ކ. މާލެ
|
24 ޖެނުއަރީ 2021 | އާދީއްތަ 15:21
2019 ވަނަ އަހަރުގެ ކްލަބު މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ހޯދި ބީއެމްއެލް ޓީމު
2019 ވަނަ އަހަރުގެ ކްލަބު މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ހޯދި ބީއެމްއެލް ޓީމު
ކްލަބު މޯލްޑިވްސް
ކުލަބު މޯލްޑިވްސް ކަޕް
ކުލަބު މޯލްޑިވްސް ކަޕް މެއި މަހު
ކޮވިޑާ ގުޅިގެން މިދިޔަ އަހަރުގެ މުބާރާތް ބާއްވާފައެއް ނުވޭ
މި އަހަރުގެ މުބާރާތް ފެށުމަށް ތާވަލުކޮށްފައިވަނީ މެއި މަހުގެ 13 ވަނަ ދުވަހު

ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ ކުލަބު މޯލްޑިވްސް ކަޕް މި އަހަރުގެ މެއި މަހު ބޭއްވުމަށް ނިންމައިފިއެވެ.

ކޮންމެ އަހަރަކު ކާމިޔާބުކަމާއެކު ބާއްވަމުން އަންނަ ކުލަބު މޯލްޑިވްސް ކަޕް މިދިޔަ އަހަރު ބާއްވާފައެއް ނުވެއެވެ. މިދިޔަ އަހަރުގެ މުބާރާތް އޭޕްރީލް މަހަށް އެންމެ ފުރަތަމަ ތާވަލުކުރި ނަމަވެސް، ރާއްޖެއިން ކޮވިޑް-19 ފެނުމާއެކު އެންމެ ފުރަތަމަ ޖުލައި މަހުގެ މެދަކާ ހަމައަށް މުބާރާތް ފަސްކުރިއެވެ. އެކަމަކު ކޮވިޑުގެ ހާލަތު ރަނގަޅު ނުވުމާއެކު މިދިޔަ އަހަރުގެ މުބާރާތް ކެންސަލް ކުރަން ޖެހުނެވެ.

"ރާއްޖެ.އެމްވީ" އަށް މައުލޫމާތު ދެއްވަމުން ކުލަބު މޯލްޑިވްސްގެ ސްޕޯޓްސް ޑިރެކްޓަރު އިސްމާޢީލް ސުވައިދު ވިދާޅުވީ މި އަހަރުގެ މެއި މަހުގެ 13 ވަނަ ދުވަހު މުބާރާތް ފެށުމަށް މިހާރު ތާވަލުކޮށްފައިވާ ކަމަށެވެ. އަދި އެކަމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށާއި، ވަރަށް އަވަހަށް ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް މުބާރާތުގެ ދައުވަތު ފޮނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކުލަބު މޯލްޑިވްސް ކަޕް ބާއްވާތާ 14 އަހަރު ވެފައިވާއިރު، މިހާރު ވަނީ މި މުބާރާތް ވަރަށް ބޮޑަށް ފުޅާކޮށްފައެވެ. އެގޮތުން އަންހެން އަދި ފިރިހެން ޑިވިޝަން މުބާރާތުގައި ހިމެނޭއިރު، ފިރިހެން ޑިވިޝަނުން ފުރުސަތު ދެވޭނީ 32 ޓީމަށް ކަމަށް ކުލަބު މޯލްޑިވްސްއިން މައުލޫމާތުދެއެވެ.

ކޮވިޑާ ގުޅިގެން މިދިޔަ އަހަރުގެ މުބާރާތް ކެންސަލް ކުރިއިރު، އެންމެފަހުން 2019 ވަނަ އަހަރު ބޭއްވި ކުލަބު މޯލްޑިވްސް ކަޕުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޔުނައިޓެޑް ބީއެމްއެލްއިންނެވެ. އެ ޓީމުން ޗެމްޕިއަންކަން ހޯދީ ފައިނަލް މެޗުގައި ވެމްކޯ އަތުން ފަސޭހަކަމާއެކު 6-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. އަދި އެ އަހަރުގެ އަންހެން ބައިގެގެ ޗެމްޕިއަންކަން ހޯދާފައިވަނީ އެމްޕީއެލްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް