ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދަނިކޮށް ރާއްޖެއިން އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، ނިޔާވެފައިވަނީ އުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ނިޔާވިއިރު ފަރުވާ ހޯދަމުން ގެންދިޔައީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާ (ޑީއެޗްްް) ގައެވެ.
އެޗްޕީއޭއިން މައުލޫމާތު ދޭ ގޮތުގައި އޭނާ ނިޔާވެފައިވަނީ އާދިއްތަ ދުވަހުގެ ހަވީރު 4:27 ގައެވެ. އެއާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިވަނީ 51ށް އަރާފައެވެ.
މިހިނގާ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުވެސް ރާއްޖެއިން ކޮވިޑް ޖެހިގެން މީހަކު ނިޔާވެފައިވެއެވެ. އެއީ ޚަބަރު ހުސްވެގެން އައިޖީއެމްއެޗް ހޮސްޕިޓަލްގެ އިމަރޖެންސީ ރޫމްއަށް ގެންދެވުނު އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ފަހުގެ މައުލޫމާތުތައް ދައްކާ ގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑަށް ޓެސްޓް ކުރުމަށް 2748 ސާމްޕަލެއް ނަގާފައިވާއިރު، އޭގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 55 މީހެކެވެ. އެއީ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 31 މީހަކާއި، މީހުން ދިރިއުޅޭ ރަށަކުން ޕޮޒިޓިވްވި 9 މީހެއްގެ އިތުރުން، ރިސޯޓުތަކުން ޕޮޒިޓިވްވި 15 މީހެކެވެ.