށާއި، އެންމެ ގިނަވެގެންވެސް ރެއާލަށް ޚަރަދުކުރެވޭނީ 125 މިލިޔަން ޔޫރޯ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ހޫނު މޫސުމުގައި އެމްބާޕޭ ހޯދަން ރެއާލުން ބިޑް ކުރާނެ ކަމަށް ބެލެވޭއިރު، އެ ޓީމުގެ އިތުރުން ލިވަޕޫލާއި، ޔުވެންޓަސް އަދި ބާސެލޯނާއިންވެސް އަންނަނީ އެމްބާޕޭ ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
ޒުވާން އުމުރުގައި ފްރާންސާއެކު ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ އެމްބާޕޭ ވަނީ މިހާތަނަށް ޕީއެސްޖީއަށް ކުޅެދުން 147 މެޗުގައި 106 ލަނޑު ޖަހާފައެވެ. އަދި އޭނާ ވަނީ ޕީއެސްޖީއާއެކު ފްރެންޗް ލީގު ތިން ފަހަރު ކާމިޔާބުކޮށްފައެވެ.