އިނގިރޭސި އެފްއޭ ކަޕުގެ ހަތަރުވަނަ ބުރުގައި ލިވަޕޫލް ބަލިކޮށް، ފަސްވަނަ ބުރުން މެންޗެސްޓާ ޔުނައިޓެޑް ޖާގައެއް ހޯދައިފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ. މިއީ ޔުނައިޓެޑް އަތުން ބަލިވެ އެފްއޭ ކަޕުން ލިވަޕޫލް ކެޓި 10 ވަނަ ފަހަރެވެ.
އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ލިވަޕޫލުންނެވެ. ރޮބާޓޯ ފިރްމީނޯ ދިން ޕާހަކުން މެޗުގެ 18 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ސަލާހެވެ. އެކަމަކު އޭގެ އަށް މިނެޓު ފަހުން މާކަސް ރަޝްފޯޑް ތަނަވަސްކޮށްދިން ފުރުސަތަކުން މޭސަން ގްރީންވުޑް ވަނީ ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ޔުނައިޓެޑުން ކުޅުން ރަނގަޅުކުރިއިރު، މި ހާފު ފަށައިގެން ތިންވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. ލިވަޕޫލުގެ ޒުވާން ޑިފެންޑަރު ރީސް ވިލިއަމްސް ހެދި ގޯހެއްގެ ފައިދާ ނަގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރަޝްފޯޑެވެ. އެކަމަކު އޭގެ 10 މިނެޓު ފަހުން ސަލާހު ވަނީ އިތުރު ލަނޑެއް ޖަހައި ލިވަޕޫލަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މި މެޗުން ޔުނައިޓެޑް މޮޅުވީ މެޗުގެ 78 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ބްރޫނޯ ފެނާންޑޭސް ކާމިޔާބުކުރި ލަނޑުންނެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ލިބުނު ހިލޭ ޖެހުމަކުންނެވެ.
މި މޮޅާއެކު އެފްއޭ ކަޕުގެ ފަސްވަނަ ބުރަށް ޔުނައިޓެޑް ދަތުރުކުރިއިރު، ފަސްވަނަ ބުރުގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ ވެސްޓް ހޭމް ޔުނައިޓެޑާއެވެ. ފަސްވަނަ ބުރަށް ވެސްޓް ހޭމް ދަތުރުކުރީ ހަތަރުވަނަ ބުރުގައި ތިންވަނަ ޑިވިޝަނުގެ ޑޮންކާސްޓާ އަތުން 4-0 ން މޮޅުވެގެންނެވެ.
މީގެ އިތުރުން ފަސްވަނަ ބުރުން ޗެލްސީ ޖާގައެއް ހޯދީ އާދީއްތަ ދުވަހުގެ ހަވީރު ކުޅުނު ހަތަރުވަނަ ބުރުގެ މެޗުގައި ދެވަނަ ޑިވިޝަނުގެ ލޫޓަން ޓައުން އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގެ ކުރީކޮޅު އެ ޓީމުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ 11 ވަނަ މިނެޓުގައި ޓެމީ އަބްރަހަމް ޗެލްސީއަށް ލީޑު ނަގައިދިންއިރު، އޭގެ ހަ މިނެޓު ފަހުން އަބްރަހަމް ވަނީ އިތުރު ލަނޑެއް ޖަހާ އެ ޓީމަށް ލީޑު ފުޅާކޮށްދީފައެވެ.
އެކަމަކު މެޗުގެ 30 ވަނަ މިނެޓުގައި ޖޯޑަން ކްލާކް ވަނީ ލަނޑެއް ޖަހާ ލޫޓަން ޓައުނަށް ފަރަގު ކުޑަކޮށްދީފައެވެ. އޭގެ ފަހުން ޗެލްސީން މި މެޗުގައި ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ 74 ވަނަ މިނެޓުގައި އަބްރަހަމް ވަނީ ޗެލްސީގެ ލީޑު އަލުން ފުޅާކޮށްދީ މެޗުގައި ހެޓްރިކް ހަދާފައެވެ.
މި މޮޅާއެކު އެފްއޭ ކަޕުގެ ފަސްވަނަ ބުރަށް ޗެލްސީ ދަތުރުކުރިއިރު، ފަސްވަނަ ބުރުގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ ދެވަނަ ޑިވުޝަނުގެ ބާންސްލޭއާއެވެ. ފަސްވަނަ ބުރަށް ބާންސްލޭ ދަތުރުކުރީ ހަތަރުވަނަ ބުރުގައި ނޯވިޗް ސިޓީ އަތުން 1-0 ން މޮޅުވެގެންނެވެ.