ފާއިތުވި އަހަރު ނިމި، 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ މިހާތަނަށް ރާއްޖެއަށް އިންޓަނޭޝަނަލް 27 އެއަރލައިނަކުން ދަތުރުކުރާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ދުނިޔޭގެ ބޮޑެތި ގިނަ އެއަރލައިންތަކަކުން މިހާރު ރާއްޖެއަށް ދަތުރުކުރެއެވެ.
އެގޮތުން ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއިއެކު އެންމެ ފުރަތަމަ ރާއްޖެއަށް ދަތުރުކުރަން ފެށި އެއަރލައިނަކީ ގަތަރު އެއަރލައިނެވެ. މީގެ އިތުރުންވެސް އިންޓަނޭޝަނަލް ބޮޑެތި އެއަރލައިންތައްކަމަށްވާ ބްރިޓިޝް އެއަރވޭސް، އެމިރޭޓްސް ފަދަ އެއަރލައިންތަކުންވެސް ރާއްޖެއަށް ގިނަ ދަތުރުތަކެއް ދަނީ ކުރަމުންނެވެ.
މީގެ އިތުރުން އައު ގިނަ މާކެޓްތަކެއް ރާއްޖޭގެ ފަތުރުވެރިކަމަށް ތައާރަފްވެގެން ގޮސްފައިވާއިރު، ރަޝިއާގެ ބޮޑެތި އެއަރލައިންތައް ކަމަށްވާ އެއޮރޮފްލޯޓް ފަދަ އެއަރލައިންތަކުންވެސް ރާއްޖެއަށް ދަތުރު ކުރެއެވެ.
މިހާރު ރާއްޖެއަށް ދަތުރުކުރާ ގިނަ އެއަރލައިންތަކެއްގެ ޑިމާންޑް އިތުރުވުމާއިއެކު އެއަރލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތައް ވަނީ އިތުރުކޮށްފައެވެ.