އަސްކަރިއްޔާގެ ތަރައްގީއަށް ބޭރުގައުމުތަކުގެ އެހީތެރިކަން ލިބެނީ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ޞުލްޙައަށް ރާއްޖެއިންދޭ ސަމާލުކަމާއި ކުރާ މަސައްކަތުގެ ސަބަބުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ސިފައިންނަށް މަޤާމުގެ ކުރިއެރުން ދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ރާއްޖޭގެ އަސްކަރިއްޔާގެ ތަރައްޤީއަށް، ވަރަށް ގިނަ ޤައުމުތަކެއްގެ އެހީތެރިކަން، މިދިޔަ ދެ އަހަރުގެ ތެރޭގައި ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި، މިފަދަ އެހީތައް ރާއްޖެއަށް ލިބެނީ، ބައިނަލްއަޤްވާމީ މުޖުތަމަޢާއެކު، ހަރުދަނާ ގުޅުންތަކެއް ޤާއިމުކުރެވި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ޞުލްޙައަށް ރާއްޖެއިން ދޭ ސަމާލުކަމާއި އެކަމަށްޓަކައި ކުރާ މަސައްކަތް، ބޭރު ދުނިޔެއިން ބަލައިގަންނާތީ ކަމަށް ވިދާޅުވިއެވެ.
ވަކިން ޚާއްޞަ ގޮތެއްގައި، ރާއްޖެއަކީ ހަރުކަށި ފިކުރުތަކާއި، ޓެރަރިޒަމްގެ ޢަމަލުތަކާ ދެކޮޅަށް އަބަދުވެސް އަޑުއުފުލާ ޤައުމަކަށްވާތީ، އަދި ޞުލްޙަ ޤާއިމުކުރުމުގެ ގޮތުން، ރާއްޖޭގެ ޢަސްކަރިއްޔާ ވަރުގަދަ ކުރުމަކީ މުހިންމު ކަމެއްކަމަށް އެ ޤައުމުތަކުންވެސް ޤަބޫލުކުރައްވާތީ ކަމުގައި ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިކަންކަމުގެ ހެޔޮ ނަތީޖާ ރާއްޖެއަށާއި މި ސަރަޙައްދަށްވެސް ކުރާނެ ކަމަށެވެ.
ސިފައިންނަށް މަޤާމުގެ ކުރިއެރުން ދިނުމުގައިވެސް، ޒަމާނީ ޢަސްކަރިއްޔާތަކުގައި އެކަން ކުރަމުން އަންނަ ގޮތް ބަލައި، އެ ނިޒާމު ހަރުދަނާ ކުރުމަށް މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށާއި މަޤާމުގެ ކުރިއެރުން ދިނުމުގެ ނިޒާމު ހަރުދަނާވެގެން އަންނައިރު، ސިފައިންގެ ތަޢުލީމީ ފެންވަރަށާއި، އެމީހެއްގެ ސިފަވަންތަ އަޚްލާޤަށާއި، ނަތީޖާ ނެރެދޭ މިންވަރަށާއި، ހުނަރުވެރިކަމަށް އިސްކަންދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ދިވެހި ސިފައިންނަކީ އެއިރެއްގައި ކުރިމަތިވާ އެންމެ ބޮޑެތި ނުރައްކާތަކާ އެކަށޭނަ މިންވަރަށް، އަބަދުވެސް ތައްޔާރީ ޙާލަތުގައި ތިބެންޖެހޭނެ ބައެއް. އެއީ އަސްކަރީ ނުރައްކަލެއް ކަމަށްވިޔަސް، ނުވަތަ މަދަނީ ނުރައްކަލެއް ކަމަށްވިޔަސް، ނުވަތަ ޓެރަރިޒަމްގެ ނުރައްކަލެއް ކަމަށްވިޔަސް، ދިވެހި ސިފައިން ތިބެން ޖެހޭނީ، އެކަންކަމަށް ފުރިހަމައަށް ތައްޔާރުވެގެން. މިދެންނެވި ތައްޔާރީ ޙާލަތުގައި ދިވެހި އަސްކަރިއްޔާ ބޭއްވުމުގެ ބޭނުމުގައި، މިދިޔަ ދެ އަހަރުގެ ތެރޭގައި، ބޭރު ޤައުމުތަކާއެކު، ދިފާޢީ އަދި ސަލާމަތީ ގުޅުންތައް ވަރަށް ބޮޑަށް ބަދަހިކުރެވިއްޖެ،"ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް ވިދާޅުވީ ސިފައިންގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށާއި، އަސްކަރީ އުޅަނދުތަކާއި ސާމާނުތައް ތަރައްޤީކުރުމަށް، އެކުވެރި ޤައުމުތަކުގެ އަސްކަރީ އެހީތެރިކަންވެސް ވަރަށް ފުޅާ ދާއިރާއެއްގައި ލިބިވަޑައިގަންނަވާ ކަމަށެވެ.
އަދި އޭގެތެރެއިންވެސް ޑިފެންސް މިނިސްޓްރީގެ އައު ޢިމާރާތް އެޅުމަށް، އިންޑިއާ ސަރުކާރުން ދީފައިވާ 5.08 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން މިހާރު ކުރިއަށްދާ މަޝްރޫޢު ފާހަގަކޮށްލެވޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޖަޕާން ސަރުކާރުގެ އެހީގައި، ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރުގެ އައު ޢިމާރާތް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވާ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.