ހެވީ ވެއިޓް ބޮކްސިން މެޗެއްގައި އޭނާއާ ކުރިމަތިލުމަކީ އެވަރެސްޓް ފަރުބަދައާ ކުރިމަތިލުން ފަދަ ކަމެއް ކަމަށްބުނެ އިނގިރޭސި ވިލާތުގެ އެންތަނީ ޖޮޝުއާއަށް އިންޒާރުދިން ޔުކްރެއިންގެ ވެލްޑަމީރު ކްލިޗްކޯ އާ ކުރިމަތިލުން ޖޮޝުއާ ކާމިޔާބުކޮށްފިއެވެ.
ހެވީވެއިޓް ބޮކްސިންގެ ތާރީޚީ މިމެޗަށް ނުކުތުމުގެ ކުރިން ޖޮޝުއާއަށް ކިލިޗްކޯވަނީ ވަރަށް ވަރުގަދައަށް ބަހުގެ ހަމާލައް ދީފައެވެ.
ނޮވެމްބަރު 2015 ގައި ޓައިސަން ފިއުރީގައި ހެވީ ވެއިޓް ޓައިޓަލް ގެއްލިފައިވާ ޔުކްރެއިންގެ 41 އަހަރުގެ ކްލިޗްކޯ 27 އަހަރުގެ ޖޮޝުއާ އާ ދެކޮޅަށް ނުކުތީ އައިބީއެފް އާ ޑަބްލިއުބީއޭ އަދި ޑަބްލިއުބީއޯ ޓައިޓަލްގެ ތެޅުމަކަށެވެ.
ބޮކްސިންގެ އެންމެ މަތީފަންތީގެ އެންމެ ވަރުގަދަ ކެޓެގަރީގެ މި ދެމީހުންގެ ތެޅުން 11 ބުރަށް ދެމިގެންދިޔައިރު، ޖޮޝުއާ މޮޅުވީ ކްލިޗްކޯ ބެލެކައުޓަކަށް ދުއްވާލުމަށްފަހުގައެވެ.
ދެ މީހުންނަށްވެސް ބޮޑު އަދަދެއްގެ ފައިސާ ލިބުނޭނެ ކަމަށް ބެލެވިފައިވާ މި ތެޅުމަށް ނުކުތުމުގެ ކުރިންވެސް ޒުވާން ޖޮޝުއާ ވަނީ ޕްރޮފެޝަނަލް ބޮކްސް ތެޅުންތެރިޔަކަށް ބަދަލުވި ފަހުން އޭނާ ކުރިމަތިލި ހުރިހާ އެންމެ ބަލިކޮށްފައެވެ.
ދެހާސް ސާދަ ވަނަ އަހަރު ކްލިޗްކޯ ހިންގާ ޓްރައިނިން ކޭމްޕަކަށްދިޔަ ޖޮޝުއާ ޕްރޮފެޝަނަލްކޮށް ބޮކްސިން ތަޅަންފަށާފައިވަނީ 2013 ވަނަ އަހަރުއެވެ.
ކޮންމެ ތެޅުންތެރިޔަކަށް 20 މިލިއަން ޕައުންޑް ލިބޭނެ ކަމަށް ބެލެވިފައިވަ މި ތެޅުމުގައި ޖޮޝުއާ ވެއްޓިފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ ހަވަނަ ބުރުގައި ކްލިޗްކޯ ބާރު އެތިފަހަރެއް ބްލޮކުން ނައްޓައިގެން އައިސް މޫނުގައި ޖެހުމުންނެވެ.
މިއީ ވަރަށް ވާދަވެރި އަދި ކުޅިބަލަން ވަން މީހުން ހޭދަކުރި ފައިސާގެ އަގު ލިބުނު ތެޅުމެކެވެ. އެގޮތުން މި މެޗު ބަލާލުމަށް އިނގިރޭސި ވިލާތުގެ މަޝްހޫރު ފުޓްބޯޅަ ސްޓޭޑިއަމް، ވެމްބްލީ އަށް 90،000 މީހުން ވަދެ ފުރާލިއެވެ.
ހޮނިހިރު ދުވަހު ރޭ އޮތް މެޗަކީ 12 ބުރަށް ދެމިގެންދާ ގޮތަށް އޮތް މެޗެކެވެ. ނަމަވެސް އެގާރަވަނަ ބުރުގައި ޖޮޝުއާ ކްލިޗްކޯ ދަންމާލީ އޭނާގެ ބޮލަށް އަމާޒްކޮށް ހޫރާލި ވަރުގަދަ ޙަމަލާއަކުންނެވެ. މިއީ ކްލިޗްކޯގެ ކެރިއަރުގައި އޭނާ ބަލިވި ފަސްވަނަ ފަހަރެވެ.
ވަރުގަދަ ހަމަލާތަކުގައި ވާދަވެރިން ވައްޓާލައިގެން މެޗު ނިންމާ ބައެއްގެ ގޮތުގަ ބެލެވިފައިވާ މި ދެމީހުންނަށް ބަލާއިރު، މިހާތަނަށް ހެވީ ވެއިޓް ބޮކްސިންގައި ޖޯޝުއާ ވަނީ ބަލިނުވެ 18 މެޗު ހަމަކޮށްފައެވެ.
އަނެއްކޮޅުން 64 މެޗުން މޮޅުވެ، 53 ނޮކައުޓް ހަދާފައިވާ ކްލިޗްކޯއަށް އެންމެ ވަރުގަދަ ކުރިމަތި ލުމަކަށްވެފައި އޮތީ މިފަހަރުގެ މެޗެވެ.
މި ތެޅުމަށް ނުކުތުމުގެ ކުރިން ހެވީ ވެއިޓް ބޮކްސިންގެ މިމެޗަކީ ޖޮޝުއާއަށް އެވަރެސްޓް ފަރުބަދައަށް އެރުން ކަހަލަކަމެއް ކަމަށާއި މުޅި އަހަރު ދުވަސް ހޭދަކޮށްގެން އެވަރެސްޓް ފަރުބަދައަށް އަރަން އުޅުނަސް އެކަންވާ ފަހަރާއި ނުވާ ފަހަރު އަންނާނެ ކަމަށް ކްލިޗްކޯ އޮތީ ބުނެފައެވެ.