ފ ނިލަންދޫގައި ހުރުމަށްފަހު، މާލެއަށް ދިޔަ މީހަކު ޕޮޒިޓިވްވުމާ ގުޅިގެން، ނިލަންދޫން 29 މީހަކު ކަރަންޓީން ކޮށްފިއެވެ.
އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ނިލަންދޫ ކައުންސިލުގެ ނައިބްރައީސް އަލީ މުޙައްމަދު ވިދާޅުވީ، ޚާއްސަ ހުއްދައިގެ ދަށުން އެންވަޔަރަންމަންޓް މިނިސްޓްރީގެ މަސައްކަތެއް ކުރުމަށް އެ ރަށަށް ދިޔަ 4 މީހުންގެ ތެރެއިން އެކަކު މަސައްކަތް ނިންމާފައި މާލެ ދިއުމަށްފަހު، ޓެސްޓުކުރިއިރު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ނިލަންދޫގެ 29 މީހަކު އެކަހެރި ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަލީ މުޙައްމަދު އިތުރަށް ވިދާޅުވީ، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ މަޝްވަރާގެ މަތިން އަޅުއްވަމުން ގެންދަވާ ކަމަށެވެ. އަދި އެމީހާ ޕޮޒިޓިވްވިކަން އެޗްޕީއޭއިން އަންގާފައިވަނީ ބުދަ ދުވަހު ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް، ނިލަންދޫ މިވަގުތު އޮތީ މޮނިޓަރިންގ ގެ ޙާލަތުގައެއް ނޫނެވެ.
އޭނާ ވިދާޅުވީ، ޚާއްސަ ހުއްދައިގެ ދަށުން ރަށްރަށަށް ދާއިރު، އެކަށީގެންވާ ރަނގަޅު ގައިޑްލައިންތަކެއް ހެދިފައިނުވާ ކަމަށެވެ.
2270 މީހުންގެ އާބާދީއެއް އޮންނަ ނިލަންދޫގައި ކޮވިޑާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވެއެވެ. އޭގެ ތެރޭގައި ކަރަންޓީނުގެ އުސޫލުތަކަށް ބޯލަނބާކަން ކަށަވަރު ކުރުމާއި، އަލާމަތް ހުންނަ މީހުން ޓެސްޓު ކުރުމަށް އާންމުކޮށް އަންގައި އިއުލާނު ކުރުމުގެ އިތުރުން، ފިހާރަތަކާއި ރެސްޓޯރަންޓުތަކުގައިވެސް އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލު ކުރުމަށް އިރުޝާދު ދީފައިވެއެވެ.