އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ، އޭއެފްސީގެ އިންތިޚާބަށް އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ ރައީސް ކުވައިތުގެ ޝެއިޚް އަޙްމަދު އަލް-ފަހަދު އަލް-ސަބާހު ނުފޫޒު ފޯރުވިކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލައިގައި ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އިން ރާއްޖޭގެ މަރިޔަމް މުޙައްމަދު (މާޔަން) އަށް ތާއީދުކޮށްފިއެވެ.
އޭއެފްސީގެ އިންތިޚާބުގައި އެ އިދާރާގެ ހިންގާ ކޮމިޓީގެ އަންހެން މެމްބަރުގެ ގޮނޑި އަދި ފީފާ ކައުންސިލަށް އޭއެފްސީން ކަނޑައަޅާ އަންހެން މެންބަރުގެ ގޮނޑިއަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނޮމިނޭޓްކުރި މާޔަންއަށް ވަނީ ނާކާމިޔާބުވެފައެވެ. އެ އިންތިޚާބުގައި އެ ޖަމުޢިއްޔާގެ ހިންގާ ކޮމިޓީގެ އަންހެން މެމްބަރުންގެ ސައުތު ޒޯނުގެ ގޮނޑި ކާމިޔާބުކުރެއްވީ ބަންގްލަދޭޝްގެ މަހްފޫޒާ އަޚްތަރު ކިރަންއެވެ.
މާޔަން ތުހުމަތުކޮށްފައިވަނީ އޭއެފްސީގެ ހިންގާ ކޮމިޓީގެ ސައުތު ޒޯނުގެ ގޮނޑި އޭނާއާ ވާދަކުރެއްވި މަހްފޫޒާ އަޚްތަރު ކިރަންއަށް ކާމިޔާބުކޮށްދެއްވަން ޝެއިޚް އަޙްމަދު ނުރަނގަޅު ނުފޫޒު ބޭނުންކުރި ކަމަށެވެ. އެއާއެކު ޝެއިޚް އަޙްމަދާ ދެކޮޅަށް މާޔަން ހުށަހެޅި މައްސަލަ ފީފާގެ އިލެކްޓޯރަލް ކޮމިޓީން އިތުރަށް ތަހުގީގުކުރުމަށް އެތިކްސް ކޮމިޓީއަށް ފޮނުވީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އަދި ފީފާގެ އެތިކްސް ކޮމިޓީން މި މައްސަލަ ބެލުމަށްފަހު ކުޅިވަރުގެ އެންމެ މަތީ ކޯޓު ކަމަށްވާ ސީއޭއެސްއަށް ހުށަހެޅިއިރު، ސީއޭއެސްގައި މައްސަލަ ބަލަން ފެށީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.
މި މައްސަލައިގައި ހޯމަ ދުވަހު ސީއޭއެސްއިން ނިންމި ނިންމުމުގައި 2019 ވަނަ އަހަރު ކުރިއަށްދިޔަ އިންތިޚާބަށް ނުފޫޒުފޯރުވާފައިވާ ކަމަށް ކަނޑައަޅާފައިވީ ނަމަވެސް، ނުފޫޒުފޯރުވި ސީދާ ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ. އަދި މި އިންތިޚާބުގައި ޖިންސީ ތަފާތުކުރުން ހުއްޓުވިފައިނުވާ ކަމަށްވެސް އެ ކޯޓުން ވަނީ ނިންމާފައެވެ.
އެކަމަކު އެ އިންތިޚާބު އުވާލަން ނުވަތަ އަލުން ބޭއްވުމަށް އެދި މާޔަން ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަ ސީއޭއެސްއިން ވަނީ ބޭރުކޮށްލާފައެވެ. މާޔަން ހުށަހަޅާފައިވާ މައްސަލައިގައި އޭނާ ފާހަގަކުރި ނުކުތާތައް ރަނގަޅުކަން ކޯޓުން ފާހަގަކުރި ނަމަވެސް، މާޔަން އެދިފައިވާ ގޮތަށް އިންތިޚާބުގެ ނަތީޖާތައް ބާތިލުކުރުމުގެ ބާރު އެ ކޯޓަށް ނެތް ކަމަށް ބަޔާނުގައިވެއެވެ. އެ ގޮތުން އިންތިޚާބާ ބެހޭ ވަކި ނިންމުމެއް ނިންމާނީ އޭއެފްސީން ކަމަށްވެސް ސީއޭއެސްއިން ބުނެފައިވެއެވެ.
މިކަމާ ގުޅިގެން މާޔަން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އޭނާ ހުށަހެޅި މައްސަލައިގައިވާ ކަންތައްތައް ސީއޭއެސްއަށް ސާބިތުވެފައިވާތީ އެކަމާ އުފާކުރާ ކަމަށެވެ. އެކަމަކު ކަންބޮޑުވާ ކަމަކީ އޭއެފްސީގެ އެ އިންތިޚާބުގެ ނަތީޖާ ބާތިލުކުރަން ނުނިންމުން ކަމަށާއި، މިހާރު މިކަމުގައި ވީ އެންމެ އަވަހަށް އިންސާފުވެރި ނިންމުމެއް ނިންމަން ޖެހޭ ބަޔަކީ އޭއެފްސީ ކަމަށްވެސް ވަނީ ބުނެފައެވެ.
ޝެއިޚް އަޙްމަދާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި މާޔަންއަށް ކާމިޔާބު ހޯދިއިރު، މީގެ ކުރިން ރިޝްވަތުގެ ތުހުމަތުކުރެވުމުން ފީފާގެ ކައުންސިލް މެމްބަރުކަމުން 2017 ވަނަ އަހަރު ޝެއިޚް އަޙްމަދު ވަނީ އިސްތިއުފާ ދެއްވާފައެވެ. އޭނާ މިހާރު އަންނަނީ އެސޯސިއޭޝަން އޮފް ނޭޝަނަލް އޮލިމްޕިކް ކޮމިޓީސްގެ ރައީސްގެ މަގާމާއި ދުނިޔޭގެ ހޭންޑްބޯލް ފެޑެރޭޝަނުގެ ރައީސްގެ މަގާމު ފުރުއްވަމުންނެވެ.