ކ. މާލެ
|
27 ޖެނުއަރީ 2021 | ބުދަ 22:01
ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗުގެ މަގާމުން އިސްތިއުފާދިން މުޙައްމަދު ޝާޒްލީ (ޝާޒް)
ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗުގެ މަގާމުން އިސްތިއުފާދިން މުޙައްމަދު ޝާޒްލީ (ޝާޒް)
އެފްއޭއެމް
ޝާޒްލީ އިސްތިއުފާދިނުން
ޓީސީގެ ކޯޗުގެ މަގާމުން ޝާޒްލީ އިސްތިއުފާދީފި
ޝާޒްލީގެ އިރުޝާދުގެ ދަށުން ޓީސީން ވަނީ މިހާތަނަށް ރަނގަޅު ކުޅުމެއް ދައްކާފައި
ނިޒާމްބެ އަލުން އަނބުރާ ޓީސީއާ ހަވާލުވާނެ ކަމަށް ވަނީ މައުލޫމާތުލިބިފައި

ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗުގެ މަގާމުން މުޙައްމަދު ޝާޒްލީ (ޝާޒް) އިސްތިއުފާދީފިއެވެ.

ޓީސީގެ ކޯޗުގެ މަގާމުން ބުދަ ދުވަހު ޝާޒްލީ އިސްތިއުފާދިންކަން "ރާއްޖެ.އެމްވީ" އަށް ވަނީ ކަށަވަރުވެފައެވެ. އެހެންކަމުން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ބުރާސްފަތި ދުވަހުގެ ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާ ދެކޮޅަށް ޓީސީ ކުޅޭ މެޗުގައި އެ ޓީމަށް އިރުޝާދުދޭނީ އެސިސްޓަންޓް ކޯޗުންނެވެ.

ޓީސީގެ ކޯޗުގެ މަގާމުން ޝާޒްލީ އިސްތިއުފާދިންއިރު، އޭނާ ޓީސީގެ ކޯޗުގެ މަގާމާ ހަވާލުވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އަދި ޝާޒްގެ އިރުޝާދުގެ ދަށުން މިދިޔަ އަހަރުގެ އޭއެފްސީ ކަޕުގައި ޓީސީ ވަނީ ވާދަކޮށްފައެވެ. އެކަމަކު ކޮވިޑް-19 އާ ގުޅިގެން ފަހުން އެ މުބާރާށތް ކެންސަލް ކުރިއެވެ. އަދި މި ސީޒަނުގައި ޒުވާން ސްކޮޑަކާއެކު ލީގާ ކުރިމަތިލި ޓީސީން ވަނީ މިހާތަނަށް ޝާޒްލީގެ އިރުޝާދުގެ ދަށުން މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ޓީސީ އޮތީ ތާވަލުގެ ހަތަރުވަނައިގައި ކުޅުނު ހަތް މެޗުން ލިބުނު ނުވަ ޕޮއިންޓާއެކުއެވެ.

ޓީސީގެ ކޯޗުގެ މަގާމުން ޝާޒްލީ އިސްތިއުފާދިންއިރު، އެ ޓީމުގެ ކުރީގެ ކޯޗު އަދި ދާދި ފަހުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗުގެ މަގާމުން އިސްތިއުފާދިން މުޙައްމަދު ނިޒާމް (ނިޒާމްބެ) ޓީސީއާ ހަވާލުވާނެ ކަމަށް "ރާއްޖެ.އެމްވީ" އަށް ވަނީ މައުލޫމާތު ލިބިފައެވެ.

ޝާޒްލީއަކީ މި ސީޒަނުގައި މިހާތަނަށް ޓީމާ ވަކިވި ފަސްވަނަ ކޯޗެވެ. އެގޮތުން މީގެ ކުރިން ޓީމާ ވަކިވި ކޯޗުންނަކީ މާޒިޔާގައި ހުރި ނިޒާމްބެ އާއި، އީގަލްސްގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) އާއި، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗު އަޙްމަދު ނާޝިދުގެ އިތުރުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ކޯޗު މުޙައްމަދު އާދަމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް