ކ. މާލެ
|
29 ޖެނުއަރީ 2021 | ހުކުރު 22:38
ޑިއެގޯ ގާސިއާގައި އެމެރިކާއިން ހިންގާ އަސްކަރީ މަރުކަޒު ފެންނަ ފޮޓޯއެއް
ޑިއެގޯ ގާސިއާގައި އެމެރިކާއިން ހިންގާ އަސްކަރީ މަރުކަޒު ފެންނަ ފޮޓޯއެއް
ގޫގްލް މެޕްސް
ފޯޅަވަހި- ޗާގޯސް އައިލެންޑް މައްސަލަ
ފޯޅަވަހީގެ މައްޗަށް ޔޫކޭގެ ސިޔާދަތީ ބާރެއް ނެތްކަމަށް ނިންމައިފި
ރާއްޖެއަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކަށް ފުރިހަމައަށް އިހުތިރާމްކުރާ ޤައުމެއްކަން ފާހަގަކުރެއްވި
އެންމެ ރަނގަޅުގޮތަކީ މައްސަލާގައި ޝާމިލްވާ ހުރިހާ ޤައުމެއް މަޝްވަރާކުރުންކަމަށް ބަންޑާރަ ނައިބް ވިދާޅުވި
މި މައްސަލައިގައި އިޓޮލްސްއިންވެސް ނިންމާފައި މިވަނީ މޮރިޝަސްއާ އެއްކޮޅަށް

ޗާގޯސް އައިލެންޑްސް (ފޯޅަވަހި) ގެ މައްޗަށް އިނގިރޭސިވިލާތުގެ ސިޔާދަތީ ބާރެއް ނެތް ކަމަށް ޔުނައިޓަޑް ނޭޝަންސް އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދި ލޯ އޮފް ސީ (އިޓޮލްސް) އިން ނިންމައިފިއެވެ.

ޗާގޯސް އައިލެންޑްސްގެ މައްސަލާގައި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) 25 ފެބުރުއަރީ 2019 ގައި ނެރުނު އެޑްވައިޒަރީ އޮޕީނިއަން އޮތީ މި މައްސަލައިގައި ޗާގޯސް އައިލެންޑްގެ މިލްކުވެރިކަމާމެދު ދައުވާ ކުރާ މޮރިޝަސްއިން އެދޭ ގޮތަށެވެ. އެންމެ ފަހުން މި މައްސަލައިގައި އިޓޮލްސްއިންވެސް ނިންމާފައި މިވަނީ މޮރިޝަސްއާ އެއްކޮޅަށެވެ.

އެ ކޯޓުގެ އޮޕީނިއަންގައިވާ ގޮތުން މޮރިޝަސްގެ މައްޗަށް އޮތް އިސްތިއުމާރީ ބާރު ނިމުމަކަށް ގެނެސްފައި ވަނީ ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތަކަށް ނޫނެވެ. އޭގެ ސަބަބަކީ އިސްތިއުމާރީ ވެރިކަން ނިމުމަކަށް ގެނައިރު ޗާގޯސް މިނިވަންވެފައި ނުވާތީއެވެ. މި ސަބަބާއެކު އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮތް ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ ދޫކޮށްލުމަށް އައިސީޖޭ އިން މީގެ ކުރިން ނެރުނު ލަފާގައިވެސް ބުނެފައިވެއެވެ. އެހެން ނަމަވެސް، ޔޫކޭއިން އައިސީޖޭގެ ލަފަޔާ އެއްގޮތަށް އަމަލު ކޮށްފައި ނުވާތީ އެ މައްސަލަވެސް އިޓޮލްސްގައި މި މައްސަލަ ބެއްލެވި ޕެނަލުން ފާހަގަ ކޮށްފައިވެއެވެ.

ދިވެހިރާއްޖެއިން މީގެ ކުރިން ދެކެމުން ދިޔައީ ޗާގޯސްގެ މައްސަލައަކީ ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާއި ދެމެދުގައި އޮތް މައްސަލައެއްގެ ގޮތުގައި ނަމަވެސް 2010 ވަނަ އަހަރު ދިވެހިރާއްޖެއިން ކޮމިޝަން އޮން ދި ލިމިޓްސް އޮފް ދި ކޮންޓިނެންޓަލް ޝެލްފަށް ދިވެހިރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފްގެ ސަރަހައްދު ކަނޑައަޅައި ދިނުމަށް އެދި ހުށަހެޅުމުން މޮރިޝަސް އިން ވަނީ އެކަމަށް ދެކޮޅު ހަދައި އދގެ ސެކްރެޓެރީ ޖެނެރަލަށް ރަަސްމީކޮށް މައްސަލަ ހުށަހަޅާފައެވެ.

މޮރިޝަސް އިން އިއުތިރާޒް ކޮށްފައި ވަނީ ދިވެހިރާއްޖޭގެ ހުށަހެޅުމުގައި ޗާގޯސްގެ ޚާއްސަ އިގްތިސާދީ ސަރަހައްދު ފާހަގަކޮށްފައި ނުވާތީ އާއި ދިވެހިރާއްޖެއިން ހުށަހަޅާފައިވާ ސަރަހައްދާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ކަމަށް ބުނެއެވެ. އެއަށްފަހު އައްޑޫ ސިޓީއާއި ޗާގޯސްއާއި ދެމެދުގައިވާ ކަނޑުގެ ސަރަހައްދާ ދެމެދުގައި ވަކި ގޮތަކަށް އެއްބަސްވުމަށް މޮރިޝަސް އިން ވަނީ ދިވެހިރާއްޖެއަށް ގޮވާލާފައެވެ. ރާއްޖެއިން ބުނެފައި ވަނީ އެ ވޯޓަކީ އިނގިރޭސި ވިލާތާއި ނުވަތަ އެމެރިކާއާ އެއްކޮޅަށް ދީފައިވާ ވޯޓެއް ނޫން ކަމަށެެވެ. އަދި މިއީ މޮރިޝަސްއާ ދެކޮޅަށް ދިން ވޯޓެއް ވެސް ނޫން ކަމަށެވެ.

އޭގެ އިތުރުން، މި މައްސަލައާ ގުޅޭގޮތުން ބަންޑާރަ ނައިބް ވިދާޅުވީ، ފޯޅަވަހި ނުވަތަ ޗާގޮސް އައިލެންޑްސްގެ މައްސަލައަކީ މޮރިޝަސްއާ އާއި އިނގިރޭސިންނާއި ދެމެދުވާ މައްސަލައެއް ކަމަށާއި، މި މައްސަލައިގެ ތެރެއަށް ރާއްޖެއިން ވަނުމަށް ނޭދޭ ކަމަށެވެ. ރާއްޖެއަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކަށް ފުރިހަމައަށް އިހުތިރާމް ކުރާ ޤައުމެއްކަން ފާހަގަކުރައްވާ ބަންޑާރަ ނައިބް ވިދާޅުވީ ރާއްޖެއިން ވަންނަން ޖެހިފައިވަނީ، ރާއްޖެއިން ބޭނުން ނުވާ މައްސަލައެއްގެ ތެރެއަށް ކަމަށެވެ.

އެކަމާ ގުޅިގެންވެސް އިޓޮލްސްގެ ނިންމުމުގައި އަލިއަޅުވާލާފައިވެއެވެ. އެގޮތުން ރާއްޖެއިންވެސް މި މައްސަލައިގައި ވަކި ގޮތަކަށް މޮރިޝަސްއާއެކު އެއްބަސްވުމަކަށް އަންނަންޖެހޭކަން ފާހަގަ ކޮށްފައިވެއެވެ.

ޗާގޯސް އައިލެންޑްސްގެ މައްސަލާގައި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ނެރެފައިވާ އެޑްވަައިޒަރީ އޮޕީނިއަން ތަންފީޒު ކުރުމާ ބެހޭ ގޮތުން އދ.ގެ އާއްމު މަޖިލީހުގައި 2019 ވަނަ އަހަރު ނެގި ވޯޓުގައި އެއްކޮޅަށް 116 ވޯޓް ދީފައިވާއިރު ދެކޮޅަށް ވޯޓް ދީފައި ވަނީ ހަ ގައުމަކުންނެވެ. ވަކި އަތަކަށް ވޯޓް ނުދީ 56 ގައުމު އޮތެވެ. ދެކޮޅަށް ވޯޓް ދީފައިވަނީ ރާއްޖޭގެ އިތުރުން އޮސްޓްރޭލިއާ، ހަންގޭރީ، އިސްރާއީލް، އަދި އެމެރިކާ އާއި އިނގިރޭސި ވިލާތެވެ.

އައްޑޫ ސިޓީގެ ދެކުނުން އޮންނަ، ފޯޅަވައްސަކީ އަސްކަރީ މަރުކަޒެއްގެ ގޮތުގައި އެމެރިކާއިން ބޭނުންކުރަމުންދާ އަތޮޅެކެވެ. އިނގިރޭސީވިލާތުން ވަނީ އެ އަތޮޅު އެމެރިކާއަށް 50 އަހަރަށް ދީފައެވެ.

- ކޮމެންޓް
30 ޖެނުއަރީ 2021 | ހޮނިހިރު 08:39
އައްޑޫ ސިޓީ
ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ބައެއް! އިހު އައްޑޫ މީހުން ހުވަދޫ ފުއައްމުލަކައް ދާގޮތައް ދަތުރު ކުރި އަތޮޅެއް! މައިސަރުކާރުން ފެނުނުހައި ގޮތަކައް ކަންނިންމުމުގެ ކުރިން ސަރަހައްދު ތަކައް ދަތުރުކޮށް ކަން ދިރާސާ ކޮށް ބައްލަވާ! އިހު މަލިކު ދޫކޮއްލި ގޮތައް މިއަދު ފޯޅަވަހި އިނގިރޭސިންނާއި މޮރިށަސްގެ މައްސަލައެކޭ ކިޔާފަ ދޫކޮއްލީ ކީއްވެތޯ؟ ފޯޅަވައްސާއި ކައިރީ އައްޑޫތޯ ނޫނީ މޮރިށަސްތޯ؟
30 ޖެނުއަރީ 2021 | ހޮނިހިރު 06:16
ޙ
އެއީ ރާއްޖޭގެ ތަނެއް. އެކަންސާބިތިވާނެ ލިޔުންތައް ހުންނާނެ. މޮރިޝަސްއާ ބެހޭކަމެއްވެސްނޫން އެއީ