އަދާލަތު ޕާޓީގެ އެތެރޭގެ އިންތިޚާބުގައި އެ ޕާޓީގެ ރައީސް ކަމަށް ޕާޓީގެ ރައީސްކަން މިހާރު ވެސް ކުރައްވަމުންގެންދަވާ އިމްރާން އަބްދުﷲ ކުރިމަތިލައްވާފައިވާއިރު އެމަނިކުފާނުގެ ކެމްޕެއިން ރަސްމީކޮށް ލޯންޗުކޮށްފިއެވެ.
ކެމްޕެއިން ލޯންޗުކުރުމުގެ ހަރަކާތް ބާއްވާފައިވަނީ އާދިއްތަ ދުވަހުގެ ސޯލްޓް ކެފޭ އެންޑް ރެސްޓޯރެންޓްގައެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން ވިދާޅުވީ ޕާޓީގެ އަމާޒަކީ ޢަދުލު އިންސާފުގެ މައްޗަށް ބިނާވެފައިވާ ދީނީ، ސިޔާސީ، އަދި އިޖްތިމާޢީ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުން ކަމުގައި ވިދާޅުވިއެވެ. އަދި މީގެ 100 އަހަރު ފަހުން ވެސް އެ އަމާޒަށް ބަދަލެއް ނާންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި އެމަނިކުފާނުގެ ރަނިންގ މޭޓް ކަމަށް ކުރިމަތިލެއްވި އަޙްމަދު ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަހްމަދު ޝަރީފް ވިދާޅުވީ ޕާޓީގެ ރަނިންގ މޭޓަކަށް ކުރިމަތިލެއްވި ނަމަވެސް އެ ޕާޓީގެ އެއްވެސް މަޤާމަކަށް ޝައުޤުވެރިކަން ނެތް ކަމަށެވެ.
ޕާޓީއަށް ޚިދުމަތް ކުރުމަށްޓަކައި މަޤާމަށް އަޅުގަނޑުގެ ޝައުޤުވެރިކަމެއް ނެތް. މިކަމަކީ އަޅުގަނޑު އުންމީދުކޮށްގެން ހުރިކަމެއް ނޫން. އަޅުގަނޑަކީ މި މަޤާމަށް އެންމެ ރަނގަޅު މީހާ ކަމަށް ޤަބޫލެއް ނުކުރަން.އަހްމަދު ޝަރީފް
އަދާލަތު ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށްޓަކައި ބާއްވާ ރިޔާސީ އިންތިޚާބު އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުއެވެ. އަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބު ބާއްވަން ނިންމައިފައިވަނީ އޮންލައިންކޮށެވެ. އެގޮތަށް ނިންމީ ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
މި ކެމްޕެއިން ލޯންޗުކުރުމުގެ ހަރަކާތުގައި އަދާލަތު ޕާޓީގެ އިސްވެރިން ވަނީ ބައިވެރިވެވަޑަައިގެންފައެވެ.