މާސްކް ނާޅައި ބޭރުގައި އުޅޭނަމަ އިންޒާރު ދިނުމެއް ނެތި ޖޫރިމަނާ ކުރާނެ ކަމަށް ފުލުހުން ބުނެފައިވަނިކޮށް އިިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގައިޑްލައިންތަކާ ޚިލާފަށް މުޒާހަރާ ކުރަން ފަށައިފިއެވެ.
ކޮވިޑާ ގުޅިގެން އެއްވުންތަކާއި ޙަފްލާތައްވެސް ބޭއްވުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭއިން) މަނާ ކޮށްފައިވާ މި ދަނޑިވަޅުގައި އިދިކޮޅުން ގެންދަނީ ސިލްސިލާކޮށް މުޒާހަރާ ކުރަމުންނެވެ. އެގޮތުން ހުކުރު ދުވަހުވެސް "އިންސާފު ކޮބައި" ގެ ނަމުގައި މާލެ ސަރަޙައްދުގެ އިތުރުން، އަތޮޅު ތެރޭގައި އެއްވުންތައް ބާއްވަމުންދާއިރު، އެޗްޕީއޭގެ ގައިޑްލައިންތަކާ ޚިލާފަށް ގިނަ އަދަދެއްގެ ބަޔަކު އުޅެމުންދާ މަންޒަރުތައް މުޒާހަރާއިން ފެންނަމުންދެއެވެ. އެގޮތުން މާސްކް އެޅުމެއް ނެތި އަދި ގައިދުރުކަމެއް ނެތި ގިނަ ބަޔަކު މަގުމަތީގައި ދަނީ ޙަރަކާތްތެރި ވަމުންނެވެ.
އެޗްޕީއޭގެ އެންގުންތަކާ ޚިލާފުވާނަމަ، ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭ ގޮތަށް އުސޫލަށް ބަދަލު ގެނެސްފައިވާއިރު، ފުލުހުންވަނީ މާސްކްނާޅައި އުޅޭނަމަ އެއްވެސް އިންޒާރެއް ދިނުމެއް ނެތި ޖޫރިމަނާ ކުރާނެ ކަމަށް ބުނެފައެވެ.
އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާ އެންގުންތަކާ ޚިލާފުވާ މީހުންނާ މެދު ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލަށް މިހާރު ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން އާންމު ފަރުދެއްނަމަ 1،000 ރުފިޔާއިން ފެށިގެން 10،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށާއި، ޤާނޫނީ ޝަޚުސެއްނަމަ 5،000 ރުފިޔާއިން ފެށިގެން 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށް ބުނެފައިވެއެވެ.
އެޗްޕީއޭއިން ބުނީ އާންމު ފަރުދެއްނަމަ އެންގުމާ ޚިލާފުވާ ފުރަތަމަ ފަހަރު 1،000 ރުފިޔާއިން، އެންގުމާއި ޚިލާފުވާ ދެވަނަ ފަހަރު 3،500 ރުފިޔާއިން، އެންގުމާ ޚިލާފުވާ ތިންވަނަ ފަހަރު 7،500 ރުފިޔާއިން، އަދި އެންގުމާ ޚިލާފުވާ ހަތަރުވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.
އަދި ޤާނޫނީ ޝަޚުސެއްނަމަ އެންގުމާ ޚިލާފުވާ ފުރަތަމަ ފަހަރު 5،000 ރުފިޔާއިން، އެންގުމާ ޚިލާފުވާ ދެވަނަ ފަހަރު 25،000 ރުފިޔާއިން، އެންގުމާ ޚިލާފުވާ ތިންވަނަ ފަހަރު 50،000 ރުފިޔާއިން އަދި އެންގުމާ ޚިލާފުވާ ހަތަރުވަނަ ފަހަރު 75،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެކަމަށާއި އަދި އެންގުމާއި ޚިލާފުވާ ފަސްވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.