ކ. މާލެ
|
29 ޖެނުއަރީ 2021 | ހުކުރު 12:58
ބިދޭސީ މަސައްކަތްތެރިންތަކެއް
ބިދޭސީ މަސައްކަތްތެރިންތަކެއް
ރާއްޖެއެމްވީ
އިކޮނޮމިކް މިނިސްޓްރީ
މުވައްޒަފުން ބައިތިއްބާ ތަންތަނުގެ މިންގަނޑުތައް ބަޔާންކޮށް ގަވާއިދެއް އެކުލަވާލައިފި
މުވައްޒަފުން ބައިތިއްބާ ތަންތަނުގެ ސަލާމަތީ ކަންކަން ހުންނަން ޖެހޭނެގޮތް ވެސް ބަޔާންކޮށްފައިވޭ

މުވައްޒަފުން ބައިތިއްބާ ތަންތަނުގެ މިންގަނޑުތައް ބަޔާންކޮށް ގަވާއިދެއް އިކޮނޮމިކް މިނިސްޓްރީން އެކުލަވާލައިފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އެކުލަވާލައި ގެޒެޓްކޮށްފައިވާ މި ގަވައިދަކީ ވަޒީފާދޭ ފަރާތުން، އެ ފަރާތުގެ މުވައްޒަފުން ދިރިއުޅުމަށް، ނުވަތަ ނިދުމަށް ހަމަޖައްސާ ތަންތަނާއި، އެ ތަންތަނުގެ ޒަރޫރީ ބޭނުންތަކަށް, އެ ތަންތަނުގައި ހުންނަންޖެހޭ ވަސީލަތްތަކާއި އެހެނިހެން ކަންކަމުގެ އާންމު މިންގަނޑުތައް ބަޔާންކުރާ ގަވާއިދެވެ.

ގަވައިދުގައި ބުނެފައިވާގޮތުން ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާތާ 6 (ހައެއް) މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.

މި ގަވާއިދަކީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ75-1 ގެ (ނ) ގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ. ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކުރާ އާންމު މިންގަނޑުތަކަށްވުރެ އިތުރަށް އެއްވެސް ޙައްޤެއް ނުވަތަ ޢިނާޔަތެއް މުވައްޒަފުންނަށް ލިބިދެވޭނެ ގޮތަށް، ވަޒީފާދޭ ފަރާތުން "އެކޮމަޑޭޝަން" ހަމަޖައްސައި ދިނުމަކަށް މި ގަވާއިދު ހުރަސް ނާޅާ ކަމަށެވެ. އަދި ގަވާއިދުގައި ބަޔާންކުރާ މިންގަނޑުތަކާ ޚިލާފުވާ ފަރާތްތައް، -/2،000 (ދެހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު، މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ވެސް ބުނެފައިވެއެވެ.

މި ގަވާއިދުގައި ވަނީ މުވައްޒަފުން ބައިތިއްބާ ތަންތަނުގެ ސަލާމަތީ ކަންކަން ހުންނަން ޖެހޭނެ ގޮތާއި، ބޮޑުމިނާއި، ވައި ދައުރުކުރުމާއި، ފާހާނަތަކުގެ ސާފުތާހިރުކަމާއި، ކެއިންބުއިމުގެ އިންތިޒާމުތަކާއި، ފެނުގެ ޚިދުމަތާއި، ނަރުދަމާގެ ޚިދުމަތް ލިބިގެން ހުންނަންޖެހޭ މިންގަނޑުތައް ކަނޑައަޅާފައެވެ. އަދި ކުނި ނައްތާލުމާއި، އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމަށް ޤާއިމްކޮށްފައިވާ ވަސީލަތްތަކާއި، ގައިން ގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވެސް ބަޔާންކޮށްފައެވެ.

- ކޮމެންޓް
29 ޖެނުއަރީ 2021 | ހުކުރު 19:00
ގަވައިދެއްހެދުނީމަ ނިމުނީ. މަގުމަތީގައި އުޅޭމީހުން ކިހިނެއް ހަދަނީ.