ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުން ކުލަބު އީގަލްސްއިން ފަހަތުން އަރައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށްފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން އީގަލްސް މޮޅުވީ ފަހަތުން އަރައި 3-2 ނަތީޖާއަކުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 27 ވަނަ މިނެޓުގައި އީގަލްސްގެ މިޑްފީލްޑަރު އިމްރާން ނަޝީދު (އިންމަ) ވަނީ ޔޫވީގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. އެކަމަކު އޭރިއާ ތެރޭގައި ހުހަށްހުރެ އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޔޫވީންނެވެ. އެގޮތުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް އަޙްމަދު ނިޒާމެވެ. އެކަމަކު ދެވަނަ ހާފުގައި އީގަލްސްއިން ވަނީ ތިން ލަނޑު ޖަހާ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. އެގޮތުން ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި އީގަލްސްއަށް ނަތީޖާ އެއްވަރުކޮށްދިނީ ޑިފެންޑަރު ހިސާމް ސަލީމް (ކޮކީ) އެވެ.
އަދި އޭގެ ފަހުންވެސް އީގަލްސްއިން ފުލުފުލުގައި ޔޫވީގެ ގޯލަށް ނުރައްކާކުރިއިރު، މެޗުގެ 61 ވަނަ މިނެޓުގައި ހަސަން ރާއިފް އަޙްމަދު (ހަންނަ) ގެ އެހީތެރިކަމާއެކު ފޯވާޑް މުޙައްމަދު ނާއިމް ވަނީ އީގަލްސްއަށް ލީޑު ނަގާދީފައެވެ. އަދި އޭގެ 10 މިނެޓު ފަހުން ބިދޭސީ މިޑްފީލްޑަރު އޮސާމާ އަންބާރު ވަނީ އީގަލްސްއަށް ލީޑު ފުޅާކޮށްދީފައެވެ.
އީގަލްސްއިން މެޗުގައި ލީޑު ފުޅާކުރި ނަމަވެސް، އޭގެ ފަހުން ޔޫވީން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް އީގަލްސްގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން އެ ޓީމުން ފަރަގު ކުޑަކޮށްފައިވަނީ މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ މިޑްފީލްޑަރު އަނަޓޯލީ ވްލަޝީޗޭފެވެ.
މި މެޗަށްފަހު ވާހަކަ ދައްކަމުން އީގަލްސްގެ އެސިސްޓަންޓް ކޯޗު މުޙައްމަދު ނިމާދު (ނިމާ) ބުނީ މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމަށް ތާރީފު ހައްގު ކަމަށާއި، ފަހަތުން އަރައި ޔޫވީ ބަލިކުރެވުން އެއީ ލީގުގައި ކުރިއަށް ދިޔުމަށް ލިބުނު ހިތްވަރެއް ކަމަށެވެ.
އަދި ޔޫވީގެ ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި) ބުނީ މި މެޗުން ބަލިވީ ލީޑު ލިބުނު ހިސާބުން ކުޅުންތެރިންނަށް ފަސޭހަކޮށްލެވުމުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ގޯސްތައް މަދު ކުރުމަށް ވިސްނާނެ ކަމަށްވެސް އޭނާ ބުންޏެވެ.
ޔޫވީ އަތުން ހޯދި މޮޅާއެކު އީގަލްސް އޮތީ ތާވަލުގެ ހަތްވަނައިގައި ކުޅުނު އަށް މެޗުން ލިބުނު އަށް ޕޮއިންޓާއެކުއެވެ. އަދި ހަވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށްވެސް އަށް މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ. އެކަމަކު ސަސްގެ ކުރީގައި އޮތީ ލަނޑުގެ ތަފާތުންނެވެ. އަދި އީގަލްސް އަތުން ބަލިވި ޔޫވީ އޮތީ ތާވަލުގެ ފުލުގައި އަށް މެޗުން އެންމެ ތިން ޕޮއިންޓާއެކުއެވެ.