ތުރުކީއާ ސީރިއާ ގުޅޭ އިރު އުތުރު ބޯޑަރު ކައިރިއަށް ތުރުކީގެ އަސްކަރީ ފައުޖުތަކާއި ގުޅުމަށް އެމެރިކާގެ އަސްކަރިއްޔާގެ ފައުޖުތަކުން ޖަމާވެއްޖެއެވެ.
ތުރުކީއަށް އެހީތެރިވުމުގެ ގޮތުން އެމެރިކާގެ ފައުޖުތަކެއް ތުރުކީއާ ސީރިއާ ގުޅޭ ބޯޑަރު ކައިރިއަށް ޖަމާވީ ކުރުދީންގެ ހަނގުރާމަވެރިންގެ ފަރާތުން ތުރުކީގެ ފައުޖުތަކަށް އަތުވެދާނެ ހަމަލާއަކަށް އެހީތެރިވުމުގެ ގޮތުންނެވެ.
ކުރުދީ ހަނގުރާމަވެރިންގެ ފަރާތުން ތުރުކީއަށް ހަމަލާތަކެއް އަތުވެދާނެ ކަމަށް އެމެރިކާއާ ތުރުކީގެ އަސްކަރީ ފައުޖުތަކުން ތައްޔާރު މިވީ މިދިޔަ ހަފްތާގެ ތެރޭގައި ތުރުކީ ދިން ވައިގެ ޙަމަލާތަކެއް އިރާގާއި ސީރިއާގައި ކުރުދީންގެ ދެ ސަރަހައްދަކަށް އެރުމާއިއެކުއެވެ.
އެމެރިކާއާ ތުރުކީގެ ގުޅިފައިވާ ފައުޖުގެ އޮފިޝަލަކާއި ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި، އަސްކަރީ ފައުޖުތަކުން ވަނީ ސީރިއާ އާއި ތުރުކީ ގުޅޭ އިރުއުތުރު ބޯޑަރު ކައިރީގައި ވަރަށް ވަރުގަދައަށް ޕެޓްރޯލް ކުރަން ފަށާފައެވެ.
އެމެރިކާގެ އަސްކަރިއްޔާގެ އޮފިޝަލުންނާއި ހަވާލާދީ ޚަބަރުތައް ބުނާ ގޮތުގައި އެމެރިކާގެ އަސްކަރީ ފައުޖު އެސަރަހައްދަށް ދިއީ އައިއެސްއާ ދެކޮޅަށްކުރާ ހަނގުރާމައިގައި އެންމެ ވަފާތެރި ދެ ބައިވެރިންގެ މެދުގައި ނުތަނަވަސްކަމެއް އުފެދި މައްސަލައެއް ޖެހުނަ ނުދިނުމަށެވެ.
ކުރުދީންނަކީ އިރާގާއި ސީރިއާގައި އައިއެސްއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެމެރިކާއާ ގުޅިފައިވާ އިއްތިހާދަށް އެންމެ އިތުބާރު ކުރެވޭ އަދި އެބަޔެއްގެ ފަރާތުން އެންމެ އެހީތެރިކަން ލިބޭ ހަނގުރާމަވެރިންނެވެ.
ކުރުދީންގެ ދެ ސަރަހައްދަކަށް ތުރުކީގެ ވައިގެ ލަޝްކަރަށް ހަމަލާތަކެއް ދެވުނީ އޮޅިގެންކަމަށް ބުނެފައިވެއެވެ. އަދި އެ ހަމަލާއަކީ އައިއެސްއަށް އަމާޒުކޮށްދިން ހަމަލާއެއް ކަމަށާއި ކުރުދީންގެ ބާރުގެ ދަށުގައި އޮތްތަނަކަށް ހަމަލާ ދެވުނީ އެއްކުރެވުނު މައުލޫމާތު ގޯސްވެގެން ކަމަށް ބުނެފައިވެއެވެ.
ގުޅިފައިވާ އަސްކަރީ ފައުޖުތަކުގެ އިސް ފަރާތްތަކުން ވަނީ ކުރުދީންނާއި އަދި ތުރުކީންވެސް އެމީހުން ކުރަމުންދާ މައިގަނޑު މަސައްކަތްތަކަށް ފޯކަސް ކުރުމަށް ގޮވާލާފައެވެ.
އެމެރިކާގެ އަސްކަރީ ފައުތަކުން ޖަމާވެފައިވާ ބޯޑަރުގެ ސަރަހައްދަކީ މިހާރު އައިއެސްއާ ދެކޮޅަށް އެންމެ ބޮޑު އޮޕަރޭޝަނެއް ހިންގަމުންދާ ސަރަހައްދެވެ. އަދި އެސަރަހައްދުގައި ޙަރަކާތްތެރިވާ ކުރުދީން ހަނގުރާމަވެރިންނާއި އެމީހުންނަށް ވާގިވެރިވާ ސީރިއަން ޑިމޮކްރެޓިކް ފޯރސެސް (އެސްޑީއެފް) ގެ ފޯކަސް އައިއެސް ޖަމާއަތް ފޮހެލުމަށް ބެހެއްޓުމަށް އެމެރިކާގެ އަސްކަރިއްޔާ އިން އެދިފައިވެއެވެ.