ކ. މާލެ
|
27 ޖެނުއަރީ 2021 | ބުދަ 19:46
ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި)
ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި)
އެފްއޭއެމް
އީގަލްސް އާއި ޔޫވީގެ މެޗު
ޔޫވީގެ ހަމައެކަނި މައްސަލައަކީ މެޗަކުން މޮޅު ނުވެވުން: ސާންތި
ލީގުގެ ފުލުގައި ޔޫވީ އޮތްއިރު، އީގަލްސް އޮތީ ތާވަލުގެ ފުލުން ދެވަނައިގައި
އީގަލްސް އާއި ޔޫވީ ބައްދަލުކުރާ މެޗު ފަށާނީ ބުރާސްފަތި ދުވަހުރޭ 21:00 ގައި

ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިން މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކަމަށާއި، ހަމައެކަނި މައްސަލައަކީ މެޗަކުން މޮޅު ނުވެ އޮތުން ކަމަށް އެ ޓީމުގެ ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި) ބުނެފިއެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރު ނިމި، ދެވަނަ ބުރުގެ ކުޅުން ފެށިއިރު، ލީގުގައި މިހާތަނަށް މެޗަކުން މޮޅުނުވެ އޮތް ހަމައެކަނި ޓީމަކީ ޔޫވީއެވެ. އެގޮތުން ޔޫވީ އޮތީ ތާވަލުގެ ފުލުގައި ކުޅުނު ހަތް މެޗުން ލިބުނު ތިން ޕޮއިންޓާއެކިއެވެ. މީގެ ކުރިން މި ސީޒަނުގައި ޔޫވީއަށް މުޙައްމަދު އާދަމް އިރުޝާދުދިންއިރު، މި މަހުގެ 16 ވަނަ ދުވަހުގެރޭ އޭނާ ވަނީ އިސްތިއުފާދީފައެވެ. އެއާއެކު ސާންތި ވަނީ މި ސީޒަނުގެ ނިޔަލަށް ޔޫވީއާ ހަވާލުވެފައެވެ.

ލީގުގައި ބުރާސްފަތި ދުވަހުގެރޭ ކުލަބު އީގަލްސްއާ ދެކޮޅަށް ނުކުތުމުގެ ކުރިން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސާންތި ބުނީ ޔޫވީން ލީގުގެ ދެވަނަ ބުރާ ކުރިމަތިލާއިރު އޮތް އެންމެ ބޮޑު ފައިދާއަކީ އަނިޔާގައި ތިބި ބައެއް ކުޅުންތެރިން، އަނިޔާއިން ސަލާމަތްވެ ކުޅުމާ ބައިވެރިވުން ކަމަށާއި، އޭގެ ތަފާތު ޔޫވީން ފެންނާނެ ކަމަށެވެ.

އަދި ޔޫވީން މި ސީޒަނުގައި ދައްކަމުން އަންނަނީ މޮޅު ކުޅުމެއް ކަމަށާއި، ޔޫވީއަށް ޖެހިފައި އޮތް ހަމައެކަނި މައްސަލައަކީ މެޗަކުން މޮޅު ނުވެ އޮތުން ކަމަށްވެސް ބުންޏެވެ. އެހެންކަމުން މެޗަކުން މޮޅުވާ ހިސާބުން ތަފާތު ޔޫވީއެއް ފެނިގެންދާނެ ކަމަށްވެސް ސާންތި ވަނީ ބުނެފައެވެ.

އީގަލްސްއާ ބެހޭ ގޮތުން ސާންތި ބުނީ އީގަލްސްއަކީ ލީގުގައި ރަނގަޅު ހިސާބަކަށް އަދިވެސް ދެވޭނެ ޓީމެއް ކަމަށާއި، ގިނަ ދުވަސްތަކެއް ވަންދެން އެއްކޮށް ކުޅުނު ކުޅުންތެރިންތަކެއް ތިބުން އެއީ އެ ޓީމަށް ލިބޭ ބޮޑު ފައިދާއެއް ކަމަށެވެ. އަދި އީގަލްސްއާ ދެކޮޅަށް ނުކުންނައިރު ބަލާނީ ތާކުންތާކުން ނުޖެހޭ ގޯސްތައް މަދުކުރުމަށް ކަމަށާއި، މި މެޗަށް ޔޫވީން ނުކުންނާނީ ތިން ޕޮއިންޓް ހޯދުމަށް ކަމަށްވެސް ސާންތި ބުންޏެވެ. އީގަލްސްއާ ދެކޮޅަށް ސާންތި ނުކުންނައިރު، މީގެ ކުރިން ސާންތި ވަނީ އީގަލްސްގައި ފަސް އަހަރު ހޭދަކޮށްފައެވެ.

ޔޫވީ މެޗުގެ ކުރިން އީގަލްސްގެ އެސިސްޓަންޓް ކޯޗު އަޙްމަދު ނިމާދު (ނިމާ) ބުނީ ލީގުގެ ފުރަތަމަ ބުރު ނިންމައި ދެވަނަ ބުރާއި އީގަލްސްއިން ކުރިމަތިލިއިރު، އަދިވެސް ޓީމު ތެރޭގައި އަނިޔާގެ މައްސަލަ ބޮޑު ކަމަށާއި، އެކަމަކު މި މެޗުން މޮޅުވެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި މި މެޗަށް ނުކުންނައިރު އެ ޓީމުން ވިސްނާނީ އެންމެ ފަހުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ކުޅުން ތަކުރާރުކުރުމަށް ކަމަށާއި، އެ ކުޅުން ތަކުރާރު ކުރެވިއްޖެނަމަ މި މެޗަކީ އީގަލްސްއަށް މޮޅުވެވޭނެ މެޗެއް ކަމަށެވެ.

ނިމާ ބުނީ ތަޖުރިބާގެ ގޮތުން ބަލާނަމަ ޔޫވީއަކީ އީގަލްސްއަށްވުރެ ވަރުގަދަ ޓީމެއް ކަމަށާއި، އެކަމަކު އީގަލްސްގައި ގައުމީ ޓީމުގެ ހަތަރު ކުޅުންތެރިން ތިބުމަކީ އެ ޓީމަށް އޮތް ފައިދާއެއް ކަމަށެވެ.

ނިމާގެ އިރުޝާދުގެ ދަށުން ޔޫވީއާ ދެކޮޅަށް އީގަލްސް ނުކުންނައިރު، މިދިޔަ މެޗުން އީގަލްސް ވަނީ ވަރުގަދަ މާޒިޔާއާ އެއްވަރުކޮށްފައެވެ. އީގަލްސްއަށް ނިމާ އިރުޝާދުދެމުން އަންނަނީ މި މަހުގެ 16 ވަނަ ދުވަހު އެ ޓީމުގެ ކޯޗުގެ މަގާމުން މުޙައްމަދު ޝިޔާޒް (މޯހަން) ވަކިވުމާ ގުޅިގެންނެވެ. ލީގު ތާވަލަށް ބަލާއިރު މި ވަގުތު އީގަލްސް އޮތީ ތާވަލުގެ ފުލުން ދެވަނައިގައި ހަތް މެޗުން ފަސް ޕޮއިންޓާއެކުއެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އީގަލްސް އާއި ޔޫވީ ބައްދަލުކުރާ މެޗު ފަށާނީ ބުރާސްފަތި ދުވަހުރޭ 21:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް