އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ) ގެ އެގްޒެކުޓިވް ބޯޑުގެ ޑައިރެކްޓަރަކަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ފައިޞަލް އިންތިޚާބުވެވަޑައިގެންފިއެވެ.
އެ މަގާމަށް ފައިޞަލް އިންތިޚާބުވެވަޑައިގަތީ އޭސީސީގެ އެސޯސިއޭޓް މެންބަރު ގައުމުތަކުގެ ތެރެއިންނެވެ. ފައިޞަލް އެ މަގާމަށް ހޮވިވަޑައިގަތީ ހޮނިހިރު ދުވަހު ކުރިއަށްދިޔަ އޭސީސީގެ އަހަރީ އާންމު ޖަލްސާގެ ކުރިން ބޭވުނު އެސޯސިއޭޓް މެންބަރުންގެ ބައްދަލުވުމުގައި، ބައިވެރިވި ހުރިހާ ގައުމެއްގެ ތާއީދާއެކުއެވެ. ހޮނިހިރު ދުވަހު ބޭއްވި އޭސީސީގެ އަހަރީ އާންމު ޖަލްސާގައި ކްރިކެޓް ބޯޑުގެ ފަރާތުން ބައިވެރިވެވަޑައިގަތީ ފައިސަލުގެ އިތުރުން ނައިބު ރައީސް އަޙްމަދު ހުސައިނެވެ.
އޭސީސީގެ އެސޯސިއޭޓް މެންބަރުން ގައުމުތަކުގެ ތެރެއިން ޑައިރެކްޓަރަކު އިންތިޚާބުކުރުމުގެ އިތުރުން، ހޮނިހިރު ދުވަހު ވަނީ އޭސީސީގެ ރައީސްގެ މަގާމާ އިންޑިއާއިން ހަވާލުވެފައެވެ. އޭސީސީގެ ހިންގާ ގަވާއިދުގައި އޮންނަ ގޮތުން އެ އިދާރާގެ ރައީސް ހޮވަނީ ޓެސްޓް ކްރިކެޓް ކުޅޭ ގައުމުތަކުގެ ތެރެއިން ދައުރުވާ ގޮތަށެވެ. އެގޮތުން މިދިޔަ ދައުރުގައި އޭސީސީގެ ރައީސްކަން ކޮށްފައިވަނީ ބަންގްލަދޭޝްއިންނެވެ.
އޭސީސީގެ އެގްޒެކުޓިވް ބޯޑަށް ފައިޞަލް އިންތިޚާބުވެވަޑައިގެންނެވިއިރު، އޭނާ ކްރިކެޓް ބޯޑުގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގަތީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މީގެ ކުރިން ރާއްޖެއިން ޗައިނާއަށް ކަނޑައެޅުއްވި ސަފީރުގެ މަގާމުވެސް އަދާކުރައްވާފައިވާ ފައިޞަލް އެ އިދާރާއާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި ކްރިކެޓް ބޯޑުގެ ހިންގާ ކޮމިޓީން ކުރިއަށް އޮތް ހަތަރު އަހަރުގެ މަސައްކަތްތައް ބައްޓަންކުރާނެ ގޮތްތަކެއް ކަނޑައެޅުމަށް "ޕްލޭން 120" ގެ ނަމުގައި ކުރު މުއްދަތުގެ ޕްލޭނެއް އެކުލަވާލުން ހިމެނެއެވެ.
މިދިޔަ އަހަރު ކްރިކެޓް ބޯޑާ ފައިޞަލް ހަވާލުވެވަޑައިގެންނެވިއިރު، އޭނާ ވަނީ މީގެ ކުރިން އެ އިދާރާގެ ނައިބު ރައީސްގެ މަގާމާއި، ޖެނަރަލް ސެކްރެޓަރީގެ މަގާމުވެސް ފުރުއްވާފައެވެ.
އޭސީސީގެ އެގްޒެކުޓިވް ބޯޑަށް ފައިޞަލް އިންތިޚާބުވެވަޑައިގެންނެވިއިރު، ކްރިކެޓް ބޯޑުގެ ކުރީގެ ރައީސް މުޙައްމަދު އަފްލާހުވެސް ވަނީ މީގެ ކުރިން އެ މަގާމު ފުރުއްވާފައެވެ. ދެ އަހަރުގެ މުއްދަތަށް އަފްލާހް އެ މަގާމު ފުރުއްވިއިރު، އެންމެ ފަހުން ބޭއްވި ކްރިކެޓް ބޯޑުގެ އިންތިޚާބުގައި އޭނާ ވާދަކުރައްވާފައެއް ނުވެއެވެ.