ކ. މާލެ
|
29 ޖެނުއަރީ 2021 | ހުކުރު 21:17
އެސްޓްރަޒެނެކާ ކުންފުނި
އެސްޓްރަޒެނެކާ ކުންފުނި
ގެޓީ އިމޭޖަސް
އީޔޫއިން އެސްޓްރަޒެނެކާ ވެކްސިނަށް ހުއްދަދިނުން
އެސްޓްރަޒެނެކާ ވެކްސިން އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ދިނުމުގެ ހުއްދަ އީޔޫއިން ދީފި
 
އެސްޓްރަޒެނެކާ އާއި އޮކްސްފޯޑް ޔުނިވާސިޓީން ކޮވިޑް-19 ވެކްސިންގެ މަސައްކަތް ފަށާފައި ވަނީ 2020 ވަނަ އަހަރު
 
އީޔޫއިން ވަނީ ފައިޒަރ އަދި ބައޯއެންޓެކްއިން ކޮވިޑް-19 އަށް އުފެއްދި ވެކްސިނާއި މޮޑާނާއިން ކޮވިޑް-19 އަށް އުފެއްދި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފައި
 
މިއީ އީޔޫއިން ހުއްދަ ދިން ތިން ވަނަ ވެކްސިން

އޮކްސްފޯޑް ޔުނިވާސިޓީއާއި އެސްޓްރަޒެނެކާ ގުޅިގެން އުފައްދާފައިވާ ކޮވިޑް-19 ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ޔޫރަޕިއަން މެޑިސިންސް އެޖެންސީން ދީފިއެވެ.

އީޔޫއިން މި ވެކްސިން ޖެހުމުގެ ހުއްދަ ދީފައި ވަނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް، ހުކުރު ދުވަހުއެވެ. މިއީ އީޔޫއިން ހުއްދަ ދިން ތިން ވަނަ ވެކްސިނެވެ. އެގޮތުން އީޔޫއިން ވަނީ ފައިޒަރ އަދި ބައޯއެންޓެކްއިން ކޮވިޑް-19 އަށް އުފެއްދި ވެކްސިނާއި މޮޑާނާއިން ކޮވިޑް-19 އަށް އުފެއްދި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފައެވެ.

އެސްޓްރަޒެނެކާ އާއި އޮކްސްފޯޑް ޔުނިވާސިޓީން ކޮވިޑް-19 ވެކްސިންގެ މަސައްކަތް ފަށާފައި ވަނީ 2020 ވަނަ އަހަރުއެވެ. އަދި އެއަހަރުގެ ޑިސެމްބަރ މަހުގެ 8 ވަނަ ދުވަހު ވެކްސިންގެ ކްލިނިކަލް ޓްރަޔަލްގެ ފޭސް 3 ގެ ފުރަތަމަ ސައިންޓިފިކް ޕޭޕަރ އެކުންފުނިން އާންމުކޮށްފައިވާއިރު، އެ ޕޭޕަރުން ވެކްސިނަކީ ކޮވިޑް-19 އަށް ރައްކާތެރިކަން ފޯރުކޮށްދޭ ވެކްސިނެއް ކަމަށް ދެއްކި ނަމަވެސް ވެކްސިންއާ ގުޅޭ ގޮތުން ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ.

ނޮވެމްބަރ މަހުގެ 16 ވަނަ ދުވަހު އިނގިރޭސިވިލާތުގައި ކުރިއަށް ގެންދިޔަ ވެކްސިންގެ ޓްރަޔަލްތަކުގެ ފުރަތަމަ ފައިންޑިންގްސް އާންމުކޮށްފައިވާއިރު، އެ ޓްރަޔަލްތަކުގައި އެކި އުމުރުފުރާތަކުގެ ވޮލެންޓިއަރުން ވަނީ ބައިވެރިވެ ވެކްސިން ޖަހާފައެވެ.

ނޮވެމްބަރ މަހުގެ 23 ވަނަ ދުވަހު އެސްޓްރަޒެނެކާ އާއި އޮކްސްފޯޑުން ވަނީ އިނގިރޭސިވިލާތާއި ބްރެޒިލްގައި ކުރިއަށް ގެންދިޔަ ޓްރަޔަލްގައި ބައިވެރިވި ފުރަތަމަ 131 މީހުންގެ ޓެސްޓްތަކަށް ބަލައި ވެކްސިނުން ކޮވިޑް-19 އަށް ރައްކާތެރިކަން ފޯރުކޮށްދޭ ކަމަށް ބުނެފައެވެ.

މި ޓްރަޔަލްގައި ބައިވެރިވި ފަރާތްތަކަށް ވެކްސިންގެ ދެ ޑޯޒް ދީފައިވާއިރު، ބައެއް ފަރާތްތަކަށް ދިން ވެކްސިންގެ ފުރަތަމަ ޑޯޒްގެ ވަނީ ކުޑަކޮށްފައެވެ. އަދި ނަތީޖާތައް ދެއްކިގޮތުން ވެކްސިންގެ ކުޑަ ޑޯޒް ދިން ފަރާތްތަކަށް 90 އިންސައްތަ އެފިޝިއަންސީ ދައްކާފައިވާއިރު، ސްޓޭންޑާޑް ދެ ޑޯޒް ދިން ފަރާތްތަކަށް ވެކްސިންގެ އެފިޝިއަންސީ ދައްކާފައި ވަނީ 62 އިންސައްތައެވެ.

އެސްޓްރަޒެނެކާއިން އާންމު ކުރި އެންމެ ފަހުގެ ނަތީޖާތައް ދައްކާގޮތުން ހަތަރު ހަފުތާގެ ދުރުމިނުގައި ދެ ޑޯޒްއިން ޖަހާ މި ވެކްސިނަކީ 70 އިންސައްތަ ކާމިޔާބު ވެކްސިނެކެވެ. އަދި މި ވެކްސިން ހަ މަސް ދުވަސްވަންދެން ރެފްރިޖަރޭޓަރގައި ރައްކާކޮށްފައި ބެހެެއްޓޭނެއެވެ. އެހެންކަމުން މިވެކްސިނަކީ ރައްކާތެރިކަަމާއިއެކު އެއް ގައުމުން އަނެއް ގައުމަށް ގެންދިއުމުގައި ވެސް އެންމެ ފަސޭހަ ވެކްސިނެވެ.

ޑިސެމްބަރ މަހުގެ 30 ވަނަ ދުވަހު އިނގިރޭސިވިލާތުން މި ވެކްސިން އެގައުމުގައި އެމަޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ދީފައިވާއިރު، އިންޑިއާއިން ކޮވިޝީލްޑް އެގައުމުގައި އެމަޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަދީފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހުއެވެ. މީގެ އިތުރުން މެކްސިކޯ، ބްރެޒިލް އަދި ޕާކިސްތާނުން ވެސް ވަނީ މި ވެކްސިނަށް ހުއްދަދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
0%
0%
0%
0%
ކޮމެންޓް