ކ. މާލެ
|
27 ޖެނުއަރީ 2021 | ބުދަ 18:58
މާޒިޔާ އާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން މާޒިޔާ މޮޅުވީ 2-1 ން
މާޒިޔާ އާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން މާޒިޔާ މޮޅުވީ 2-1 ން
ގެޓީ އިމޭޖަސް
ދިރާގު ދިވެހި ޕްރިމިއާ ލީގު
މާޒިޔާއަށް އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް
ވެލެންސިއާ އަތުން މާޒިޔާ މޮޅުވީ 2-1 ގެ ނަތީޖާއަކުން
ތާވަލުގެ އެއްވަނައިގައި މާޒިޔާ އޮތީ 18 ޕޮއިންޓާއެކު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ބުދަ ދުވަހުގެ ހަވީރު ކުލަބު ވެލެންސިއާ ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން މާޒިޔާ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ވެލެންސިއާއަށް މާޒިޔާގެ ގޯލާ އަމާޒުކޮށް ހަމަލާއެއް އުފެއްދިފައި ނުވާއިރު، މި ހާފުގައި މާޒިޔާއިން ވަނީ ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި މާޒިޔާގެ މިޑްފީލްޑަރު ހަމްޒާ މުޙައްމަދު (ހަމްޕު) އަށް ވަނީ އޭރިއާ ތެރެއިން ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެކަމަކު އޭނާ ފޮނުވާލި ބޯޅަ ވެލެންސިއާގެ ގޯލްކީޕަރު މުޙައްމަދު ފައިސަލް ވަނީ ދިފާއުކޮށްފައެވެ.

އޭގެ ފަހުން މެޗުގެ 21 ވަނަ މިނެޓުގައި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އަށް އޭރިއާ ތެރެއިން ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާވެސް ވެލެންސިއާގެ ގޯލްކީޕަރު ވަނީ ދިފާއުކޮށްފައެވެ. އަދި ފުރަތަމަ ހާފު ނިމެން ގާތްވެފައި ވަނިކޮށް އޭރިއާ ބޭރުން މާޒިޔާގެ ބިދޭސީ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ބާރު ހަމަލާއެއް އުފެއްދި ނަމަވެސް، އެ ހަމަލާވެސް މި ހާފުގައި މޮޅު ކުޅުމެއް ދެއްކި ފައިސަލް ވަނީ މަތަކޮށްފައެވެ.

އެކަމަކު މެޗުގެ ދެވަނަ ހާފު ފަށައިގެން 11 ވަނަ މިނެޓުގައި މާޒިޔާއިން ވަނީ ލީޑު ނަގާފައެވެ. ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ޑިފެންޑަރު ޕީޓަ ޕްލަނިޗެވެ. އަދި މެޗުގެ 69 ވަނަ މިނެޓުގައި ކޯނޭ ވަނީ މާޒިޔާއަށް ލީޑު ފުޅާކޮށްދީފައެވެ.

އޭގެ ފަހުން ވެލެންސިއާއިން ކުޅުން ރަނގަޅުކުރިއިރު، މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް އެންޓޯނިއޯ ސޮލާ މުލެޓް ދިން ޕާހަކުން އަލީ ފާސިރު (ސެންޓޭ) ވަނީ ލަނޑެއް ޖަހައި ވެލެންސިއާއަށް ފަރަގު ކުޑަކޮށްދީފައެވެ. އެކަމަކު އޭގެ ފަހުން މެޗުގެ 85 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ވެލެންސިއާގެ ބިދޭސީ ޑިފެންޑަރު ހޯސޭ އެންޓޯނިއޯގެ އަތުގައި ބޯޅަ ޖެހުމުން ރެފުރީ ވަނީ މާޒިޔާއަށް ޕެނަލްޓީއެއް ދީފައެވެ. އެކަމަކު މާޒިޔާގެ ކޯނޭ ފޮނުވާލި ޕެނަލްޓީ ވެލެންސިއާގެ ގޯލްކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މެޗަށްފަހު މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނީ މިއީ އޭނާ އެ ޓީމާ ހަވާލުވި ފަހުން އެ ޓީމު އެންމެ ރަނގަޅަށް ކުޅުނު މެޗު ކަމަށާއި، ލިބުނީވެސް ހައްގު މޮޅެއް ކަމަށެވެ. އަދި ލީގު ތާވަލުގެ ކުރީގައި ލީޑެއް ލިބުމުން އޭގައި ބަލަންޖެހޭ ކަންތައްތަކަށް ވުރެ މެޗަކުން މޮޅުވެގެން އިތުބާރު ރަނގަޅުވުން އެއީ އޭނާއަށް އޮތް ހިތްހަމަޖެހުމެއް ކަމަށްވެސް ބުންޏެވެ.

ވެލެންސިއާގެ ކޯޗު މުޙައްމަދު އާތިފް (އާތީ) ބުނީ މެޗު ދިޔައީ ދާދި ހަަމަހަމަކޮށް ކަމަށާއި، ވެލެންސިއާއަށް މެޗު ގެއްލުނީ ހެދުނު ގޯސްތަކެއްގެ ސަބަބުން ކަމަށެވެ. އަދި މާޒިޔާ އަތުން ބަލިވެގެން މާޔޫސްވާން ނުޖެހޭ ކަމަށާއި، އަދިވެސް ގަބޫލުކުރާ ގޮތުގައި ވެލެންސިއާ އޮތީ ރަނގަޅު ޓްރެކުގައި ކަމަށްވެސް އާތީ ބުންޏެވެ.

މި މޮޅާއެކު މާޒިޔާ އެއްވަނައިގައި އޮތީ ކުޅުނު އަށް މެޗުން ލިބުނު 18 ޕޮއިންޓާއެކުއެވެ. އަދި އެންމެ ފަހުން ކުޅުނު ހަތަރު މެޗުންވެސް މޮޅެއް ނުލިބި އޮތް ވެލެންސިއާ އޮތީ ތާވަލުގެ ދެވަނައިގައި އަށް މެޗުން 12 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބަށް ހަތް މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، ބުރާސްފަތި ދުވަހުގެ ހަވީރު ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅޭ މެޗުން ބަލިނުވެ ފަރުޖައްސާލައިފިނަމަ، ދަ ގްރާންޑޭއަށް ދެވަނައަށް އެރޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް