އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހުގެރޭ އެޓަލަންޓާ އަތުން އެއްވަނައިގައި އޮތް އޭސީ މިލާން ބަލިވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން މިލާން ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މިއީ މި ސީޒަނުގެ އިޓާލިއަން ލީގުގައި މިލާން ބަލިވި ދެވަނަ މެޗެވެ.
މި މެޗުގައި މިލާނަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު، މެޗުގެ ފުރަތަމަ ހާފުގައި އެޓަލާންޓާއިން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 26 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއަން ރޮމޭރޯއެވެ. އަދި މެޗުގެ ދެވަނަ ހާފު ފަށައިގެން އަށްވަނަ މިނެޓުގައި ޔޮސިޕް އިލިޗިޗް ޕެނަލްޓީއަކުން އެޓަލާންޓާއަށް ލީޑު ފުޅާކޮށްދިންއިރު، މެޗުގެ 77 ވަނަ މިނެޓުގައި ޑުވާން ޒަޕާޓާ ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހާފައެވެ.
މި މެޗުގައި މިލާނުން ވަނީ ދާދި ފަހުން އެ ޓީމާ ގުޅުނު ކްރޮއޭޝިއާގެ ތަޖުރިބާކާރު ފޯވާޑް މާރިއޯ މަންޒުކިޗް ދެ ވަނަ ހާފުގައި ކުޅެން އަރުވާފައެވެ. އެކަމަކު މި މެޗުގައި މިލާނުން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، ލަނޑު ޖަހަން ކުރި މަސައްކަތްތައް ކާމިޔާބުވެފައެއް ނުވެއެވެ.
ހޮނިހިރު ދުވަހުގެރޭ މިލާން ބަލިވުމާއެކު، މިލާނާ ޕޮއިންޓުގެ ގޮތުން އެއްވަރުކުރުމުގެ ފުރުސަތު އިންޓަ މިލާނަށް ލިބުނެވެ. އެކަމަކު ދެވަނައިގައި އޮތް އިންޓަ ކުޅުނު މެޗުން ލަނޑެއް ނުޖެހި އުދިނޭޒީއާ ވަނީ އެއްވަރުވެފައެވެ.
އުދިނޭޒީގެ ދަނޑުގައި ކުޅުނު މި މެޗުގައި، މެޗު ޑޮމިނޭޓުކޮށްގެން އިންޓައިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، ލަނޑު ޖަހަން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބެއްނުވިއެވެ. އެގޮތުން މެޗުގައި އިންޓަގެ ލަޓާރޯ މާޓިނޭޒް ލަނޑެއް ޖެހި ނަމަވެސް، އެ ލަނޑު ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ. އަދި އެ ޓީމުގެ ނިކޯލޯ ބަރޭލާ ނުރައްކާތެރި ހަމަލާއެއް އުފެއްދި ނަމަވެސް، އެ ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ.
މި ނަތީޖާތަކާއެކު ލީގުގެ އެއްވަނައިގައި މި ވަގުތު މިލާން އޮތީ ކުޅުނު 19 މެޗުން ލިބުނު 43 ޕޮއިންޓާއެކުއެވެ. އަދި ދެވަނައިގައި އޮތް އިންޓައަށް 19 މެޗުން ލިބިފައިވަނީ 41 ޕޮއިންޓެވެ.