ކ. މާލެ
|
25 ޖެނުއަރީ 2021 | ހޯމަ 19:22
އަތޮޅުތެރޭގެ ސިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުތައް ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު
އަތޮޅުތެރޭގެ ސިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުތައް ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު
ހެލްތު މިނިސްޓްރީ
ސިއްޙީ ދާއިރާ ލާމަރުކަޒު ކުރުން
ހެލްތް މިނިސްޓަރުގެ ޔަޤީންކަން- މި ސަރުކާރުން ސިއްޙީ ދާއިރާ ލާމަރުކަޒު ކުރާނީ ރަމްޒީކަމެއް ގޮތަކަށް ނޫން
މެމްބަރުން މެދުވެރިކޮށް ކައުންސިލުތަކަށް ވަނީ ރަމްޒީކޮށް ޙަވާލު ކޮށްދެއްވާފައި
16 ރަށެއްގެ މަޝްރޫއުގެ އެގްރީމަންޓުތައް މިނިސްޓަރ ވަނީ ޙަވާލު ކޮށްދެއްވާފައި
ލާމަރުކަޒު ކުރުމުގެ މާނައަކީ ނަމެއްގައި އެކަން ކުރުމެއް ނޫން

މި ސަރުކާރުން ސިއްޙީ ދާއިރާ ލާމަރުކަޒު ކުރާނީ އޭގެ ޙަޤީޤީ މާނައިގައި ކަމަށް ހެލްތް މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އެހެން ވިދާޅުވީ، އަތޮޅުތެރޭގެ ސިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް 45 މިލިއަން ރުފިޔާގެ ޕްރޮޖެކްޓްތަކެއްގެ މަސައްކަތް ޙަވާލު ކޮށްދެއްވުމަށް އާދިއްތަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. މިނިސްޓަރ ވިދާޅުވީ، މި ޕްރޮޖެކްޓުތަކުގެ ސަބަބުން ރަށްރަށުގެ ހެލްތް ސެންޓަރުތަކަށް ދިމާވެފައިވާ ދަތިތަކުން ސަލާމަތް ވެވޭނެ ކަމަށާއި، މިއީ ލާމަރުކަޒު ކުރުމުގައި އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙުވެސް ބޭނުންފުޅުވަނީ ސިއްޙީ ޚިދުމަތްތައް ލާމަރުކަޒުކޮށް، ކުރިއަށް ގެންދިއުންކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، ލާމަރުކަޒު ކުރުމުގެ މާނައަކީ ނަމެއްގައި އެކަން ކުރުމެއް ނޫން ކަމަށެވެ. އަދި މި ސަރުކާރުން ސިއްޙީ ދާއިރާ ޙަޤީޤީ ލާމަރުކަޒު ކުރުމުގެ ތެރެއަށް ގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރަމްޒީ ގޮތުން ކުރާ ކަމެއް ނޫން މިއީ، އެއީ އަޅުގަނޑުމެންނަށް ދޭން ޖެހޭ ޚިދުމަތް އަޅުގަނޑުމެންނަށް ލާމަރުކަޒު ނުކޮށް ނުވެސް ދެވޭނެ، ރާއްޖޭގައި އެންމެ ބޮޑު އެންމެ މުހިއްމުކަމެއް ދެވިގެން މިހާރު މި ދަނީ ލާމަރުކަޒު ކޮށްގެން ޕަބްލިކް ހެލްތް ޚިދުމަތް ދިނުމަށް، ޕަބްލިކް ހެލްތުގެ ބައި އަޅުގަނޑުމެންނަށް ހިންގޭނީ ރައްޔިތުންގެ އެއްބާރުލުން ލިބިގެން، އަދި ކައުންސިލުގެ އެއްބާރުލުން ލިބިގެން، މަޖިލިސް މެމްބަރުންގެ އެއްބާރުލުން ލިބިގެން، އަދި އެކަމުގެ ފަންނީ ބޭފުޅުންގެ އެއްބާރުލުން ލިބިގެން، އަޅުގަނޑުމެން ބައިވަރު ބައްދަލުވުންތައް ރާވައި، ބައިވަރު މަޝްރޫއުތައް ރާވައިގެން މި އުޅެނީ، އިރާދަ ކުރެއްވިއްޔާ މި ކަންކަން ކުރިއަށް ގެންދަން،
ހެލްތް މިނިސްޓަރ އަހުމަދު ނަސީމް

މިނިސްޓަރ އިތުރަށް ވިދާޅުވީ، ސިއްޙީ ދާއިރާ ލާމަރުކަޒު ކުރުމުގެ ތެރެއިން ސަރުކާރުން މިހާރު އެންމެ އިސްކަމެއްދޭ އެއް ކަމަކީ ޕަބްލިކް ހެލްތް ދާއިރާ ލާމަރުކަޒު ކުރުން ކަމަށެވެ. އަދި އެކަމަށްޓަކައި ރަށްރަށުގެ ރައްޔިތުންނާއި، ކައުންސިލުތަކުގެ އިތުރުން، ދާއިރާތަކުގެ މަޖިލިސް މެމްބަރުންނާއި، ފަންނީ ބޭފުޅުންގެ އެހީތެރިކަމާއި އެއްބާރުލެއްވުން ބޭނުންވާނެކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އަހުމަދު ނަސީމް ވަނީ 2021 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީ ގައި ސިއްޙީ ދާއިރާއަށް ކަނޑައެޅިފައިވާ ބަޖެޓުގައި ހިމެނޭ މަޝްރޫއުތައް ކައުންސިލުތަކާ ޙަވާލުކޮށްގެން ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އަދި އެކި ދާއިރާތަކުގައި ކުރިއަށް ގެންދާ މަޝްރޫއުތައް އެ ދާއިރާއެއްގެ މެމްބަރުން މެދުވެރިކޮށް ކައުންސިލުތަކަށް ވަނީ ރަމްޒީކޮށް ޙަވާލު ކޮށްދެއްވާފައެވެ. އެގޮތުން 16 ރަށެއްގެ މަޝްރޫއުގެ އެގްރީމަންޓުތައް މިނިސްޓަރ ވަނީ ޙަވާލު ކޮށްދެއްވާފައެވެ.

- ކޮމެންޓް